ސިޔާސީ މަންފާ ހޯދަން ކުޑަކުދިން ހަތިޔާރަކަށް ހަދައި ދުންފަތް ވެސް އޯކޭ!

"ސަރުކާރުން ވިޔަފާރި ހުއްޓުވިޔަސް، ސަޕްލަޔަރުންނަށް ފައިސާ ދައްކަންޖެހޭނެ. އެ ވިޔަފާރިއަށް ނެގި ލޯނު ދައްކަން އެބަޖެހޭ. އެ މީހުންގެ ވެސް ޅަދަރިން އެބަތިބި. އެ ކުދިންގެ ހައްގު ނެތީބާ. އެޗްއާރްސީއެމަށް އެކަން ބޮޑެއް ނުވި،"
ރާއްޖޭގެ ސިޔާސީ މައިދާނު ތަޣައްޔަރުވެފައި އޮންނަތާ އެތައް އަހަރެއްވެއްޖެ އެވެ. ސިޔާސީ މަންފާއެއް ނޫނީ ޕޮއިންޓު ކޮޅެއް ލިބެންޏާ ކޮންމެ ކަމެއް ވެސް ވަރިހަމަ އެވެ. އަޑުގަދަ މީހާގެ ރުއް ގިނަވާ އުސޫލުންނެވެ. ދެކޮޅު ނުޖެހޭ ވާހަކައެއް ދެއްކިޔަސް ވަރިހަމަ އެވެ. އަނެކާގެ އަބުރު ކަތިލައި، އެއްވެސް އަސާސެއް ނެތި ތުހުމަތުތައް އަމާޒުކޮށް، އަޑުއަހަން ހުންނަ މީހާ ލަދުން ލޯހުޅުވާނުލެވޭ އަޑުތައް ސިޔާސީ ޖަގަހަތަކާއި ޖަލްސާތަކުން އަބަދުވެސް އިވެއެވެ. އަންހެނުންނާއި ކުޑަކުދިންނަށް ބެލުމެއް ނޯވެ އެވެ.
މިފަދަ ހުތުރު އަމަލެއް މި ހަފްތާ ތެރޭގައި ވެސް ހިނގައި، އެކަމުގެ ބަހުސް ހޫނުކަންމަތީ އަދިވެސް ދަނީ ކުރެވެމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާ މެދު އޮތް ހިތްހަމަނުޖެހުން އެ މަނިކުފާނުގެ އާއިލާއާ ހަމައަށް ގެންދިޔައީ އެވެ. ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަ ދެއްކީ އެޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) އެވެ. އޭނާ ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރުމާއި ރައީސްގެ ދަރިކަލަކާއި ގުޅުވައި ވާހަކަ ދައްކާފަ އެވެ. އޭނާ ބުނި ގޮތުން ނަމަ، ވޭޕް މަނާކުރީ އެހެންވެ އެވެ. ދަރިންގެ ތަރުބިއްޔަތާ ގުޅުވައި، ރައީސްގެ ދަރިފުޅަށް ވެސް ނިސްބަތްކޮށް ދެއްކީ އެއްވެސް ގޮތަކަށް ދިފާއު ކުރެވޭނެ ނޫނީ ދިފާއު ކުރެވިގެން ވާނެ ވާހަކަތަކެއް ނޫނެވެ. 
އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެޗްއާރުސީއެމުން ވެސް ބުނީ އެހެންނެވެ. އެ ކޮމިޝަންތަކުން މައިގަނޑު ގޮތެއްގައި ބުނީ ކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކާފައި ވުމަކީ ހިޔާލުފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫނެވެ. 
ނަމަވެސް، މިއީ ރާއްޖޭގެ ސިޔާސީ މައިދާނެވެ. އެ ވާހަކަތަކުގެ ދިފާއުގައި ބަޔަކު ވަނީ ތެދުވެފަ އެވެ. އެ މީހުން ބުނާ ގޮތުން ނަމަ މިއީ އަލަށް ހިނގައިގެން އުޅޭ ކަމެއް ނޫނެވެ. ސިޔާސީ މައިދާނުގައި ސިޔާސީ ވެރިންގެ އާއިލާއަށައި ދަރިންނަށް ނިސްބަތްކޮށް މި ފަދަ ވާހަކަތައް މީގެ ކުރިން ވެސް ދައްކާފައި އެބަހުއްޓެވެ. އެހެންކަމުން، މަންދީގެ ވާހަކަތައް ދިފާއުކުރަން މާޒީ ވަނީ އުޒުރަކަށް ހަދައިފަ އެވެ. 
ގަބޫލުކުރަން ދަތިވިޔަސް، އެއީ ހަގީގަތެވެ. ނަމަވެސް، މާޒީ އާ ހިލާފަށް މިފަހަރުގެ މި ހުތުރު އަމަލުގެ އާ ބާބެއް ފެށީ އެކަމާ ގުޅިގެން އެމްޑީޕީގެ އެންމެ އިސްވެރިޔާ ވެސް އެކަން ދިފާއު ކުރެއްވީމަ އެވެ. 
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް އެ ވާހަކަތައް ގޯހެއް ނުވި އެވެ. ކުޑަކުއްޖެއް ސިޔާސީ ހަތިޔާރަކަށް ޕާޓީގެ އިސް މެމްބަރަކު ހެދުމުން ވެސް ފައްޔާޒަށް ގޯސްވީ، އެކަން ކުށްވެރިކުރި އީސީ އާއި އެޗްއާރުސީއެމް އެވެ. 
އެ ވަރުން ނުވެގެން، ސިއްހަތު ބޮޑެތި ގެއްލުންތައް ލިބޭ ކަމަށް ދުނިޔޭގެ ސިއްހީ މާހިރުން ބުނާ ވޭޕް ވެސް ފައްޔާޒަށް އޯކޭ ވެއްޖެ އެވެ. 
"ސަރުކާރުން ވިޔަފާރި ހުއްޓުވިޔަސް، ސަޕްލަޔަރުންނަށް ފައިސާ ދައްކަންޖެހޭނެ. އެ ވިޔަފާރިއަށް ނެގި ލޯނު ދައްކަން އެބަޖެހޭ. އެ މީހުންގެ ވެސް ޅަދަރިން އެބަތިބި. އެ ކުދިންގެ ހައްގު ނެތީބާ. އެޗްއާރްސީއެމަށް އެކަން ބޮޑެއް ނުވި،" އޭނާ ވިދާޅުވި އެވެ.ފައްޔާޒް ވިދާޅުވީ އަނބިދަރިން ކުރާ ކަންކަމާ ގުޅިގެން، ގޭތެރެއިން އެކަން ހައްލުނުކޮށް، ބާރު އޮތީތީ ކުއްލި ސިޔާސަތުތައް ގެނެސް، މުޅި ގައުމާއި ރައްޔިތުންނާއި ވިޔަފާރިތަކަށް އަސަރުކުރާ ކަހަލަ ކަންކަން ކުރަންޏާ އެ ސިޔާސަތާ ރައްޔިތުން ނުރުހޭނެ ކަމަށެވެ.
އެގޮތުން ސިޔާސަތު ހަދާ މީހުންނާ މެދު ބަސް ބުނެ، ވެރިން ހުތުރުކޮށް ކަން ކުރުމުން އެ ވާހަކަ ދައްކާއިރު ރީއްޗަށް ނުވެސް ދެއްކޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއީ އަމިއްލަ ޕާޓީ ވިޔަސް، އެއްވެސް ގޮތަކަށް ދެކޮޅު ޖެއްސޭނެ ދިފާއު ކުރުމެއް ނޫނެވެ. ކޮންމެ ގޮތަކަށް ސަރުކާރުން ކުރިޔަސް، ދުންފަތާއި ވޭޕް ހުއްޓުވަންޖެހޭ ކަމަށް މުޅި ގައުމު އިއްތިފާގުވެ އެވެ. އެ އެކަންޏެއް ނޫނެވެ. މައުސޫމް ކުޑަކުޑަ ކުއްޖަކަށް ނިސްބަތް ކޮށް ދެއްކި ވާހަކަތައް ވެސް ފައްޔާޒަށް ގޯހެއް ނުވި އެވެ. އެމްޑީޕީ އަކީ ދައުލަތުން ފައިސާ ދީގެން ހިންގާ ޕާޓީ އެކެވެ. ރާއްޖޭގެ ވެރިކަން ދެ ފަހަރެއްގެ މަތިން ކޮށްފައިވާ ޕާޓީއެކެވެ. ފައްޔާޒަކީ މިދިޔަ ސަރުކާރުގެ ވަޒީރެކެވެ. އޭގެކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. އަމިއްލަ ޕާޓީ ވިޔަސް، ގޯހެއް ހެދިއްޖެނަމަ، އެކަން ބަލައިގަތުމުގެ ހިތްވަރު ހުންނަންޖެހޭނެ، ނޫނީ ދައްކަވަންޖެހޭނެ ފެންވަރުގެ ބޭފުޅެކެވެ. 
ނަމަވެސް، އޭގެ ބަދަލުގައި ފައްޔާޒާއި އެމްޑީޕީން ނަމޫނާ މި ދެއްކީ ދިމާ އިދިފުށަށެވެ. ސިޔާސީ މައިދާނުގައި ޖެހިފައިވާ ލައްގަނޑު ފިލުވައިނުލެވިގެން އުޅެނީ މިފަދަ ޒިންމާދާރުކަންކުޑަ އަމަލުތަކުގެ ސަބަބުންނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ