މެނިންގޯކޮކަލް ކޮންޓެކްޓް ޓްރޭސިން ނިމިއްޖެ، ބަލި ޖެހިފައިވާ އިތުރު މީހަކު ނެތް
ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ފެށި ކޮންޓެކްޓް ޓްރޭސިން ނިމިފައިވާއިރު، އެ ބަލި ޖެހިފައިވާ އިތުރު މީހަކު ރާއްޖެއިން ފެނިފައި ނުވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. 'ސަން'އަށް މައުލޫމާތު ދެމުން އެޗްޕީއޭއިން މިއަދު ބުނީ މެނިންގޯކޮކަލް ބަލީގެ ކޮންޓެކްޓް ޓްރޭސިން މިހާރު ހަދައި ނިމިފައި ވާކަމަށާއި އޭގެ ތެރެއިން އެއްވެސް މީހަކު ބަލީގެ އަލާމާތެއް ހުރިކަމަށް ރިޕޯޓުކޮށްފައި ނުވާކަމަށެވެ. މިއަދާ ހަމައަށް ވެސް އެ ބަލީގެ އިތުރު ކޭހެއް ރިޕޯޓުކޮށްފައި ނުވާކަމަށް އެ އިދާރާއިން ބުންޏެވެ. ރާއްޖެއިން މެނިންގޯކޮކަލް ބަލީގެ ކޭހެއް ފެނި ބަލީގެ ކޮންޓެކްޓް ޓްރޭސިން ހަދަން ފެށީ މި މަހުގެ ހަތް ވަނަ ދުވަހެވެ. https://sun.mv/207015 އެ ބަލި ޖެހުނު މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެ އޭޖެންސީން ހާމައެއް ނުކުރެއެވެ. އިންވޭސިވް މެނިންގޯކޮކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ސީރިއަސް ބައްޔެކެވެ. ރާއްޖޭގައި މިބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާންމު ގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެވެ. މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކޮށްފައި އައި މީހެއްގެ ފަރާތުން ވެސް މެނިންގޮކޯކަލް ބަލި ފެނި، ކޮންޓެކްޓް ޓްރޭސިން ހެދިއެވެ. މި އަހަރު މި ބަލީގެ ކޭސްއެއް ފެނުނުއިރު، ހައްޖުގެ އަޅުކަމަށް ފަހު، އިއްޔެ ވަނީ ދިވެހީން އެނބުރި ރާއްޖެ އަންނަން ފަށާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ސައުދީ އަރަބިއާއިން އޮންނަނީ ހައްޖަށް ދާ މީހުން މެނިންގޯކޮކަލް ވެކްސިން ޖެހުން ލާޒިމުކޮށްފައެވެ. އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި: ހުން އައުން ހަމުގައި ރަތް ބިހިތަކެއް ނެގުން ބޮލުގައި ރިއްސުން އެ ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވެއެވެ. މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. އެގޮތުން ބަލި ޖެހިފައިވާ މީހާއާއެކު ގިނަވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދުގައެވެ. ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ ވަރަށް ގާތްކޮށް ގިނަވަގުތު ހޭދަކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ