އެސްބީއައިއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އަނެއްކާ ވެސް އަހަރަކަށް ފަސްކޮށްދީފި އެސްބީއައިއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އަނެއްކާ ވެސް އަހަރަކަށް ފަސްކޮށްދީފި

އިންޑިއާ ސަރުކާރު މެދުވެރިވެގެން، ދިވެހި ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑީއާ (އެސްބީއައި) އަށް ވިއްކާފައިވާ ޓީބިލަށް ފައިސާ ދެއްކުން އެ ގައުމުގެ ސަރުކާރުން އަނެއްކާ ވެސް އަހަރަކަށް ފަސްކޮށްދީފި އެވެ.
އެސްބީއައިއިން ގަތް ޓީބިލަކީ ކުރީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ބަޖެޓު ސަޕޯޓު ހޯދަން ވިއްކި 200 މިލިއަން ޑޮލަރުގެ ޓީބިލުތަކެކެވެ. އެސްބީއައިއިން މި ޓީބިލުތައް ގަތީ ފަހަރަކު 50 މިލިއަން ޑޮލަރު މަގުންނެވެ.
މި ފައިސާ ދެއްކުން އިންޑިއާއިން އަހަރަކަށް ފަސްކޮށްދިނީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި، އޭރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. އޭގެ ކުރިން މި ސަރުކާރުން ވަނީ މީގެ ތެރެއިން 50 މިލިއަން ޑޮލަރު، މިދިޔަ އަހަރުގެ ޖެނުއަރީގައި ދައްކާފަ އެވެ. މިހާރު ބާކީ ނުދައްކާ ވަނީ 150 މިލިއަން ޑޮލަރެވެ.
ކުރި ސަރުކާރުގައި ވެސް މި ދަރަނި އައީ ކޮންމެ އަހަރަކު ރޯލްއޯވާ ކުރަމުންނެވެ. މި މުއްދަތުގެ ތެރޭގައި ޓީބިލަށް އަރާ އިންޓްރެސްޓު ދައްކަމުން އަންނަނީ ވެސް އިންޑިއާ ސަރުކާރުންނެވެ.
އެސްބީއައިއަށް ވިއްކާފައިވާ ބޮންޑު ރޯލްއޯވާ ކުރަން ނިންމިކަން އިއުލާންކުރައްވަމުން، ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިކަން ފަހިކޮށްދެއްވި ކަމަށް ޓަކައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ޖައިޝަންކަރަށާއި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
"މި އެހީތެރިކަމަކީ ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ ކަމެއް. އަދި މިއީ އިގުތިސޯދީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ސަރުކާރުން ތަންފީޒުކުރަމުންދާ މާލީ އިސްލާހުތަކުގެ މަސައްކަތްތަކަށް އެހީތެރިވެދޭނެ ކަމެއް،" ހަލީލް ލިޔުއްވާފައިވެ އެވެ.
މި ދަރަނި ދެއްކުން ފަސްކޮށްދީފައިވާއިރު، މި އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ ދަރަނީގެ އަދަދު ބިލިއަން ޑޮލަރަށް އަރާ ކަމަށް މި ފަހުން ވާލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ވަނީ ފާހަގަކޮށްފަ އެވެ. މި ދަރަނީގެ ތެރެއިން ބޮޑު ބަޔަކީ ވެސް އިންޑިއާއަށް ދައްކަން ޖެހޭ ދަރަންޏެވެ.
އެއީ މިދިޔަ އަހަރުގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވު ރަނގަޅުކުރަން ވެގެން، އިންޑިއާގެ މަރުކަޒީ ބޭންކު، ރިޒާވު ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ނަގާފައިވާ 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީތަކަށް އަނބުރާ އަދާކުރަން ޖެހޭ ދަރަންޏެވެ. މި ފައިސާގެ ތެރެއިން 128 މިލިއަން ޑޮލަރު އިންވެސްޓުކުރީ ރާއްޖޭގެ ދެ ބޭންކަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ