ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 15 ގޮތްޕެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރުއާނުގެ އިލްމު މުޅިރާއްޖެއަށް ފުޅާކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭގެ ތެރެއިން އެއްކަމަކީ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް އެކި ރަށްރަށުގައި ޤާއިމްކޮށް ޤުރުއާނަށް ލޯބިޖެހިފައިވާ މުޖުތަމަޢުއެއް އުފެއްދުމަށް ކުރައްވާ މަސައްކަތްތަކެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގެ ސްޓޭ މިނިސްޓަރ ޢަބްދުﷲ ސަޢުދާން ވިދާޅުވީ މީގެކުރިން ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ހުރިނަމަވެސް އެއިން ގިނަ ތަންތަނަކީ މަތީ ތަޢުލީމާބެހޭ ވުޒާރާގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގި ތަންތަން ނޫންކަމަށެވެ. ނަމަވެސް މިހާރު ޤުރުއާނާ ބެހޭ މަރުކަޒު ލެވެލްކޮށް ވަކި އިންސްޓިޓިއުޓްއަކަށް ބަދަލުވުމުން ހުރިހާ ޤޮތްޕެއްވެސް މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭންޑަޑަށް ބަދަލުކޮށް ރަޖިސްޓަރ ކޮށްގެން ހިންގާ ގޮފިތަކަށް ބަދަލުކުރަން ނިންމިކަމަށް ސަޢުދާން ވިދާޅުވިއެވެ. އެގޮތުން އެތަންތަނަށް ބޭނުންވާ ވަޞީލައްތައް ހޯދާ ވަކި ބަޖެޓެއް ކަނޑައަޅައިގެން މުޅިން އަލަށް ގޮފިތައް ތަރައްޤީކުރުމުގެ މަސައްކަތްކުރިއަށްދާކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ސަޢުދާން ވިދާޅުވީ 50 ގޮފީގެ ތެރެއިން 35 ތަނެއްގެ ރަޖިސްޓްރޭޝަންގެ މަސައްކަތް ނިންމާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން 25 ތަނެއްގައި މިހާރު ކިޔަވައިދޭން ފަށާފައިވާކަމަށް ސަޢުދާން ވިދާޅުވިއެވެ.
"މުދައްރިސުން ނެގުމަށް ބޭނުންވާ ބަޖެޓް ދިނުމަށް ސަރުކާރުން ނިންމާފައިވޭ. ބައެއް ރަށްރަށަކީ ޤުރުއާން މުދައްރިސުން ހޯދަން ވަރަށް އުނދަގޫ ރަށްތަކެއް. އެފަދަ ތަންތަނަށް ބިދޭސީން މުދައްރިސުން ގެނައިން. މުދައްރިސުން ގެންނައިރުވެސް އެއީ އިމާމްވެ ތަރާވީޚް ނަމާދުކުރާ، އަރަބިބަސްވެސް ކިޔަވައިދޭ މުދައްރިސުންކަން ބަލަން." އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގެ ސްޓޭ މިނިސްޓަރ ޢަބްދުﷲ ސަޢުދާން ވިދާޅުވިއެވެ.
ސަޢުދާން ވިދާޅުވީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ 15 ގޮތްޕެއްގެ އެޅުމަށްޓަކައި ކުންފުނިތަކާ ހަވާލުކޮށްފައިވާކަމަށާއި ބައެއް ތަންތަނުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށެވެ. މިހާރު ތަރައްޤީ ކުރަމުންދާ ތަންތަނަކީ އެކި ރަށްތަކުން ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވުމަށް އެދިފައިވާ ރަށްތަކުގައިކަމަށެވެ. ވަކިން ތަރައްޤީކުރާ ގޮފިތަކުގެ އިތުރުން މިހާރު ތަރައްޤީ ކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައިވެސް އެ މަރުކަޒުގެ ކްލާސްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ތ. ވޭމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
ކީރިތި ޤުރުއާނުގެ ދާއިރާއަށް ދަޢުލަތުން އަހައްމިއްޔަތުކަން ދޭ މިންވަރު މި ސަރުކާރުން އިތުރުކޮށްފައިވާއިރު، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރަތަކީ ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ބާއްވާ މުބާރާތަކަށް ވަނީ ހަދާފައެވެ. އަދި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު އިނާމުތައްދޭ، އެންމެ ޝަރަފްވެރި މުބާރާތައް ހަދާފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކޮށްފައިވާއިރު ހިފްޒް ކޮމިޓީތައްވެސް ވަނީ އިތުރުކޮށްފައެެވެ.
ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ 15 ގޮތްޕެއްގެ މަސައްކަތް ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ