އަމިއްލަ ފައުންޑޭޝަނެއްގެ ސަމިޓެއްގައި ބައިވެރިވުމަށް ސާޖިދާ ދުބާއީއަށް އަމިއްލަ ފައުންޑޭޝަނެއްގެ ސަމިޓެއްގައި ބައިވެރިވުމަށް ސާޖިދާ ދުބާއީއަށް

ހަތްވަނަ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް ސަމިޓުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޔޫއޭއީގެ ދުބާއީއަށް ފުރާވަޑައިގެންފި އެވެ.
މި ސަމިޓު އޮންނާނީ ޖޫން 18 އިން 19 އަށެވެ. މި ސަމިޓުގެ އިފްތިތާހީ ބައްދަލުވުމާއި ބައެއް ކޮމިޓީ ސެޝަންތަކުގައި ސާޖިދާ ވާހަކަ ދައްކަވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައި ވެ އެވެ.
"މި ބައްދަލުވުންތަކުގައި މުހިންމު އިޖުތިމާއީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ. އޭގެ ތެރޭގައި ދަރިމައިވުމުގެ ދަތިކަމާ ގުޅިފައިވާ ނޭދެވޭ ވިސްނުންތައް ނައްތާލުމާއި، އަންހެން ކުދިންގެ ތައުލީމަށް އެހީތެރިވުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، އަދި ސިއްހީ ދާއިރާގައި މީހުން މަދު ދާއިރާތަކުގެ ގާބިލުކަން އިތުރުކުރުން ހިމެނޭ،" ރައީސް އޮފީހުން ބުނެފައި ވެ އެވެ.
މިދިޔަ އަހަރު ޓެންޒޭނިއާގައި ބޭއްވި މެކް ފައުންޑޭޝަންގެ އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގައި ވެސް ސާޖިދާ ބައިވެރިވަޑަައިގަތެވެ. ސާޖިދާއަކީ އެ ފައުންޑޭޝަނުން ހަމަޖައްސާފައިވާ "މޯ ދެން އަ މަދާ" އެމްބެސެޑަރެކެވެ.
އެ ރޯލަށް އެހެން ބައެއް ގައުމުތަކުގެ ފަސްޓް ލޭޑީން ވެސް އެ ފައުންޑޭޝަނުން ހަމަޖައްސާފައި ވެ އެވެ. އޭގެ ތެރޭގައި، އެންގޯލާ، ބުރުންޑީ، ބޮސްވާނާ، ކޮންގޯ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ގެބޯން، ގެމްބިއާ، ގާނާ، ކެންޔާ، ލައިބީރިއާ، މަލާވީ، މޮޒަމްބީކު، ނައިޖީރިއާ، ސެނަގާލް، ސިއެރަލިއޯން، ޒެމްބިއާ އަދި ޒިމްބާބުވޭގެ ފަސްޓް ލޭޑީން ހިމެނެ އެވެ.
މިއީ ދުނިޔޭގެ އެންމެ ދުވަސްވީ ކެމިކަލް އަދި ފާމަސޫޓިކަލް ކޮމްޕެނީ ކަމަށްވާ މެކް ގްރޫޕްގެ ފަރާތުން އެހީ ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ފައުންޑޭޝަނެވެ. މި ފައުންޑޭޝަން އުފެއްދީ 1957 ވަނަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ