ދިވެހިރާއްޖޭގެ އެތައް ހާސް އަހަރެއްވި ޤައުމީ ހަޔާތުގައި އޮތް އެންމެ ބޮޑު އަމާނަތަކީ ދިވެހި ދައުލަތުގެ ސިޔާދަތުކަމަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނަންވާނީ ދިވެހި ދައުލަތުގެ ސިޔާދަތީ މިނިވަންކަމަށް ބުރޫ ނާރާނޭގޮތަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މި ހިނގާ 2025 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ރާއްޖެއަށް ކުރިއެރުން ލިބޭ ޤައުމުތަކާއެކު ގުޅުން ބަދަހިކުރުންކަމަށާއި ދައުލަތުން އެންމެ އިސްކަންދޭ ކަމަކީ އަމަންއަމާންކަން ކަމުގައި ވިދާޅުވިއެވެ. އަދި، އަވަށްޓެރި ޤައުމުތަކަށް ދިވެހިރާއްޖެއިން އިސްކަންދޭނެ ކަމަށާއި ބައިނަލްއަޤްވާމީ ޞުލްޙައާއި، އަމާންކަމާއި ދިވެހި ޤައުމުގެ ކުރިއެރުމަށް މަގުފަހިވާ ގޮތަށް، ދެން ހުރި ޤައުމުތަކާއެކު ވެސް ގުޅިގެން ދައުލަތުން މަސައްކަތްކުރައްވާނޭ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އެގޮތުން، އެހެން ޤައުމުތަކުގެ ބިންތައް ހިފައިގަތުމާއި، ފުރާނަޔަށް ގެއްލުންދިނުމާއި، އިންސާނީ ކަރާމާތަށް އަރައިގަތުން ފަދަ ޖަރީމާތައް ދިވެހި ރާއްޖެ އެއްގޮތަކަށްވެސް ބަލައި ނުގަންނާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްޞަކޮށް ފަލަސްޠީނުގެ މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ އެޕްލިކޭޝަނަށް ރާއްޖެއިން ތަދައްޚުލުވުމަށް ނިންމައި، ރާއްޖޭން ވާނީ ފާއިތުވި އަހަރު ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ހުށަހަޅާފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކާ، އ.ދ. އާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ދުނިޔޭގެ އެކި ޤައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރު ދިވެހި ރައްޖެއިން ކޯ ސްޕޮންސަރކޮށްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި، ޣައްޒާއަކީ ފަލަސްޠީނު ރައްޔިތުންގެ މިލްކެއްކަމަށާއި ޣައްޒާއިން ފަލަސްތީން ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ސްޓޭންޑަކީ އިރުމަތީ ޖެރޫސަލަމްއަކީ ފަލަސްޠީނުގެ ވެރިރަށްކަމަށާއި، ފަލަސްޠީނުގެ ވަކި ދައުލަތެއް އުފެއްދުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ވަކި ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްޠީންގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ ދިވެހި މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް ވޭތުވެދިޔަ އަހަރު ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ކަނޑާ އެއްގަމާ ވައިގެ ގޮތުން ވެސް އަމިއްލަ ޤައުމު އަމިއްލައަށް ދިފާޢުކުރެވޭނެވަރުގެ ޤާބިލުކަން އުފެއްދުމުގެ ގޮތުން، ކޯސްޓްގާޑްގެ ސްޕެޝަލް އޮޕަރޭޝަންތަކަށް "ސްޕެޝަލް ބޯޓް ސްކޮޑްރަން" 03 ނޮވެންބަރު 2024 ގައި އުފެއްދެވުމާއި ކޯސްޓްގާޑްގެ ސްޕެޝަލް އޮޕަރޭޝަންތަކަށް "ސްޕެޝަލް ބޯޓް ސްކޮޑްރަން" 03 ނޮވެންބަރު 2024 ގައި ތަޢާރަފްކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހި ފުލުހުންނާއި ސިފައިންގެ ޤާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން، ދެއިދާރާއަށް ބޭނުންވާ ފަންނީ އަދި ތަޢުލީމީ އަދި ވަޞީލަތްތައް އިތުރުކުރުމުގެ ގިނަ މަސައްކަތްތައް މިހާތަނަށް ކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، 17 ނޮވެންބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް 27 ރަށުގައި ޕޮލިސް ސްޓޭޝަން ހުޅުވިފައިވާ ކަމަށާއި މިއަހަރުގެ އަމާޒަކީ ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިނުވާ 39 ރަށުގައި ޚިދުމަތް ފެށުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، 20 ރަށެއްގައި ޤާއިމުކުރެވިފައިވާ ފުލުހުންގެ ޚިދުމަތްދޭ ވަގުތީ ތަންތަނުގެ ބަދަލުގައި، ފުރިހަމަ ދާއިމީ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރިޔާސީ ބަޔާން 2025: ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާންވާނީ ދިވެހި ދައުލަތުގެ ސިޔާދަތީ މިނިވަންކަމަށް ބުރޫ ނާރާނޭގޮތަށް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ