ރޮނާލްޑޯ އަށް އާ ކޮންޓްރެކްޓެއް ދިނުމާ މެދު އަލް ނަސްރުން ދެ ވަނަ ވިސްނުމަކަށް ރޮނާލްޑޯ އަށް އާ ކޮންޓްރެކްޓެއް ދިނުމާ މެދު އަލް ނަސްރުން ދެ ވަނަ ވިސްނުމަކަށް

ރިޔާދު، ސައުދީ އަރަބިއްޔާ (މެއި 11) - ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަޖުރިބާކާރު ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ކޮންޓްރެކްޓް އާ ކުރުމާ މެދު އެ ކްލަބުން ދެ ވަނަ ވިސްނުމަކަށް ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރޮނާލްޑޯ، 40، މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު، އަލް ނަސްރަށް ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އަހަރަކު 200 މިލިއަން ޑޮލަރު ލިބޭ ޑީލެއްގަ އެވެ. އެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.
ކުޅިވަރު ކުޅޭ އެތުލީޓުން އަހަރެއްގެ ތެރޭ ހޯދާ އާމްދަނީއާ ބެހޭ ތަފާސް ހިސާބުތައް އާންމުކުރާ ސްޕޯޓިކޯގެ ރިޕޯޓްތައް ބުނާގޮތުން، މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދީ ރޮނާލްޑޯ އެވެ. އެއީ، ޖުމްލަ އެކު، 260 މިލިއަން ޑޮލަރު ހޯދައިގެންނެވެ. އެއް ވަނަ ހޯދި ރޮނާލްޑޯ އަށް އަލް ނަސްރުން ލިބުނު އާމްދަނީ އަކީ، 215 މިލިއަން ޑޮލަރެެވެ. އަދި ސްޕޮންސަޝިޕް ޑީލްތަކުން 45 މިލިއަން ޑޮލަރު ލިބިފައިވެ އެެވެ.
ރިޕޯޓްތައް ބުނާގޮތުން، އަލް ނަސްރުން އައީ ރޮނާލްޑޯ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅަން ވާހަކަ ދައްކަމުންނެވެ. އެއީ، ކޮންމެ ސީޒަނެއް ނިންމާފައި ވަކި ކަންތައްތަކެއް ފުރިހަމަނުވާނަމަ، ކްލަބުން ބޭނުންވެގެން ކޮންޓްރެކްޓް އުވާލެވޭ މާއްދާއެއް ހިމަނައިގެންނެވެ. ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭސް އެ ހުށަހެޅުމަށް އެއްބަސްވީ، ކޮންޓްރެކްޓްގައި ސޮއިކުރާ ފީ ބޮޑުކުރަން ކްލަބުން އެއްބަސްވުމުންނެވެ.
އެހެން ނަމަވެސް، ރޮނާލްޑޯއާ އެކު، އަލް ނަސްރަށް ތަށްޓެއް ހޯދިފައިނުވާތީވެ، އެ ކްލަބްގެ ބޯޑުން އަނެއްކާ ވެސް ބޮޑު މުސާރަ ކޮންޓްރެކްޓެއް ރޮނާލްޑޯ އަށް ދޭން ދެ ވަނަ ވިސްނުމަކަށް ގޮސްފައިވާ ކަމަށް ގިނަ މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.
ސައުދީ ޕްރޯ ލީގުގެ އެހެން ޓީމުތަކުން ވެސް ރޮނާލްޑޯ އަށް ޝައުގުވެރިވެ އެވެ. އޭގެ ތެރޭގައި، އަލް ހިލާލް އާއި އަލް އިއްތިހާދު ހިމެނެ އެވެ. ރޮނާލްޑޯގެ އެންމެ ފުރަތަމަ ކްލަބް، ސްޕޯޓިން ލިޒްބަން އަށް އޭނާ ދިއުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ