ހަވީރު މީޑިއާ ގްރޫޕުގެ ދަށަށް ހަވީރުނޫހާއި އޮންލައިން ދިޔަގޮތް ސާފުކޮށްދިނުމަށް އިތުރު ފުރުސަތު ދީފި

ހަވީރު މީޑިއާ ގްރޫޕުގެ ދަށަށް ހަވީރު ނޫހާއި ހަވީރު އޮންލައިން ދިޔަ ގޮތް ސާފުކޮށްދިނުމަށް ހަވީރު މިޑިއާ ގުރޫޕަށް އަނެއްކާ ވެސް އިތުރު ފުރުސަތު ދީފި އެެވެ. މީގެ ކުރިން މި އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވެސް ގާޒީ ވަނީ ހަވީރު މީޑިއާ ގްރޫޕުގެ ދަށަށް ހަވީރު ނޫހާއި ހަވީރު އޮންލައިން ދިޔަ ގޮތް ސާފުކޮށްދިނުމަށް އެދިފަ އެވެ. އޭގެ ފަހުން މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ޝަރީއަތުގައި ވެސް ގާޒީ ވަނީ އެކަން ސާފުކޮށްދިނުމަށް 10 ދުވަހުގެ ފުރުސަތެއް ދީފަ އެވެ. ހަވީރު މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ހަވީރު މީޑިއާ ގްރޫޕުގެ ފަރާތުން ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ ހަވީރު މީޑިއާ ގުރޫޕު ދެ މެނޭޖިންގް ޑިރެކްޓަރުންގެ ތެރެއިން އެއްބާފުޅަކު ރާއްޖޭން ބޭރުގައި އުޅުއްވާތީ އެކަމާ ބެހޭ މައުލޫމާތުތައް އަދި ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން ތިން ދުވަހުގެ ފުރުސަތެއް ދިނުމަށް ވަކީލު އެދުމުން ގާޒީ ވަނީ އެ ފުރުސަތު ދެއްވާފަ އެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހަވީރު ނިއުސް އެޖެންސީ އާއި ހަވީރާ ގުޅުން ހުރި ހުރިހާ މުދަލެއްގެ މައުލޫމާތު ހުށަހެޅުމަށް މީގެ ކުރިން އެނގި އެނގުމާ ބެހޭ ގޮތުން ގާޒީ ސުވާލުކުރުމުން ހަވީރު މީޑިއާ ގްރޫޕުގެ ވަކީލު ވިދާޅުވީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީ އެމައުލޫމާތު ހުށަހެޅުން ފަސްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މިއަދު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ގާޒީ ހަލީމް ވިދާޅުވީ ދަށު ކޯޓަކުން ކޮށްފައިވާ އަމުރެއް ނުވަތަ އަންގާފައިވާ އެންގުމެއް މަތީ ކޯޓަކުން ބާތިލު ނުކުރާހާ ހިނދަކު އެއަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން ހަވީރު ނިއުސް އެޖެންސީ އާއި ހަވީރާ ގުޅުން ހުރި ހުރިހާ މުދަލެއްގެ މައުލޫމާތު ތިން ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ކޯޓުން ވަނީ ހަވީރު މީޑިއާ ގުރޫޕަށް އަންގާފަ އެވެ. ހަވީރު އޮޑިޓްކުރުމަށް ހަމަޖައްސާފައިވާ އީއެންވައި އޮޑިޓް ފާމްވެސް ވަނީ މިއަދުގެ ޝަރީއަތަށް ހާޒިރުކޮށްފަ އެވެ. އޮޑިޓް ފާމުން މިއަދު ޝަރީއަތުގެ މަޖިލީހުގައި އެދުނީ އޮޑިޓްކޮށް ނިންމަން ބޭނުންވާ ތާރީހަކާއި އޮޑިޓް ކުރުމަށް ބޭނުންވާ އިންވެޓްރީގެ މައުލޫމާތު ހުށަހެޅުމަށެވެ. އަގެއް ކަނޑައެޅޭނީ އޭރުން ކަމަށް އޮޑިޓް ފާމުން ބުންޏެވެ. ހަވީރު ނޫސް އެޖެންސީއަކީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ެއެކަނި އެޖެންސީއެއް ނޫން ކަމަށާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުގެއާގެ އިބްރާހިމް ރަޝީދުގެ ހިއްސާ ވެސް ވާތަނެއް ކަމަށް ހައި ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ. ހަވީރު ނޫހުގެ މިލްކިއްޔާތާ ބެހޭ ގޮތުން ހައި ކޯޓުން ނިންމި މައްސަލަ އިސްތިއުނާފު ކުރުމަށް ޑރ. ޒާހިރު ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓަށް ބަލައިގަންނަން ނުފެންނަ ކަމަށް ނިންމައި އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ