ކީޕަރުންނަށް އިމްރާންގެ އިތުބާރު އެބައޮތް ކީޕަރުންނަށް އިމްރާންގެ އިތުބާރު އެބައޮތް

ގައުމީ ފުޓުބޯޅަ ޓީމުގައި މި ވަގުތު ތިބި ތިން ކީޕަރުންނަށް ވެސް އިތުބާރު އެބައޮތް ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އަދި ގައުމީ ފުޓްބޯޅަ ޓީމުގައި ގޯލްކީޕަރު ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިމްރާން މުހައްމަދު (އިންމަ) ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ފުޓުބޯޅަ ޓީމުން ފަރިތަކުރުންތައް ފަށާފައިވާއިރު، ގައުމީ ފުޓުބޯޅަ ޓީމުގައި ހިމެނޭ ކީޕަރުންނަކީ މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް، އިޔާން އަބްދުލް އަލީމް (ޗިކީ) އަދި ވިކްޓަރީގެ ކީޕަރު މުހައްމަދު ޔާމީން އެވެ.
ކުޅުމުގެ ކެރިއަރު ނިންމާލުމަށް ފަހު، ގޯލްކީޕަރު ކޯޗިންގައި މަސައްކަތް ކުރަމުން އަންނަ އިމްރާން ބުނީ ތިން ކީޕަރުންގެ ފެންވަރާ މެދު ވެސް ހިތްހަމަ ޖެހޭ ކަމަށެވެ. އެ ގޮތުން މާޒިޔާގެ ދެ ކީޕަރުން ނިމިދިޔަ އެފްއޭއެމް ލީގު ކަޕުގެ މެޗުތަކުގައި ކުޅެފައި ހުރި ކަމަށާއި، އަދި ޔާމީން އަމިއްލަ މުބާރާތްތަކުގައި ކުޅެފައިވާކަން އިމްރާން ވަނީ ފާހަގަކޮށްފަ އެވެ.
މިހާރު ހުރި ކީޕަރުންގެ ފެންވަރާ މެދު ސުވާލެއް ނެތްކަން ފާހަގަކޮށް އިމްރާން ބުނީ، މިހާރު ތިބި ކީޕަރުން ރިޓަޔާވާން ދާއިރު، އޭޖް ގްރޫޕްތަކުގައި ތިބި ކީޕަރުން މަދު ކަމުގެ ކަންބޮޑުވުން ވެސް އެބައޮތް ކަމަށެވެ.
"މިހާރު ތިބި ކީޕަރުން އަޅުގަނޑުމެން އަށް ރަނގަޅަށް ފެންނަން ތިބި ކަމުގައި ވިޔަސް، އަޅުގަނޑުމެން އަށް އެންމެ ބޮޑަށް ފެނިގެން މިދަނީ އޭޖް ގްރޫޕްތަކުގައި ހަމަ ތަންކޮޅެއް ކީޕަރުންނަށް ދެވޭ ސަމާލުކަން ކުޑަކަން. ދެން ހަމަ ބައިވަރު ކީޕަރުންތަކެއް ތިބެގެން އޭގެ ތެރެއިން ރަނގަޅު ކީޕަރެއް ނެގޭނީ," 17 އަހަރު ގައުމީ ޓީމުގެ ކީޕަރަކަށް ކުޅުނު އިމްރާން ބުންޏެވެ.
"މިހާރު އޮޕްޝަން ވަރަށް މަދުކޮށް ރާއްޖޭގައި މި އޮންނަނީ. އެހެންވީމަ މި ޑިޕާޓްމަންޓަކީ ވަރަށް ބޮޑަށް ސަމާލުކަން ދެވިގެން ކުރިއަށް ގެންދަން ޖެހޭ ޑިޕާޓްމަންޓެއް އެއީ ނެޝަނަލް ލެވަލް އަށް އަންނައިރު، ކީޕަރުން ތިބެން ޖެހޭނީ ރަނގަޅު ހިސާބެއްގައި ކަމަށް އަޅުގަނޑު ދެކެނީ"
އިމްރާން ބުނީ އެކަޑަމީ ލެވަލްގައި ރަނގަޅު ފަރިތަކުންތަކާ އެކު އަންނަ ކީޕަރުންގެ ފެންވަރު ރަނގަޅު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ