ބަންގްލަދޭޝްގައި އަށް އަހަރުގެ ކުއްޖަކު ރޭޕްގެ ޝިކާރައަކަށްވެ މަރުވުމުން މުޒާހަރާ ކުރަނީ
ބަންގްލަދޭޝްގައި 8 އަހަރުގެ ކުއްޖަކު ރޭޕްގެ ޝިކާރައަކަށްވެ ލިބުނު އަނިޔާތަކުގެ ސަބަބުން މިދިޔަ ބުރާސްފަތި ދުވަހު މަރުވުމާ ގުޅިގެން އެ ގައުމުގައި ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ. އެ އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ މާޗް މަހުގެ ފަސްވަނަ ދުވަހުގެ ރެއާއި ޖެހިގެން އައި ދުވަހުގެ ހެނދުނާ ދެމެދު ވަގުތެއްގައި މަގޫރާ ސިޓީގައެވެ. އެވަގުތު އެ ކުއްޖާ ގެއިން ބޭރަށް ނިކުތީ އޭނާގެ ދައްތަގެ ގެއަށް ދިއުމަށް ކަމަށް ވެސް ކުއްޖާގެ މަންމަ ފުލުހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ. މި މައްސަލައިގައި ތުހުމަތު ކުރަނީ މަރުވި ކުއްޖާގެ ދައްތަގެ 18އަހަރުގެ ފިރިމީހާއަށެވެ. އެގޮތުން އެކުއްޖާގެ ދައްތަގެ ފިރިމީހާއާއެކު, އޭނާގެ މައިންބަފައިންނާއި ފިރިމީހާގެ ކޮއްކޮ ވަނީ ހައްޔަރުކޮށްފައެވެ. ބުރާސްފަތި ދުވަހުގެ ރޭ އެކުއްޖާ މަރުވި ޚަބަރު ލިބުމުން ގިނަ ބަޔަކުވެގެން ވަނީ އެ ހާދިސާ ހިނގި ކަމަށް ބުނާ ގޭގައި އަލިފާން ރޯކޮށްފައެވެ. ސަރުކާރުގެ އިންޓަ ސާވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 13:00 ހާއިރު (ޖީއެމްޓީ 07:00) އެ އަންހެން ކުއްޖާ މަރުވީ ތިން ފަހަރު ހާޓް އެޓޭކް ޖެހިގެން ކަމަށެވެ. އެ ކުއްޖާ މަރުވީ މާޗް މަހުގެ އަށްވަނަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓް ކުރި ފަހުން ހާލު ސީރިއަސްވެ، ހަ ދުވަސް ހޮސްޕިޓަލްގައި ހޭދަކޮށްފައެވެ. ރޭޕާއި މަރުގެ މައްސަލައިގެ ޝަރީއަތް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ބެލެވޭ ކަމަށް ގާނޫނީ ލަފާދޭ އާސިފް ނަޒްރުލްއާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވެއެވެ. ކުއްޖާގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، އިންސާފު އަވަސްކޮށްދީ އަންހެނުންނާއި ކުޑަކުދިންގެ ސަލާމަތާ ގުޅޭ ގާނޫނުތައް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލައި ގިނަ ބަޔަކު އަންނަނީ އެ ގައުމުގައި މުޒާހަރާ ކުރަމުންނެވެ. ކުއްޖާގެ ޖަނާޒާގެ ތެރެއިން -- އަދި ބަންގްލަދޭޝްގެ ވެރިކަން ކުރާ ޑާކާގެ، ޑާކާ ޔުނިޔާސިޓީގައި ވެސް ވަނީ ޢައިބަށް ކަށުނަމާދު ކޮށްފައެވެ. ބަންގްލަދޭޝްގައި ކުޑަކުދިން ރޭޕްކުރުމުގެ އަދަބަކީ މަރުގެ އަދަބު ކަމަށް 2020ވަނަ އަހަރު ފާސްކުރި ގާނޫނަކުން ވަނީ ކަނޑައަޅާފައެވެ. އެ ގާނޫނު ތައާރަފް ކުރީ ގޭންގަކުން 37 އަހަރުގެ އަންހެނަކު ރޭޕްކޮށް އަނިޔާކުރާ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލައާ ގުޅިގެންނެވެ. ލޯ އެންޑް އާބިޓްރޭޝަން ސެންޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި އަށް އަހަރު ތެރޭގައި ބަންގްލަދޭޝްގައި ކުޑަކުދިން ރޭޕް ކުރުމުގެ 3،438 މައްސަލަ ހުށަހަޅާފައިވާއިރު، ރޭޕްގެ ޝިކާރައަކަށް ވެފައިވާ އިތުރު އެތައް ބަޔަކު އެބަތިއްބެވެ. އޭގެ ތެރެއިން ގާތްގަޑަކަށް 539 ކުދިންނަކީ ހަ އަހަރުން ދަށުގެ ކުދިން ކަމަށާއި، 933 ކުދިންނަކީ ހަތް އަހަރާއި ބާރަ އަހަރާ ދެމެދުގެ ކުދިންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ