ސިނގިރޭޓުން ނަގާ ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރުމަށްފަހު އަނެއްކާވެސް 4 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު މިއަދު ފާސްކޮށްފިއެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނައި މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ސަރުކާރު ހިންގާ ޕާޓީގެ އިތުރުން އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ވަނީ މި ބިލަށް ތާއީދުކުރައްވާފައެވެ. ނަމަވެސް، ބިލު ފާސްކުރުމުގެ ކުރިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ކަމާބެހޭ މުވައްސަސާތަކާ ބައްދަލުކޮށް، މި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ހުށަހަޅުއްވާފައެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.
މި އިސްލާހުގެ ދަށުން ސިނގިރޭޓާއި ބިޑީގެ އިތުރުން، ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ބަދަލުވެގެންދާނެއެވެ. މީގެ އިތުރުން މި ހުރިހާ ބާވަތަކުން 30 އިންސައްތައިގެ އެޑްވޮލެރަމް ޑިއުޓީއެއް ނެގުމަށްވެސް ވަނީ ނިންމާފައެވެ. ސަރުކާރުން ބުނި ގޮތުގައި މި ބަދަލު ގެނައީ 2024 ވަނަ އަހަރުގެ ފަހުކޮޅު ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ވަގަށް ސިނގިރޭޓު އެތެރެކުރުން އިތުރުވެފައިވާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) ގެ ލަފާގެ މަތިންނެވެ.
މި ބިލުގެ އަނެއް މުހިންމު ބޭނުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން، ދުންފަތާ ދުރުވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗު ފަދަ ސިއްހީ ވަސީލަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކުރުމަށް މި އިސްލާހުގައި ވަނީ ހިމަނާފައެވެ. މިއީ އާންމުން ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކުރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބައެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ސިނގިރޭޓް ޑިއުޓީ ކުޑަކުރަން ސަރުކާރު ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ