އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމަށް ވެރިކަންކުރާ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު އެންމެ ފަހުން ފުރުއްވި މުހައްމަދު ޝަކީލް އައްޔަންކޮށްފައިވާތީ އެމްޑީޕީގެ މެންބަރަކު ވެސް އެ ކޮމިޝަނަށް އައްޔަންކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ވީކިިހިނެއް؟ - އީސީއަށް ޝަކީލް އައްޔަންކުރަނީ،
އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނުގައި ހުސްވި މަގާމަށެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހު އީސީގެ މެންބަރުކަމަށް އައްޔަންކުރުމަށް ފަހު، އެ ކޮމިޝަނުގެ ރައީސަކަށް މިދިޔަ ހަފުތާ ޝަކީލް އައްޔަންކުރި އެވެ.
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޝަކީލް ފަދަ ސިޔާސީ ބޭފުޅަކު އީސީގެ ރައީސްކަމަށް ހަމަޖެއްސުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައި ނެތް މައްސަލާގައި 'ދައުރު'ން ސުވާލުކުރި އެވެ.
ތަފްސީލް - އެ ސުވާލުގެ ޖަވާބުގައި ނަޝީދު ފުރަތަމަ އިޝާރާތްކުރެއްވި ކަމަކީ 2008 ވަނަ އަހަރު ގާނޫނުއަސާސީގެ އިންތިގާލީ މަރުހަލާގެ މާއްދާއެއްގެ ތެރެއިން އީީސީ އެންމެ ފުރަތަމަ އެކުލަވާލީ ހުރިހާ ސިޔާސީ ޕާޓީއެެއްގެ މެންބަރުން އެ ތަނުގައި ތިބޭ ގޮތަށް ކަމެވެ.
ނަޝީދު ވިދާޅުވީ އީސީއަކީ ކުރިއަށް އޮތް ތަނުގައި ވެސް ހުރިހާ ޕާޓީއެއްގެ މެންބަރުން ތިބޭ މުއައްސަސާއެއްގެ ގޮތުގައި ހެދުމަކީ ރަނގަޅު ބަދަލަކަށް ވާނެ ކަމަށެވެ. އަދި މިހާރު ރައީސް ކޮމިޝަނުގެ ރައީސް އައްޔަންކުރާ ގޮތަށް އޮތުމުގެ ބަދަލުގައި، ކުރިން އޮތް ގޮތަށް ކޮމިޝަނުގެ މެންބަރުންގެ ވޯޓަކުން ކޮމިޝަނުގެ ރައީސް އިންތިހާބުކުރާ ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް ވެސް ނަޝިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދެނީ އެމްޑީޕީގެ މެންބަރެއް ވެސް އިލެކްޝަންސް ކޮމިޝަންގައި ބެއިންދުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ވެރިކަންކުރާ ޕީއެންސީގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުން ގެންދެވި ސިޔާސީ ބޭފުޅަކަށް އީސީން ޖާގަދިން އިރު، އެހެން ޕާޓީތަކަށް ވެސް އެ ގޮތަށް ފުރުސަތު ދެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިހާރު ވެސް ގާނޫނުން ރައީސަށް އެ ކަން ކުރުމުގެ ޖާގަ ލިބޭ ކަމަށް، ރާއްޖޭގެ ރައީސްކަމާއި މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.
"އެމްޑީޕީ ކައިރީގައި ރައީސް އަހާލަންވީ އެމްޑީޕީގެ ބޭފުޅެއް އިލެކްޝަންސް ކޮމިޝަނުގައި ބެއިންދުމަށް ނަމެއް ހުށަހަޅަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ގަސްތުކުރަމޭ. އެެހެންވީމާ އެއީ ކާކުތޯއޭ. އަޅުގަނޑުމެން ނަމެއް އަރުވާނަން. އޭރުން ރައީސުލްޖުމްހޫރިއްޔާއަށް އެ ނަމެއް މަޖިލީހަށް ފޮނުވައިގެން ފާސްކުރެވޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ވެރިކަންކުރާ ޕީއެންސީއަށް ވަފާތެރި މީހުން އީސީގައި ބައިތިއްބައިގެން ވެސް އިންތިހާބުތަކުގައި މަކަރު ނުހެދޭނެ ކަމަށެވެ. އަދި އެ ފުރުސަތު އެމްޑީޕީން ވެސް ނުދޭނެ ކަމަށާއި އިންތިހާބުތަކުގައި ފާރަވެރިވެ ތިބުމަކީ އެމްޑީޕީއަށް ފަރިތަ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އިންތިހާބު ވަގަކަށް ނުޖެހޭނެ. އިލެކްޓޯރަލް ލިސްޓު ރަނގަޅަށް އޮވެ ކުރިއާލާ އިއުލާންކޮށްފައިވާ ލިސްޓަކަށްވެ، އެ ލިސްޓަށް ވޯޓުލުން ކުރިއަށް ގެންގޮސް އެންމެންގެ ކުރިމަތީގައި ވޯޓު ގުނާފައި އިއުލާންކުރުން. އެ އަސާސީ ކަންކަން އެއީ އަޅުގަނޑުމެން ވަރަށް ފަރިތަ ކަންކަން. އެމްޑީޕީން އެ ކަންކަން ކައިރިން ބަލަމުން ގެންދާނަން،" ނަޝީދު ވިދާޅުވި އެވެ.
އެނގުން މުހިންމު -
މީގެ ކުރިން އީސީ އާއި އޭސީސީއަށް ރައީސް ނުވަތަ ނައިބު ރައީސުން ހޮވަނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން މި ދެ ކޮމިޝަންގެ ގާނޫނަށް 2024ގައި ގެނައި އިސްލާހަކާ އެކު، އެ މަގާމުތަކަށް މީހުން އިހްތިޔާރު ކުރުމުގެ ބާރު ދީފައިވަނީ ރައީސަށެވެ. އަދި ރައީސް އެ މަގާމަށް މީހުން އައްޔަން ކުރައްވަނީ މަޖިލީހުގެ ރުހުމާ އެކު އެވެ.
ޝަކީލް އީސީއަށް އައްޔަންކުރުމުން އެމްޑީޕީ މީހަކު ވެސް އެ ކޮމިޝަނަށް ލާން ނަޝީދު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ