މޭރީ މަރު: މާވިންގެ ފަރާތުން ހުށަހެޅި ހެކިވެރިން ކޯޓަށް ހާޒިރެއްނުވި؛ ފަހު ފުރުސަތު ދީފި

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލި ކަމަށް ތުހުމަތުކުރެވޭ އޭނާގެ ފިރިމީހާ، މާވިން އެސްވައި ވާގަސްގެ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިން ކޯޓަށް ހާޒިރުކުރަން އެެންމެ ފަހު ފުރުސަތު މިއަދު ދީފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލާގައި ދައުވާ ލިބޭ، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ ބައިގައި ހެކިބަސް ނަގާ ވަނީ ނިމިފަ އެވެ. މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ މާވިންގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.
ތަފްސީލް - މާވިންގެ ފަރާތުން މިއަދުގެ އަޑުއެހުމަށް ފަސް ހެކިވެރިއަކު ހާޒިރުކުރާ ގޮތަށް އޮތް ނަމަވެސް، ކޯޓަށް ހާޒިރުވީ އެންމެ ހެކިވެރިއެކެވެ. ދެން ތިބި މީހުންނަށް ޗިޓު ފޮނުވާފައި ވިޔަސް، ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. އެ އެންމެންނަކީ ވެސް ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސް މީހުންނެވެ.
މާވިންގެ ވަކީލު އިސްމާއިލް މުހައްމަދު ވިދާޅުވީ:
ބާކީ ތިބި ހަތަރު ހެކިވެރިންނަށް ގުޅުމަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވޭ
މާވިންގެ މަންމަ އާއި އެކުވެރިން ލައްވާ ވެސް އެ ހެކިވެރިންނާ ގުޅޭތޯ ބަލާފައިވާނެ؛ އެކަމަކު އެ މީހުންގެ ފަރާތުން ޖަވާބެއް ލިބިފައެއް ނުވޭ
ކޯޓުން ޗިޓް ފޮނުވައިގެން ވެސް އެ މީހުން ހާޒިރު ކުރެވޭ ގޮތް ވަނީ ނުވެފައި
އެހެންވެ، މިއަދު އަޑުއެހުން ނިންމާލީ އެ ހެކިވެރިން ހާޒިރުކުރުމަށް މި ހަފްތާގައި އިތުރު އަޑުއެހުމެއް ބޭއްވުމަށާއި އެ ދުވަހު އެ މީހުން ކޯޓަށް ހާޒިރުނުވެއްޖެ ނަމަ، އެ މީހުންގެ ހެކިބަހާ ނުލައި މައްސަލަ ކުރިއަށް ގެންދާ ގޮތަށެވެ.
މާވިންގެ "ގުޑް ކެރެކްޓާ" ސާބިތުކުރުމަށް، މިއަދު ހެކިބަސް ދިން މީހާ ބުނި ގޮތުގައި، ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސް ރައްޔިތެއްގެ ހައިސިއްޔަތުން، މާވިން ދަންނަ ކަމަށާއި އެއީ އެންމެންނާ ވެސް ގުޅޭ، ހެޔޮ މީހެއް ކަމަށެވެ. އެކަމަކު މާވިންގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން އެއްޗެއް ބުނަން ނޭނގޭ ކަމަށް ބުންޏެވެ.
މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން، 19 އޮކްޓޫބަރު 2021 ވަނަ ދުވަހު އޭނާ މަރާލާފައިވާ ކަމަށް ބުނާ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ:
މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް؛ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ  
މާވީން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ އައިޖީއެމްއެޗުގެ ނަރުހެއް ކަމަށްވާ ލަމްހާގެ މައްޗަށް؛ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުން (އަސާސީ އަދަބަކީ ހަ އަހަރަށް ޖަލަށްލުން)
ލަމްހާގެ މައްޗަށް ކުރާ އިތުރު ދައުވާތައް - އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ (އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން) އަދި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން (އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން) 
ދައުލަތުގެ ދައުވާތަކުގައި ބުނެފައިވާ ގޮތުން:
މޭރީ މަރާލާފައިވަނީ އޭނާގެ ފިރިމިހާ މާވިން އާއި މާވިންގެ ލޯބިވެރިޔާ ލަމްހާ ދުރާލާ ރާވައިގެން 19 އޮކްޓޫބަރު 2021 ދުވަހު
19 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ މެންދުރު 12 އާއި 12:49އާ ދެމެދުގެ ވަގުތެއްގައި، އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީ މަރާލުމުގައި ލަމްހާ އެހީތެރިވެދީފައިވޭ
މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވޭ
ދައުވާތައް ސާބިތުވެއްޖެ ނަމަ ދެ މީހުންނަށް ވެސް މަދުވެގެން 10 އަަހަރުގެ ޖަލު ހުކުމެއް އަންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ