ކޮންޓްރޯލް ކޮމިޝަނުގެ އެންގުމަށް ބަދަލެއް، ކާޓޫނު ދައުރު ނުކުރަން އެންގީ މީޑިއާތަކަށް ކޮންޓްރޯލް ކޮމިޝަނުގެ އެންގުމަށް ބަދަލެއް، ކާޓޫނު ދައުރު ނުކުރަން އެންގީ މީޑިއާތަކަށް

އަދަދު ނޫހުގެ ފޭސްބުކް ޕޭޖާއި އެކްސް އެކައުންޓުގައި ޝާއިއުކުރި "ސިޔާސީ ކާޓޫން" ގެ ވޮލިއުމް 22 އެއްވެސް މީހަކު ދައުރު ނުކުރަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން އެންގި އެންގުމަށް ބަދަލެއް ގެނެސްފި އެވެ.
ކޮމިޝަނުން އެންމެ ފުރަތަމަ ނެރުނު އިއުލާނުގައި އޮތީ މި ނޫހުން މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ކާޓޫނަކީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ނެގުމަށް އަންގާފައިވާ ކާޓޫނަކަށްވާތީ، އެ ކާޓޫނު "އެއްވެސް ފަރާތަކުން ދައުރު ނުކުރުމަށް" އަންގާ ކަމަށެވެ.
ދެ ފަހަރެއްގެ މަތިން އިއުލާން ޑިލީޓު ކުރުމަށް ފަހު އިއުލާން އަލުން އަޕްލޯޑުކޮށްފައިވާއިރު ފުރަތަމަ އިއުލާނުގައި އޮތް "އެއްވެސް ފަރާތަކުން ދައުރު ނުކުރުމަށް" ބަދަލުގައި މިހާރު އޮތީ "އެއްވެސް މީޑިއާ އަކުން ދައުރު ނުކުރުމަށް" އަންގާ ކަމަށެވެ.
ފުރަތަމަ ކުރި އިއުލާނާއެކު އާންމުންގެ ސޯޝަލް މީޑިއާ ޕޯސްޓުތައް ހުއްޓުވުމަށް ކޮމިޝަނުން ޣައިރު ގާނޫނީ އެންގުމެއް އަންގާފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
ކާޓޫނުގެ މައްސަލަ ބަލަމުންދާކަން ކޮންޓްރޯލް ކޮމިޝަނުން އަދަދުއަށް އެންގީ ބުރާސްފަތި ދުވަހު ރަސްމީ ގަޑި ނިމި އިރުއޮއްސެން ކައިރިވެފައި ވަނިކޮށް 17:30 ގަ އެވެ. ކޮމިޝަނުން އަދަދު ނޫހަށް އެންގީ އެ މައްސަލާގައި ފަސް ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށެވެ. އެ މައްސަލައާ ގުޅިގެން އަދަދު ނޫހުން ވަނީ ރޭ ސިޓީއެއް ފޮނުވައިފަ އެވެ.
އެގޮތުން އެ ކޮންޓެންޓު އިސްލާމް ދީނުގެ އަސްލަކާ ހިލާފު ކަމަށް 'ތުހުމަތު ކުރެވި' އެ ގޮތަށް ނިންމި ގާނޫނީ ސަބަބުތައް ސާފުކޮށްދޭން އަދަދު ނޫހުން ވަނީ އެދިފަ އެވެ. އަދި ކޮންޓެންޓު ވަގުތީ ގޮތުން ނިންމުމާ މެދު ވެސް އޭރުން ގޮތެއް ނިންމާނެ ކަމަށް މި ނޫހުން ވަނީ ކޮންޓްރޯލް ކޮމިޝަނަށް އަންގާފަ އެވެ.
މިއީ އަދަދު ނޫހުގައި ޝާއިއުކުރި ކޮންޓެންޓެއް ނެގުމަށް މީޑިއާ ނެތިކޮށްލާ ގާނޫނުގެ ދަށުން ކޮންޓްރޯލް ކޮމިޝަނުން އެންގި ފުރަތަމަ ފަހަރެވެ. އޭގެއިތުރުން މިއީ އާންމުން ކޮންޓެންޓެއް ދައުރު ނުކުރުމަށް ކޮމިޝަނުން އެންގި ވެސް ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ