ފޮނަދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން، ފެން ހިންދުމަށް ސިފައިން ހަރަކާތްތެރިވަނީ

ލ. އަތޮޅު ފޮނަދޫއަށް ބޯކޮށް ވާރޭވެހި އެ ރަށުގެ މަގުތަކުގައި ފެންބޮޑުވުމުން ފެން ހިންދުމަށް ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފުން ކުރި ޕޯސްޓެއްގައި ވަނީ، ބޯކޮށް ވާރޭވެހި، ބައެއް ބައެއް ރަށްތަކުގައި ފެންބޮޑުވަމުންދާތީ، އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ގޮތުން ފޮނަދޫގައި ފެންބޮޑުވެގެން ފެން ހިންދުމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ބުންޏެވެ. https://x.com/MNDF_Official/status/1909607242753626406 ފޮނުސޫގައި ފެންބޮޑުވުމަ ގުޅިގެން އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް "ސަން"އަށް ވިދާޅުވީ ފެންބޮޑުވި ނަމަވެސް އެއްވެސް ގެއްލުމެއް ލިބިގެން އެ ރަށު އެއްވެސް ފަރާތަކުން ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ. އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން، ރަށުގެ ހަ ސަރަހައްދެއްގައި ވަނީ ފެންހިންދާ ޕަމްޕު ބަހައްޓައިފައެވެ. ރިޔާޒް ވިދާޅުވީ އޭގެ ސަބަބުން ފެންބޮޑުވުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވޭ ކަމަށެވެ. އެހެން ނަމަވެސް އާންމުކޮށް ވެސް ރަށުގެ ފެންބޮޑުވާ ސަރަހައްދެއްގައި ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 53 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ އިދާރާ (މެޓް)އިންވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް، މިއަދު ހަވީރު 17:00އިން ފެށިގެން ރޭގަނޑު 23:00އަށް ހުދު ސަމާލު ނެރެފައެވެ. https://x.com/MetMaldives/status/1909570956986572833/photo/1 މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ. ދެ ފޫޓާއި ފަސް ފޫޓާ ދެމެދު ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރާއިރު، އެ އިދާރާއިން ބުނީ އާދައިގެ ވަރަކަށް ކަނޑު ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އެގޮތުން މިރޭ ވެސް ހުރިހަ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ