ނޭޝަންސް ލީގުގެ ފައިނަލުން ޕޯޗުގަލް ޖާގަހޯދައިފި
ޔުއޭފާ ނޭޝަންސް ލީގުގެ ފައިނަލުން ޕޯޗުގަލް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލުން ޕޯޗުގަލް ޖާގަހޯދާފައިވަނީ މިޔުނިކްގެ އަލިއާންޒް އެރީނާގައި ރޭ ކުޅުނު ސެމީފައިނަލްގައި ޖަރުމަނުވިލާތާއި ބައްދަލުކޮށް ދެ ލަނޑު އެއް ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިމެޗުގައި ޕޯޗުގަލްއިން ކާމިޔާބުކުރި ދެ ލަނޑު ޖަހާފައިވަނީ ޖަރުމަނުން ލަނޑެއް ޖަހާ ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ޖަރުމަނުން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ޕޯޗުގަލްއިންނެވެ. ނަމަވެސް މިމެޗުގެ ފުރަތަމަ ހާފު ދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މިމެޗުގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ކާމިޔާބު ކޮށް ލީޑު ނަގާފައިވަނީ ޖަރުމަނުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖަރުމަނުވިލާތަށް 100ވަނަ މެޗު ކުޅެދެމުންދިޔަ ޖޯޝުއާ ކިމިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ފްލޮރިއަން ވާޓްޒްއެވެ. މިލަނޑާއެކު މިމެޗުން ޖަރުމަނު މޮޅުވެދާނެކަމަށް ގިނަ ބަޔަކަށް ގަބޫލް ކުރެވުނު ނަމަވެސް ހިތްވަރު އެލުވާނުލާ ކުޅެމުންދިޔަ ޕޯޗުގަލް ޓީމުގެ ވިސްނުން ހުރީ ބަލި ގަބޫލުކުރާ ގޮތަކަށް ނޫނެވެ. ނަތީޖާ އަކަށްވީ މެޗުގެ 63ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ފްރަންސިސްކޯ ކޮންސެއިސާއޯ ކާމިޔާބު ކޮށްދިން ލަނޑަކާއެކު މެޗުގެ ނަތީޖާ ހަމަހަމަ ވުމެވެ. އަދި މިލަނޑު ކާމިޔާބު ކުރިތާ ފަސް މިނެޓް ފަހުން ނޫނޯ މެންޑޭޒް ނަގާދިން ހުރަހަކުން ގޯލް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ އުމުރުން 40 އަހަރުގެ ރޮނާލްޑޯ ޤައުމީ ޓީމަށް ކާމިޔާބު ކޮށްދިން 137ވަނަ ލަނޑެވެ. މިމެޗުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ވެސް ލިބިގެންދިޔަކަން ފާހަގަ ކޮށްލެވުނެވެ. މިގޮތުން މެޗު ނިމެން ގާތްވެފައިވަނިކޮށް ޖަރުމަނުގެ ކަރިމް އަޑެޔެމީއަށް ލިބުނު ފުރުސަތު ފާހަގަ ކޮށްލެވުނެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލް ދަނޑި އަށެވެ. މިކާމިޔާބީ އާއެކު މިއަންނަ އާދިއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލްގެ ޖާގައެއް ޕޯޗުގަލްއަށް މިވަނީ ކަށަވަރު ވެފައެވެ. އަދި ޕޯޗުގަލްއިން ފައިނަލްގައި ވާދަކުރާނީ ފަރަންސޭސިވިލާތާއި ސްޕެއިންގެ މެދުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ސެމީފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ. އަދި މިމެޗުން ބަލިވާ ޓީމެއް ބައްދަލުކުރާނީ ތިންވަނަ ހޮވާ މެޗުގައި ޖަރުމަނުވިލާތާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ