މެންބަރެއްގެ ގޮތުގައި ސުއޫދު ކޮށްދެވި ހިދުމަތަށް ޖޭއެސްސީގެ ޝުކުރު މެންބަރެއްގެ ގޮތުގައި ސުއޫދު ކޮށްދެވި ހިދުމަތަށް ޖޭއެސްސީގެ ޝުކުރު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރެއްގެ ގޮތުގައި މިދިޔަ ހަފުތާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާދެއްވި ހުސްނުއް ސުއޫދު ކޮށްދެއްވި ހިދުމަތަށް އެ ކޮމިޝަނުން ޝުކުރުއަދާކޮށްފި އެވެ.
ޖޭއެސްސީގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ކޮމިޝަނުގެ މެންބަރެއްގެ ގޮތުން ސުއޫދު ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަންކޮށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. ސުއޫދު އެ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރީ ފެބްރުއަރީ 15، 2024 ގަ އެވެ.
ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ ސިޔާސީ ޕާޓީތަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރި މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށެވެ.
ސުއޫދު ރައީސަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ނިންމުމަށްޓަކައި އެ މަނިކުފާނު ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށެވެ.
ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި އޭނާ ވަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ އާދަމް އަދި އޭސީސީގެ ރައީސް އާދަމް ޝާމިލް ކަމަށް ތުހުމަތުކުރައްވާފަ އެވެ.
"ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި ބަޔާން ކުރެވުނު މައްސަލަ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެދޭ ގޮތަށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް [ދަނީ ގާނޫނުއަސާސީއާ ހިލާފަށް ނުފޫޒު ފޯރުވަމުން]،" ސުއޫދު ވިދާޅުވި އެވެ.
ގޮނޑި ގެއްލުވައިލެވޭ މައްސަލަ ކޯޓުން ބަލަނިކޮށް، ކޯޓުތަކުގެ ގާނޫނަށް ގެންނަ އިސްލާހަކުން، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ބިލެއް ވެސް ފާސް ކޮށްފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ރައީސް އެ ބިލު ތަސްދީގު ނުކުރައްވަ އެވެ.
މަޖިލީހުން ފާސްކުރި އެ ބިލަކީ ގާނޫނުއަސާސީއާ ހިލާފު، ތަސްދީގު ކުރި ނަމަވެސް ބާރު ނުހިނގާނޭ ބިލެއް ކަމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސް ކުރުމާއެކު ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަހާޒް އަލީ ޒާހިރާއި ހުސްނުއްސުއޫދާއި ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑުކުރި އެވެ. ސުއޫދު އިސްތިއުފާދެއްވީ ސަސްޕެންޑުކުރި ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ