އަދިވެސް ހިދުމަތް ދޭން ނުފަށާ ޑިވެލޮޕްމެންޓް ބޭންކަށް މާޗު މަހުގެ ނިޔަލަށް 6.5 މިލިއަން ރުފިޔާ ހަރަދުކޮށްފި އަދިވެސް ހިދުމަތް ދޭން ނުފަށާ ޑިވެލޮޕްމެންޓް ބޭންކަށް މާޗު މަހުގެ ނިޔަލަށް 6.5 މިލިއަން ރުފިޔާ ހަރަދުކޮށްފި

އުމްރާނީ ތަރައްގީއަށް ލޯނު ދޫކުރަން ހާއްސަކޮށް ހުޅުވި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ހިދުމަތް ދޭން ނުފަށަނީސް، މިދިޔަ މާޗު މަހުގެ ނިޔަލަށް އެތަނަށް 6.5 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ޑިވެލޮޕްމެންޓް ބޭންކު އުފެއްދުމުގެ މަސައްކަތުން ފެށިގެން އެ ބޭންކަށް އަދި ބޭންކާ ގުޅޭ ކަންކަމަށް ފިނޭންސް މިނިސްޓްރީން ކުރި ހަރަދު ހޯދުމަށް ގާނޫނީ ވަކީލު، އަހުމަދު މައުރޫފް އެދި ހުށަހެޅުމުން އެ މިނިސްޓްރީން މިއަދު ފޮނުވި ޖަވާބުގައި ބުނީ އެތަނުގެ ހަރަދަށް މިދިޔަ މާޗު 25، ގެ ނިޔަލަށް 6،566،338ރ. 20ލ. ހަރަދުކޮށްފައިވާ ކަމަށެވެ.
އެ ފައިސާ ހަރަދުކޮށްފައިވާ ގޮތުގެ ތަފުސީލެއް ފިނޭންސް މިނިސްޓްރީގެ ޖަވާބުގައި ހިމަނައިފައެއް ނުވެ އެވެ. ނަމަވެސް އެއީ ޑީބީއެމްގެ ކޮން ކަންކަމަކަށް ހަރަދު ކޮށްފައިވާ ފައިސާކަން ޖަވާބުގައި ބަޔާން ކޮށްފައިވެ އެވެ. އެއީ:
ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އަމާޒުގައި މި ސަރުކާރުން އުފެއްދި ޑިވެލޮޕްމެންޓް ބޭންކު ހުޅުވީ މިދިޔަ ނޮވެމްބަރު 16، ގައި ރައީސް ޑރ، މުހައްމަދު މުއިއްޒު އެވެ. މި ސަރުކާރުގެ ފުރަތަމަ އެއް އަހަރުދުވަހުގެ ކާމިޔާބީތަކުގެ ތެރޭގައި ވެސް އެކަން ފާހަގަކުރި އެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް އެތަނުން އެއްވެސް ހިދުމަތެއް ދޭން ފަށައިފައެއް ނުވެ އެވެ. އެތަނުގެ ހިދުމަތް ދޭން ނުފެށި އުޅެނިކޮށް މިދިޔަ މާޗު 23، ގައި އެ ބޭންކުގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއަށް ދެންޖެހޭ މުސާރަ އާއި އިނާޔަތްތައް ނުދޭތީކަން ފަހުން ވަނީ ހާމަވެފަ އެވެ.
ޑިވެލޮޕްމަންޓު ބޭންކު އުފައްދަވަން ރައީސް މުއިއްޒު ނިންމެވީ މިދިޔަ އަހަރުގެ މެއި، 2024، ގަ އެވެ. އެ ބޭންކު ހުޅުވާނެ ކަމަށް ސަރުކާރުން އެންމެ ފުރަތަމަ ބުނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ލަސްވަމުން ގޮސް، ނޮވެމްބަރު 16، ގައި އެ ތަން ހުޅުވިއިރު ވެސް އެތަނުގެ މަސައްކަތްތައް އެއްކޮށް ނުނިމެ އެވެ.
ޑިވެލޮޕްމަންޓު ބޭންކު ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރީ އޮކްޓޯބަރު 13 2023، ގަ އެވެ. ލައިސެންސް ދޫކުރީ އަހަރެއްގެ ތެރޭގައި ބޭންކިން ހިދުމަތް ދިނުމަށް ޝަރުތު ކުރުމަށްފަހެވެ. އެހެންކަމުން ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި ޑީބީއެމްގެ ހިދުމަތް ދޭން ފަށަން ޖެހޭނެ އެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ މިހާރު އޮތް ބޭންކިން ނިޒާމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ޖާގައެއް ނެތް ކަމަށާއި ބޭންކިން ނިޒާމުގެ ތެރެއަށް ޑިވެލޮޕްމެންޓް ބޭންކެއް ވައްދަން ޖެހުނީ އެ ސަބަބާ ހުރެ ކަމަށެވެ. އަދި އެ ބޭންކު ގާއިމު ކުރުމުން ތަރައްގީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނުމުގަ މިހާރަށް ވުރެ މާ ލުއި ގޮތްތަކެއް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ