ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލަން ނިންމައިފި

ތިރީހަށް ވުރެ ގިނަ އަހަރު ފަހުން، މާލޭގެ ވިޔަފާރި ބަނދަރަށް އަންނަ ބޭރުގެ އާގުބޯޓުފަހަރަށް މެދުކެނޑުމެއް ނެތި ވަދެވޭ ގޮތް މިއަދު ހަދައިފިއެވެ. ނޮވެންބަރު 1988 އިން ފެށިގެން މިއަދާ ހަމައަށް އޮތީ، ރާއްޖެއަށް ދަންވަރު 12ގެ ފަހުން ވަންނަ ބައިނަލްއަގުވާމީ އާގުބޯޓުފަހަރު ހެނދުނު ހައެއް ޖަހަންދެން ބޭރުގައި މަޑުކުރަން ޖެހޭ ގޮތަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، ރާއްޖެ އަންނަ އާގުބޯޓުފަހަރު ގިނަވަމުން އަންނަ ކަމަށެވެ. އެހެންވެ، ގައުމުގެ އިގުތިޞާދަށް ފައިދާވާނެހެން ކޮންމެ ވަގުތެއްގައިވެސް ބަނދަރަށް ވަދެވޭނެ އިންތިޒާމުތައް ގާއިމުކުރުމަށް ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ. އެގޮތުން މާދަމާއިން ފެށިގެން 24 ގަޑިއިރަށް ބަނދަރުގެ ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް އުސޫލު ބަދަލު ކޮށްފައިވާ ކަމަށް ބުންޏެވެ. https://x.com/ameen3d/status/2015366392682594593 މި ބަދަލާއެކު، އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ދޭންޖެހޭ ހުއްދަތަކާއި، ޕައިލޮޓޭޖްގެ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނިގޮތުގައި މި ބަދަލުގެ ސަބަބުން ބޯޓުފަހަރު ދުއްވާ ފަރާތްތަކުން ބޭރުގައި މަޑުކުރަންޖެހުމުން ކުރިން ހިނގާ އިތުރު ޚަރަދުތައް ސަލާމަތްވެ، ވަގުތު ސަލާމަތްކުރުމަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ. މިއީ މާލޭގެ ވިޔަފާރި ބަނދަރު ބައިނަލްއަގުވާމީ ފެންވަރުގެ އިތުބާރު ހުރި ތަނަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓްރީން ސިފަކުރެއެވެ. އަދި މިއީ ރާއްޖޭގެ ކަނޑުގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީވެ، ރާއްޖެ އަންނަ އުޅަނދުފަހަރުގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. ފާހަގަކުރެވޭ ގޮތުގައި، ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިތަކަށް އިތުރު ލުއިފަސޭހަ ގޮތްތަކެއް ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކެނޑިނޭޅި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަަމަށް، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ