ބިންހެލުމާ ގުޅިގެން ތައިލޭންޑާއި މިޔަންމާގެ ޙާލަތު ވަރަށް ކައިރިން ދަނީ ބަލަމުން: ޑރ.ޚަލީލް

މިއަދު މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ޤައުމާއި ތައިލޭންޑްގެ ޙާލަތު ވަރަށް ކައިރިން ބަލަމުންދާ ކަމަށް ދިވެހި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ތައިލޭންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، އެ ޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި "މިޔަންމާގައި އެއްވެސް ދިވެހި ރައްޔިތަކު މިވަގުތު ހުރިތޯ ބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މަސައްކަތް ކުރަމުން" ދާކަމަށް ވެސް ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ތައިލޭންޑްގައި ތިބިކަމަށް މިހާތަނަށް ފާހަގަކުރެވުނު ހުރިހާ ދިވެހިންގެ ޙާލު ރަނގަޅު ކަމަށާއި، މިޔަންމާގައި ދިވެއްސަކު ހުރިކަމަށް އަދި މަޢުލޫމާތު ލިބިފައިނުވާ ކަމަށެވެ.
މި ކާރިސާއާ ގުޅިގެން އެހީތެރިކަން ބޭނުންވާ ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް، ތައިލޭންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރު +66611766502 އަދި ޚާރިޖީ ވުޒާރާގެ ހޮޓްލައިން ނަންބަރު +9607983400 އަށް ގުޅުމަށް އެ ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ.
މިޔަންމާއަށް އައި މި ބާރުގަދަ ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު، މިޔަންމާއާ އިންވެގެން އޮތް ތައިލޭންޑްގެ ވެރިރަށް ބެންކޮކްގެ އިތުރުން ޗައިނާގެ ޔުންނާން ޕްރޮވިންސްގެ ބައެއް ރަށްތަކަށް ވެސް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ