ކުރީގެ މަޖިލީސް މެމްބަރު މުސްތަފާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ

ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓްވީޓަކާ ގުޅިގެން އޭނާ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
މުސްތަފާ ފުލުހަށް ހާޒިރު ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅުޖަހަން ގޮވާލި މައްސަލަ އަކާ ގުޅިގެންނެވެ.
މުސްތަފާގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުން މިރޭ ކުރި ޓްވީޓްގައި ބުނެފައިވަނީ ރައީސް ސޯލިހުގެ މޫނަށް ކުޅުޖަހާ މީހަކަށް 50،000ރ. އިނާމެއް ދޭނެ ކަމަށެވެ.
އެ ޓްވީޓްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު މުސްތަފާ ވިދާޅުވީ މާދަމާ ރޭ 9:40 ހާއިރަށް ފުލުހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.
މުސްތަފާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހް އާ މެދު ހޮތް ހަމަ ނުޖެހިގެން އުޅެނީ ތިމަރަފުށީގެ ގޮނޑި ނުލިބިގެން ނޫންކަމަށާއި، ރައީސް ސޯލިހް މުސްތަފާގެ ބޯޓެއް ކާލައިގެން އުޅޭތީ ކަމަށެވެ.
އަދި ރައީސް ސޯލިހް އޭނާއަށް ދޭންޖެހޭ 500,000 ޑޮލަރުވެސް ނުދޭ ކަމަށެވެ. ބޯޓުގެ ހުކުމުގައިވާ 1.278 މިލިއަން ޑޮލަރާއި އެކު ޖުމުލަ 1,778 މިލިއަން ޑޮލަރު ނުދީގެން ކަމަށެވެ.
ރައީސް ސޯލިހާ ގުޅޭގޮތުން މަކަރާ ހީލަތް ހެދުމުގެ ގިނަ މައްސަލަތަކެއް ބަލަމުންދާ ކަަމަށް ބޭރުގެ ނޫހެއްގައި ދާދި ފަހުން ވަނީ ރިޕޯޓު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ