އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށިތާ އަހަރެއް ފުރުނުއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުން 931 ބަލިމީހުން އުފުލުމަށް 787 ދަތުރު ކޮށްފައިވާކަމަށް މި ޚިދުމަތް ދެމުންދާ މޯލްޑިވިއަން އިން މިއަދު ހާމަކޮށްފިއެވެ.
މި ޚިދުމަތަށް އަހަރެއް ފުރުމާ ގުޅިގެން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއާއި، ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ އެއަރ އެމްބިއުލާންސް ބައްލަވާލެއްވުމަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި ވަޒީރު އަމީން ވިދާޅުވީ، މިއީ ޚަރަދު ބޮޑު މަސައްކަތެއް ނަމަވެސް، ރައީސްގެ އެދިވަޑައިގަތުމަކީ މި ޚިދުމަތް ދިވެހި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެފައިވަނީ، "ޚިދުމަތަށް އަހަރެއްވީއިރު 900 އަށްވުރެ ގިނަ ބަލި މީހުން އުފުލުމަށް 700 އަށްވުރެ ގިނަ ދަތުރުމިވަނީ ކޮށްފައި. މިއީ ވަރަށް ބޮޑު ކުރިއެރުމެއް" ކަމަށެވެ. އަދި މިއީ އަބަދުވެސް ކުރިއަރުވަމުންދާންޖެހޭނެ ޚިދުމަތެއްކަމުން އަދިވެސް ރަނގަޅުކުރަންޖެހޭ ކަންކަން ހުންނާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މޯލްޑިވިއަންގެ އެއަރ އެމްބިއުލާންސް ޚިދުމަތް އެންމެ ފުރަތަމަ ފެށިއިރު އެއްފަހަރާ އުފުލޭނީ 2 ބަލިމީހުންނެވެ. ނަމަވެސް މިހާރު މިވަނީ އެއްފަހަރާ 3 ބަލިމީހުން އުފުލޭނެ އިންތިޒާމު ހަމަޖައްސާފައެވެ. މިއީ މި ޚިދުމަތަށް ގެނެވުނު އެންމެ ބޮޑު އެއް ކުރިއެރުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް އަހަރެއްވީއިރު 787 ދަތުރުކޮށް 900 އަށްވުރެ ގިނަ ބަލި މީހުން އުފުލާފައިވޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ