ސިނގިރޭޓު ވިއްކަން ފިހާރަތަކުން 5،000ރ. ގެ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ހަދައިފި ސިނގިރޭޓު ވިއްކަން ފިހާރަތަކުން 5،000ރ. ގެ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ހަދައިފި

ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ގަނޑުކޮށް ނުވަތަ ވަކިވަކިން ވިއްކަން ބޭނުންވާ ވިޔަފާރިތަކުން 5،000ރ. ގެ ހުއްދައެއް ނަގަން މަޖުބޫރުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ގެޒެޓުކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގައި ވާގޮތުން މި ހުއްދަ ދޫކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތު ހަމަވުމުގެ 60 ދުވަސް ކުރިން ހުއްދަ އާކުރަން ހުށަހަޅަން ޖެހެ އެވެ. ހުއްދަ އާ ކުރެވެނީ ވެސް 5،000ރ. ދެއްކުމުންނެވެ.
ދުންފަތުގެ ބާވަތްތައް އިމްޕޯޓް ކުރާ ވިޔަފާރިތަކުން 10،000ރ. ގެ ހުއްދައެއް ނަގަން ޖެހޭއިރު ދުންފަތުގެ ބާވަތްތައް ރީއެކްސްޕޯޓު ކުރާ ވިޔަފާރިތަކުން ވެސް ހުއްދަ ނެގުމަށް 10،000ރ. ދައްކަން ޖެހެ އެވެ. މި ދެ ހުއްދަ އާކުރަން ވެސް 10،000ރ. ދައްކަން ޖެހެ އެވެ.
އޭގެ އިތުރުން، ކެފޭ ރެސްޓޯރަންޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ކަނޑައަޅާ ހާއްސަ ސަރަހައްދު ނުވަތަ ސްމޯކިން ރޫމާއި އޭރިއާއަށް ވެސް ހާއްސަ ހުއްދައެއް ނަގަން ސަރުކާރުން ވަނީ މަޖުބޫރުކޮށްފަ އެވެ. އެ ހުއްދަ ލިބެނީ އަދި އާ ކުރެވޭނީ ވެސް 10،000ރ. އަށެވެ.
ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތައް ވިއްކާނަމަ ފުރަތަމަ ފަހަރު 50،000ރ. އިން އަދި ދެވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000ރ. އިން ޖޫރިމަނާ ކުރަން ގަވާއިދުގައި ވަނީ ހިމަނާފަ އެވެ. ދެވަނަ ފަހަރުން ފެށިގެން ހިލާފުވާ ކޮންމެ ފަހަރަކު ވިޔަފާރި ހުއްދަ ހަ މަސް ދުވަހަށް ހިފެހެއްޓުމަށް ވެސް ވަނީ ނިންމާފަ އެވެ.
މި ގަވާއިދުގެ ދަށުން ފިހާރަތަކުން ހުށަހަޅަން ޖެހޭ ރިޕޯޓު ގަވާއިދާ އެއްގޮތަށް ހުށަނާޅައިފިނަމަ 5،000ރ. އިން ޖޫރިމަނާކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ރިޕޯޓާ އެކު ވިޔަފާރިތަކުގެ އޮޑިޓު ރިޕޯޓުތަކުގެ ކޮޕީއެއް ހެލްތު މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ.
ސަރުކާރުން އަންނަނީ ދުންފަތް ކޮންޓްރޯލް ކުރުމަށް އެކި ގޮތް ގޮތުން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކޮށްފައިވާއިރު، ދުންފަތުން ދުރުވުމަށް ފަރުވާ ދެވޭނެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ