17 އަހަރު ތެރޭ ޓޮޓެންހަމަށް ފުރަތަމަ ތަށި ހޯދައިދިން ޕޮސްޓެކޮގްލޫ މަގާމުން ވަކިކޮށްފި 17 އަހަރު ތެރޭ ޓޮޓެންހަމަށް ފުރަތަމަ ތަށި ހޯދައިދިން ޕޮސްޓެކޮގްލޫ މަގާމުން ވަކިކޮށްފި

ލަންޑަން (ޖޫން 5) - ސަތާރަ އަހަރު ތެރޭ ޓޮޓެންހަމް ހޮޓްސްޕާސް އަށް ފުރަތަމަ ތަށި ހޯދައިދިން ކޯޗު، އޮސްޓްރޭލިއާގެ އަންޖް ޕޮސްޓެކޮގްލޫ މަގާމުން ވަކިކޮށްފި އެވެ.
މެންޗެސްޓާ ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ، ޔޫރޮޕާ ލީގު ޓޮޓެންހަމް އަށް ހޯދައިދީ، 17 އަހަރު ވަންދެން އެ ޓީމުން ތަށްޓަކަށް ކުރި އިންތިޒާރަށް ނިމުން ގެނެސްދިން ކޯޗު، ޕޮސްޓެކޮގްލޫ، އެ ކާމިޔާބީ ހޯދިތާ 16 ދުވަސް ފަހުން ވަކިކުރިކަން އިއުލާނުކުރީ މިއަދު އެެވެ. ޓޮޓެންހަމް އަށް 41 އަހަރު ތެރޭ ފުރަތަމަ ޔޫރަޕްގެ ތަށި ހޯދައިދިން ޕޮސްޓެކޮގްލޫ މަގާމުން ވަކިިކުރާނެ ކަމުގެ އަޑުތަކެއް މިދިޔަ ދުވަސްތަކުގައި މީޑިއާގައި ފެތުރުނުއިރު، އޭނާ ހުރީ ޓޮޓެންހަމާ އެކު މުސްތަގުބަލުގެ ޕްލޭން ހަދަން ކަމަށް ބުނެފަ އެވެ.
ސެލްޓިކްގެ ކުރީގެ ކޯޗު ޕޮސްޓެކޮގްލޫ އަށް ޓޮޓެންހަމް ކޯޗުކަން ގެއްލުނީ ޕްރިމިއާ ލީގުގައި އެ ޓީމުގެ ނަތީޖާތައް ރެކޯޑް މިންވަރަކަށް ދަށްވުމުންނެވެ. އެ ގޮތުން، މި ނިމުނު ސީޒަނުގައި، ޓޮޓެންހަމް ލީގުގެ 17 ވަނައިގައި ނިންމީ 38 ޕޮއިންޓާ އެކު އެވެ. މިއީ، ޕްރިމިއާ ލީގަށް ރިބްރޭންޑް ކުރި ފަހުން، ސީޒަނެއްގައި ޓޮޓެންހަމް އެންމެ މަދުން ޕޮއިންޓް ހޯދި ފަހަރެވެ.
ޓޮޓެންހަމަށް ދެ ސީޒަނު ކޯޗުކޮށްދިން ޕޮސްޓެކޮގްލޫ އެ ޓީމުން ވަކިކޮށްފައި މި ވަނީ، ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގެ ފުރަތަމަ ދެ އަހަރު ނިމުނު ދުވަހު އެވެ. އޮސްޓްރޭލިއާ ގައުމީ ޓީމަށް ވެސް ކުރިން އިރުޝާދުދިން ޕޮސްޓެކޮގްލޫ، ޓޮޓެންހަމްގެ ކޯޗަކަށް ހަމަޖެއްސީ، 2023 ވަނަ އަހަރުގެ ޖޫން ހަ ވަނަ ދުވަހު އެވެ.
ޕޮސްޓެކޮގްލޫ އަންނަ ސީޒަނުގައި ވެސް ޓޮޓެންހަމަށް ކޯޗުކޮށްދޭން މަޑުކުރަން ގިނަ މަސައްކަތްތަކެއްކޮށް، މީޑިއާގައި ވެސް އެ ވާހަކަ ތަކުރާރުކުރި އެވެ. އެ ގޮތުން، މިދިޔަ ސީޒަނުގައި އޭނާ ވަނީ ސީޒަން ފެށުނުކޮޅުގައި، ދެ ވަނަ އަހަރު އޭނާ ކޮންމެ ޓީމެއްގައި ވެސް ތަށި ހޯދާކަމަށް ބުނެ، ޔޫރޮޕާ ލީގު ޓޮޓެންހަމަށް ކާމިޔާބުކޮށްދީ އެކަން ސާބިތުކޮށްދީފަ އެވެ. އަދި، ޓޮޓެންހަމްގެ ޓްރޮފީ ޕެރޭޑްގެ ތެެރެއިން، ޕޮސްޓެކޮގްލޫ ބުނެފައިވަނީ، ޓީވީ ސީރީސްތަކުގައި ވެސް ސީޒަން ދޭކަށް ވުރެން ސީޒަން ތިނެއް ރަނގަޅު ކަމަށެވެ. އެކަމަކު، ޓޮޓެންހަމްގައި ތިން ވަނަ ސީޒަނެއް ނުލިބި، ޕޮސްޓެކޮގްލޫ އަށް ވަޒީފާ ގެއްލުނީ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ޓޮޓެންހަމުން ގެންނަން މަސައްކަތް ކުރަނީ ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކް ނޫނީ ބޯންމައުތުގެ ކޯޗު އަންޑޯނީ އިރައޯލާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ