ޤުރްއާނުން ކިޔައިދޭ ކާމިޔާބާއި ފަލާޙު

ފަލާޙާއި ކާމިޔާބަކީ ކޮންމެ އިންސާނަކު ވެސް ބޭނުންވާނެ އެއްޗެކެވެ. މިނިވަންކަމާއި މުސްތަޤިއްލުކަން ގެއްލިފައިވާ މީހުންނަށް މި ކަން އިހުސާސް ކުރެވޭ މިންވަރު އެ ނޫން މީހުންނަށް ވުރެ އިތުރުވާނެއެވެ. އިންސާނީ ތާރީޚަށް ބަލާއިރު، ޖައްބާރު ވެރިން އެ މީހުންގެ ޤައުމުތަކުގެ އާންމުން އަޅުވެތިކޮށްގެން އުޅުނު ޒަމާނަކީ، އެ އަޅުވެތިކަމުގައި ތިބި ފަރާތްތައް މިނިވަންކަމަށް ކުރާ އެއްވެސް މަސައްކަތެއްގައި މާބޮޑު ކާމިޔާބެއް ފެނުނު ޒަމާނެއް ނޫނެވެ. ނުބައިނުލަފާ ޖައްބާރު ވެރިންގެ އަނިޔާއިން ސަލާމަތްވުން އެއީ ފަލާޙާއި ކާމިޔާބު ކަމުގައި އޭރުގެ މީހުންނަށް އިހުސާސް ކުރެވުނެވެ. އިންސާނުން އެހެން އިންސާނުން ތަކެއް އަޅުވެތި ކުރުމަށް އިސްލާމްދީނުގައި ކިޔަނީ އަޅުންގެ އަޅުވެތިކަމެވެ. އިސްލާމްދީން ވުޖޫދު ވެގެން އައި އެންމެބޮޑު އެއް މަގުސަދަކީ އަޅުންގެ އަޅުވެތިކަމުން މީސްތަކުން ނެރެ، އަޅުތަކުންގެ ވެރިރައްބުގެ އަޅުވެތިކަމަށް އެ މީހުން ގެންދިއުމެވެ. އެހެންކަމުން ޙަޤީޤީ ކާމިޔާބާއި ފަލާޙަކީ، އެ އިލާހުގެ އަޅުވެތިކަމަށް އިންސާނާ ވަނުމެވެ. ﷲއަށް އަޅުކަން ކުރުމުގައި ޝާމިލުވީ ވަރަކަށް އޭނާގެ މިނިވަންކަން އިތުރުވެ ފުރިހަމަވަމުން އާދެއެވެ. މި ވާހަކަ ބަޔާން ކުރައްވާ އަލްމުއުމީނޫން ސޫރަތުގެ ފެށުމުގައި މާތްﷲ ވަޙީކުރައްވަނީ ﴿قَدْ أَفْلَحَ الْمُؤْمِنُونَ(١) الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ(٢) وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ(٣) وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ(٤)﴾ (المؤمنون) މާނައީ:- "(1)މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. (2)އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. (3)އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ. (4)އަދި އެއުރެންނީ، ޒަކާތްދޭ މީހުންނެވެ." މިއެވެ. ބަޔާންވެ ދިޔަ އާޔަތްތަކުގައި އެ ވަނީ ފަލާޙާއި ކާމިޔާބު ލިބޭ މީހުންގެ ސިފަތައް ބަޔާންކުރައްވައިފައެވެ. އެންމެ ފުރަތަމަ އަންގަވަނީ މުއުމިނުން ކާމިޔާބުވެއްޖެ ކަމަށެވެ. އަދި އެ ކާމިޔާބީގެ ސަބަބު ގުޅިފައި ވަނީ ﷲއަށް ކުރާ އަޅުކަންތަކާއެވެ. އެ ގޮތުން އެބައިމީހުންގެ އެންމެ ފުރަތަމަ ސިފައެއް ކަމުގައި އަންގަވަނީ ނަމާދުތަކުގައި މަޑުމައިތިރިވެ ތިބޭ ތިބުމެވެ. ނަމާދަކީ މުސްލިމް އަޅާގެ މިޢުރާޖެވެ. އިތުރު އެއްވެސް ފަރާތެއްގެ ބައިވެރިވުމަކައިނުލާ އަޅާ އޭނާގެ ވެރިރައްބަށް ދަންނަވާ ދެންނެވުން ތަކެކެވެ. އެހެންކަމުން މުޅި ކާއިނާތުގެ ވެރި ފަރާތުގައި ތިމާގެ އެދުންތަކާއި ޖެހިފައިވާ ބޭނުންތައް ކިޔައިދީ، އެ ކަންކަމުން އަރައިގަތުމަށް ތިމާ އެދޭގޮތް ދަންނަވާ އަޅުންނަކީ އެއްވެސް ޝައްކެތް ނެތް ގޮތުގައި ކާމިޔާބުގެ އަހުލު ވެރިންނެވެ. ދެން އެ އަންގަވަނީ ކާމިޔާބުވާ މީހުންގެ އަނެއް ސިފައަކީ، ބޭކާރު ވާހަކަ ނުދެއްކުން ކަމުގައެވެ. ދުނިޔޭގެ ޙަޔާތަށް ބަލާއިރު، ދޭދޭ ފަރުދުންގެ ދެމެދުގައި ޖެހޭ ކުނިބުންޏާއި، ފަރުދީ ކޯޅުމަކީ ގިނަފަހަރު ދައްކަން ނުޖެހޭ ވާހަކަ ދެއްކުމުގެ ސަބަބުން އުފެދޭ ކަންކަމެވެ. ފަރުދީ މަސްލަޙަތު ގެއްލިދާ ނަމަ، އިޖްތިމާޢީ ހަމަޖެހުން ގެއްލި ހިނގައިދެއެވެ. އިޖްތިމާޢީ ހަމަޖެހުން އަނބުރާ ގެނައުމަށް މަސައްކަތްކުރާ މީހުންނަށް އެ ކަންކަން ހައްލު ކުރެވޭނީ، އޭގެ ސަބަބު ދެނެގަނެވިގެންނެވެ. ގިނަ ފަހަރު އޭގެ ސަބަބު ގޮސް މި ނިމެނީ ބޭކާރު ވާހަކަ ދައްކާ އަފުރާދަކާ ހަމައަށެވެ. އެ ފަދަ މީހުންނަށް މީސްތަކުން ރުޅިއަރާނެވެ. އަދި އޭނާއަކީ މުޖްތަމަޢުގައި ބަލައިގަނެވޭ މީހަކު ކަމުގައި ނުވެދާނެއެވެ. އެއީ ކާމިޔާބާއި ފަލާޙުގެ އިދިކޮޅެވެ. އެހެން ކަމުން ކާމިޔާބުވާނީ މީހުންގެ ލޯބި ހޯދޭ މީހާއެވެ. އެއީ ބޭކާރު ވާހަކަތަކާ ދުރުވެ ހުންނަ މީހާއެވެ. ދެން އެ އަންގަވަނީ ޒަކާތް ދިނުމަކީ ވެސް ފަލާޙާއި ކާމިޔާބީގެ އަހުލުވެރިންގެ ސިފައެއް ކަމުގައެވެ. ޒަކާތަކީ ފަޤީރު މީހާއަށް ދިނުމަށް ޓަކައި މުއްސަނދިންގެ އަތުން ނެގޭ ފައިސާ ނުވަތަ މުދަލެވެ. މިއީ އިސްލާމީ މުޖުތަމަޢުގެ އިޤްތިޞާދީ ހަމަޖެހުން ގެނުވާ އެންމެ ބޮޑު އެއްކަންތަކެވެ. އިސްލާމީ އުޞޫލުތަކަށް މީސްތަކުން ފުރިހަމައަށް ތަބާވަންޏާ އިޖްތިމާޢީއެތައް ކަމެއް ހައްލުވެގެން އަންނާނެއެވެ. އެ ގޮތުން ޒަކާތް ބަރާބަރަށް މިނުންމިނަށް ނެރޭނަމަ، އެ ތަނެއްގައި ފަޤީރުކަން ދެމިނޯންނާނެއެވެ. މުޖުތަމަޢަކުން ފަޤީރުކަން ނައްތައިލެވުން އެއީ ކުޑަ ކާމިޔާބެއް ނޫނެވެ. އެއީ ވަރަށް ވެސް ބޮޑު ނަޖާޙަކާއި ފަލާޙެކެވެ. އެ ކަމުގެ ސަބަބަކީ ޒަކާތް ނެރުނު މީހުންނެވެ. އެހެންކަމުން، އެ ކަމުގެ ޙަޤީޤީ ކާމިޔާބާއި ފަލާޙު މި ލިބުނީ ޒަކާތްދިން މީހުންނަށެވެ. ދުނިޔޭގެ ފަލާޙާއި ކާމިޔާބުގެ އިތުރަށް އާޚިރަތުގެ ފަލާޙާއި ކާމިޔާބާއި އެ ދުވަހު ނަރަކައިން މިންޖުވެ ނަޖާވާ މީހުންނަކީ ވެސް މިދެންނެވި މީހުންނެވެ. އެމީހުން ޙަޤީޤީ ކާމިޔާބަކުން ކާމިޔާބު އެ ވަނީ ﷲއަށް ބިރުވެތިވެ، އެ އިލާހުގެ ރުހުން ހޯދަން މަސައްކަތް ކުރީތީއެވެ. ދުނިޔޭގެ ކާމިޔާބެއް ލޯމައްޗަށް ތަސައްވުރުވުމުގެ ކުރިން އެބައިމީހުން އެ ތިބީ އެ މީހުންގެ ވެރި އިލާހުގެ ޙަޞުރަތުގައި ކާމިޔާބު ބައެއްގެ ގޮތުގައި ލިޔުއްވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ