އދ. ގެ ފަނޑިޔާރުންގެ މިނިވަންކަމަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ރާއްޖެ ވަޑައިގަތުމަށް ސަރުކާރުން ދައުވަތު ދީފި އދ. ގެ ފަނޑިޔާރުންގެ މިނިވަންކަމަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ރާއްޖެ ވަޑައިގަތުމަށް ސަރުކާރުން ދައުވަތު ދީފި

އދ. ގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު، މާގަރެޓް ސެޓާވެއިޓް ރާއްޖެއަށް ދަތުރެއް ކުރެއްވުމަށް ދިވެހި ސަރުކާރުން ދައުވަތު ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރި ގޮތާ މެދު އދ. އަށް ދިވެހި ސަރުކާރުން ވަނީ ޖަވާބުދާރީވެފަ އެވެ. ފަނޑިޔާރުން ވަކިކުރީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް އެ ޖަވާބުގައި ސަރުކާރުން ބުނެފައި ވެ އެވެ.
"ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ހިމާޔަތް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އަމިއްލައަށް ބައްލަވާލެއްވުމަށް ސްޕެޝަލް ރެޕަޓުއާއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ސަރުކާރުން ދައުވަތު އަރުވަން،" ޖުމުލަ 101 ނުކުތާގެ މައްޗަށް އެކުލެވޭ މި ޖަވާބު ނިންމާލަމުން ސަރުކާރުން ދައުވަތު ދީފައި ވެ އެވެ.
މި ދައުވަތު ގަބޫލު ކުރައްވައި މާގަރެޓް ރާއްޖެ ވަޑައިގަންނަވާނެކަން އަދި ހާމަކުރައްވާފައި ނުވެ އެވެ. ސަރުކާރުން ފޮނުވި ޖަވާބާ އެކު އެ މައްސަލައާ މެދު މާގަރެޓް ދެކެވަޑައިގަންނަވާ ގޮތަށް ބަދަލެއް އަންނާނެ ކަމަށް ނުބެލެ ވެ އެވެ.
ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ނުފޫޒު ފޯރުވުމުގެ ކަންބޮޑުވުން ހިމެނޭހެން ކަމަށް މާގަރެޓް މީގެކުރިން ވިދާޅުވެފައި ވެ އެވެ.
"ފަނޑިޔާރުން ހަމައެކަނި ވަކިކުރެވޭނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ފަނޑިޔާރަކު ނުކުޅެދޭ ހާލަތުގައި ނުވަތަ މަގާމުން ވަކިކުރެވޭނެ ފަދަ އަމަލެއް ހިންގާ ހާލަތުގައި އެކަންކަން ބެލުމަށް އިންސާފުވެރި ތަހުގީގެއް ހިންގުމަށްފަހު،" މާގަރެޓް ވިދާޅުވެފައި ވެ އެވެ.
ރާއްޖޭގެ ގާނޫނުއަސާސީ އާއި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިނިވަން ޝަރުއީ ނިޒާމެއް ދަމަހައްޓައި ހިމާޔަތް ކުރުމަށް ރާއްޖޭގެ ސަރުކާރަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުން ވެސް މީގެކުރިން ގޮވާލާފައި ވެ އެވެ.
"ސަރުކާރުގެ އެކި ގޮފިތަކުގެ މެދުގައި ޗެކް އެންޑް ބެލެންސް، ހަރުދަނާ އަދި މިނިވަން ޖުޑީޝަރީއެއް ހިމެނޭހެން އޮތުމަކީ، ދައުލަތެއްގެ ހުރިހާ ގޮފިތަކުން ވެސް ގާނޫނުގެ ވެރިކަމަށް ބޯލެނބުމަށާއި، އިންސާނީ ހައްގުތައް ހަރުދަނާ ގޮތެއްގައި ހިމާޔަތް ކުރުމުގައި ވަރަށް މުހިންމު ކަމެއް،" އދ. އިން ބުނެފައި ވެ އެވެ.
ދެ ފަނޑިޔާރުން ވަކިކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގި ޣައިރު ގާނޫނީ ތަހުގީގަކަށް ފަހު އެވެ. އެ ތަހުގީގުގެ ކުރިން ޖޭއެސްސީގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކުއްލި ގޮތަކަށް ބަދަލުކުރުމާއި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރި ދުވަސްކޮޅު ފަނޑިޔާރުން ސަސްޕެންޑު ކުރުމަކީ އިއްތިފާގެއް ކަމަށް ސަރުކާރުން ބުނެ އެވެ.
ފަނޑިޔާރުން ވަކިކުރަން މަޖިލީހުގައި ނެގި ވޯޓުގައި އަޒްމިރާލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ