އާރްޑީސީއަށް ސައިޓް ހަމަޖެހުނުހާ އަވަހަށް، އައްޑޫގެ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ ލިންކު ރޯޑުގެ މަސަައްކަތް މިހާރު އާރްޑީސީއާ ހަވާލުކުރެވިފައިވާއިރުވެސް، އޭގެ ޢަމަލީ މަސައްކަތް އަދިވެސް ނުފެށޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި، އެ މަސައްކަތް ފެށޭނެ ދުވަހަކާއި ބެހޭގޮތުން ވަޒީރާ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އައްޑޫ ލިންކު ރޯޑުގެ މަސައްްކަތަކީ ވަރަށް ޚައްސާސް މައްސަލައެއް ކަމަށެވެ. އަދި އެކަން ފެށުމަށް މިވަގުތު ކުރެވެމުންދާ މަސަައްކަތަކީ ސައިޓް ހޯދުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
މިވަގުތު މޮބިލައިޒް ކުރުމަށްޓަކައި، ސައިޓް ހޯދުމަށްޓަކައި، ކައުންސިލާއެކު މަޝްވަރާކުރެވިގެން ސައިޓެއް ފައިނަލް ކުރެވޭ ހިސާބުގައި އޮތީ. ސައިޓް ފައިނަލް ކުރެވުނުހާ އަވަހަށް އެ ސައިޓް މަސައްކަތް އާރްޑީސީން ފަށާނެ. މޮބިލައިޒް ކުރެވުނީމާ މަސައްކަތް ފެށިގެންދާނެ. އަޅުގަނޑުމެން ދުވަސްތަކެއް ވެއްޖެ ސައިޓެއް ކަނޑައެޅުމަށް މަސައްކަތްތަކެއް ކުރަމުންދާތާ
އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު
އައްޑޫ ލިންކު ރޯޑު ތަރައްގީ ކުރުމުގެ މަސައްކަތް އާރުޑީސީއާ ޙަވާލުކޮށްފައިވަނީ 3 އަހަރާއި 11 މަސް ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 829 މިލިޔަން ރުފިޔާއަށެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެވުނީ މިއަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ.
މި މަސައްކަތުގެ ދަށުން ލިންކް ރޯޑް ޒަމާނީ ފެންވަރަށް އަލުން ހަދައި ތަރައްޤީކުރުމާއި ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގައު އަތުރައިގެން މަގު ހެދުމާއި ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ އިތުރުން ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ވަޒީރު ވަނީ، ލިންކް ރޯޑުގެ މަސައްކަތުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއްގައި މަސައްކަތްކުރެވޭނެ ކަމަށާ، 67.58 ކިލޯމީޓަރުގެ ސީ.ޓީ.ބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަން ފާހަގަކުރައްވާފައެވެ.
އަދި އަމާޒަކީ ލިންކު ރޯޑުގެ މަސައްކަތް 2028 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމާލުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ސައިޓް ހަމަޖެހުނުހާ އަވަހަށް އައްޑޫ ލިންކު ރޯޑު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށޭނެ: ޑރ. މުއްޠަލިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ