ރޯދަ މަސް އައުމުގެ ކުރިން ހުރިހާ ރަށެއްގެ ކަރަންޓުގެ މައްސަލަ ހައްލު ކުރަނީ

ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ މިއަހަރުގެ ރޯދައިގެ ކުރިން ހައްލުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގދ. ފިޔޯރީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގިނަ ރަށްރަށުގައި ފެނަކާއިން ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ބޭނުންކުރާ ގިނަ ޖަނެރޭޓަރުތައް ހުރީ ބަދަލުކުރަން ޖެހިފައި ކަމަށެވެ. މިސަރުކާރާ ހަވާލުވި އިރު އެ ތަންތަން އޮތީ ރަނގަޅަށް ނުބަލަހައްޓާ ކަމަށާއި އިހުމާލުވެފައިވާތާ އެތައް އަހަރެއްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިދިޔަ އަހަރުވެސް ގިނަ އަދަދެއްގެ ފައިސާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހޭދަ ކުރަން ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޚާއްސަ މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށާއި އެގޮތުން ފިނޭންސް މިނިސްޓްރީއާއި ފެނަކައާ އެސްޓީއޯ އަދި އެމްޓީސީސީ ގުޅިގެން ކުރިއަށް އޮތް ރޯދަމަސް އައުމުގެ ކުރިން ކަރަންޓުގެ ައްސަލއެއް އޮތް ރަށެއްނަމަ ދޫކޮށްނުލާ ހުރިހާ ރަށެއްގަ ޖަނެރޭޓަރުތަކުގެ މައްސަލަ ހައްލުކުރުމަށް ގެންނަން ޖެހޭ ޖަނެރޭޓަރުތައް ގެނެސްދީ އިންސްޓޯލްކޮށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެއީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި އެހެން ނަމަވެސް އެ މަސައްކަތް މިހާރު ފެށިގެން ފެއްޓެވީ ކަމަށެވެ.
”ރަމަޟާން މަހު ތިޔަ ބޭފުޅުން ކަންބޮޑުވާންޖެހިވަޑައިނުގަންނަވާ ފެންވަރަށް ކަރަންޓުގެ މައްސަލަ ހައްލުކުރުމަކީ އަޅުގަނޑުމެން އަމާޒު ހިފިކަންތައް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލާނަން ތިޔަ ބޭފުޅުން ހިތްހަމަޖެހިވަޑައިގަންނަވާ ގޮތަށް ކޮށްދެވޭތޯ.“
ރާއްޖޭގެ ރަށްރަށުގައި ދޭތެރެ ދޭތެރެއިން އަބަދުވެސް ކަރަންޓުގެ މައްސަލަ ޖެހެ އެވެ. އެގޮތުން ރަށްރަށުގައި ހުރި ޖަނެރޭޓަރުތަކަށް ލޯޑު ބޮޑުވެގެން ކަރަންޓު ކެނޑުމާއި، ޖަނެރޭޓަރު ތަކުން ގޭބިސީތަކަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފައްދައި ނުދިނުމުގެ އިތުރުން މެއިންޓެންނަންސާ ގުޅޭ މައްސަލަތަކާހުރެ ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލައަކީ އަބަދުވެސް ޖެހޭ މައްސަލަތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ