ނަޝީދުގެ ވާހަކަތަކާ ގުޅިގެން އީރާނުގެ ސުވާލެއް: "ތި ހުންނެވީ ކޮން ފަޅިއެއްގައި؟"
އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން އީރާނުގެ ރައްޔިތުންނާއެކު ބައިނަލްއަގުވާމީ މުޖުތަމައުއިން ސާބިތުވެ ތިބެންޖެހޭކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން، އެ ހަމަނުޖެހުންތަަކަކީ އިސްރާއިލުން އަޑީގައި ތިބެ ކުރަމުން އަންނަ ކަމެއް ކަމަށް ބުނެ، ނަޝީދަށް އެ ގައުމުން ސުވާލެއް ކުރިމަތިކުރުވައިފިއެވެ. އީރާނުގައި މިހާރު ހިނގަމުން އަންނަ މުޒާހަރާތަކަކީ އިގުތީޞާދީ ގޮތުން އެ ގައުމު މިހާރު އޮތް ދަށް ހާލަތުގެ ސަބަބުން ކުރިއަށްދާ ހަމަނުޖެހުންތަކެކެވެ. ނަމަވެސް، މި މުޒާހަރާތަކުގެ ފަހަތުގައިވާ ކަމަށް އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީއާއި ރައީސް މަހްމޫދު ޕެޒެޝްކިއާންގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ތުހުމަތުކުރަނީ އެމެެރިކާއާއި އިޒްރާއިލެވެ. މިއީ 2023ވަނަ އަހަރަށް ފަހު އެ ގައުމުގައި ހިނގާ އެންމެ ބޮޑު މުޒާހަރަތަކެވެ. އިއްޔެ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އީރާނުގެ ރައްޔިތުން މިހާރު މަގުތައްމައްޗަށް ނުކުމެ އިހުތިޖާޖުކުރަމުން އަންނަނީ އަބުރުވެރިކަން ހޯދުމަށާއި، ބޮޑުވަމުން އަންނަ ދިރިއުޅުމުގެ އަގުތަކާއި ދެކޮޅަށާއި، އެތައް ޒަމާނެއްވަންދެން އެ ރައްޔިތުންގެ ހައްގުތައް އޮބަހައްޓައިފައި އޮތް އޮތުމާ ދެކޮޅަށް ކަމަށް ވިދާޅުވެފައެވެ. އަދި އީރާނުގައި ވެސް ތީބީ މުސްލިމު އަޚުންނާއި އުޚުތުންކަން ފާހަގަކުރައްވައި ނަޝީދުވަނީ މުސްލިމުންނާއި، ބައިނަލްއަގުވާމީ މުޖުތަމައު އީރާނުގެ ސަރުކާރު ދިފާއުނުކޮށް، އީރާނުގެ ރައްޔިތުންގެ ފަޅީގައި ސާބިތުވެތިބުމަށް ގޮވައިލައްވައިފައެވެ. ނަޝީދުގެ އެ ވާހަކަތަކަށް ސްރީލަންކާގައި ހުންނަ އީރާނު އެމްބަސީން ވަނީ ވަރަށް ދިގު ރައްދެއް ދީފައެވެ. https://x.com/IRANinSriLanka/status/2010550458151247986 އެގޮތުން އެ ރައްދުގައި ވަނީ، މިދިޔަ ޖޫން މަހު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ޒަޔަނިސްޓު ބާރުތަކުން އީރާނުގެ ސިޓީތަކަށާއި، އާންމު ރައްޔިތުންނަށާއި، އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދިން ކަމަށެވެ. އީރާނުގެ ރައްޔިތުންނަށް އަމާޒުކޮށް ދިން މި ހަމަލާތަކާއި ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފިރިހެނުންނާއި، އަންހެނުން އަދި ކުޑަކުދިން ހިމެނޭހެން ހާހަކަށްވުރެ ގިނަ މީހުން މަރުވި ކަމަށް ބުންޏެވެ. އީރާން އެމްބަސީން ބުނި ގޮތުގައި ޒަޔަނިސްޓުންގެ އެ ހަމަލާތަކާ ދެކޮޅަށް އީރާނުގެ ރައްޔިތުން ދައްކަމުންދިޔަ ސާބިތުކަމާ އެކު ވެސް، އެމެރިކާގެ އެހީތެރިކަމާއެކު ހަމަލާތައް އިތުރަށް ވަރުގަދަކުރިއެވެ. އަދި ބޭނުމަކީ އީރާނުގެ މަގުތައް މަތީ ބިރުވެރިކަން އުފައްދައި، ގައުމުގެ އަމާންކަން ނަގާލުން ކަމަށް ވެސް ބުންޏެވެ. އެއާއެކު މި ފަހަރު، އިސްރާއިލްގެ ގައުމީ އިންޓެލިޖެންސް އެޖެންސީ، މޮސާޑާ ގުޅުން ހުރި ފަރާތްތަކުން ހިންގި ޓެރަރިޒަމްގެ އަމަލުތަކުގެ ޝިކާރައަކަށްވީ އީރާނުގެ ކުށެއްނެތް ކުޑަކުދިންނާއި، އަންހެނުންނާއި، އާންމު ރައްޔިތުން ކަމަށް އެ ގައުމުން ބުންޏެވެ. މި ހަމަލާތަކުގައި މިސްކިތްތަކުގައި ހުޅުޖަހައި، ހޮސްޕިޓަލްތައް ސުންނާފަތިކޮށް، މަގުމަތީގައާއި ބާޒާރުތަކުގައި އުޅުނު އާންމުންނަށް ހަމަލާދީ، މެޓްރޯ ސްޓޭޝަންތަކާއި ބޭންކުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ބުންޏެވެ. މިއީ އިސްރާއީލުން ފަހަތުގައި އޮތް ކަންކަން ކަމަށް ބުނެ އެ ގައުމުން ވަނީ މި ހާލަތުގައި ނަޝީދު ހުންނެވީ ކޮން ފަޅިއެއްގައިތޯ ސުވާލުކޮށްފައެވެ. ތެހެރާނުގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން ކަރުނަ ގޭސް ޖަހަނީ -- ފޮޓޯ: އޭއެފްޕީ މިހާރު ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން އީރާނުން އިންޓަނެޓު ވެސް ވަނީ ކަނޑާލައިފައެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ މުޒާހަރާކުރަމުން އަންނަ މީހުންނާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރުމަށް ގޮވައިލައްވާފައެވެ. އަދި، އެ ގައުމަށް ވެސް އަރައިގަންނަން ޖެހިދާނެކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވައިފައެވެ. އެ އިންޒާރާއެކު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީވަނީ އީރާނުން މަޝްވަރާއަށް ވެސް، ހަނގުރާމައަށް ވެސް ތައްޔާރުކަމަށް ބުނެ ރައްދު ދެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ