ރޯހައުސްތައް އަތުލި މައްސަލާގައި ތުޅާދޫ ކައުންސިލުން ހައުސިން މިނިސްޓްރީ ގޮވައިގެން ކޯޓަށްދާން ތައްޔާރުވެއްޖެއެވެ.
އިއްޔެ ބޭއްވި ތުޅާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 270 ވަނަ ޖަލްސާގައި ވަނީ ހައުސިން ޔުނިޓްތަކުގެ މައްސަލާގައި ޤާނޫނީ ލަފާ ހޯދައި އެ މައްސަލަ ޝަރީއަތަށް ހުސަހެޅުމުގެ ފުރުސަތު އޮތްނަމަ ޝަރިއަތަށް މައްސަލަ ހުސަހެޅުމަށް ނިންމާފައެވެ. ޗުއްޓީގައި ހުރި މެމްބަރު ފިޔަވައި އެހެން ހުރިހާ މެމްބަރުން ވަނީ، މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ފެންނަކަމަށް ނިންމާފައެވެ.
މައްސަލަބޮޑުވެފައިވާ ތުޅާދޫ ހައުސިން ޔުނިޓްތައް މިނިސްޓްރީން ނަގާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އެތަން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ނެގުމަށްފަހު މިނިސްޓްރީން އިއްޔެ ވަނީ އެ 100 ހައުސިން ޔުނިޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ހައުސިންގ ޔުނިޓުތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވާނީ 11 ޖަނަވަރީ 2026، ވަނަ ދުވަހުގެ 12:00 އިން ފެށިގެން 11 އެޕްރީލް 2026 ވަނަ ދުވަހުގެ 23:59 އާ ހަމައަށެވެ.
ތުޅާދޫ ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލާފައިމިވަނީ މީގެ ކުރިން ކައުންސިލުން އެ ޔުނިޓްތައް ދޫކުރަން ހުޅުވާލައި ޔުނިޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓުވެސް ނެރެ އެކަމާ ގުޅޭ މައްސަލައެއް ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދަނިކޮށެވެ.
ތުޅާދޫގައި ތަރައްޤީކުރި ރޯހައުސްތަކަށް ރައްޔިތުންގެ ތެރެއިން 623 ހަށްވުރެ ގިނަ މީހުން ލާފައިވާއިރު، އެރަށުގައި ދިރިއުޅެމުންދާ އެހެން ރަށްރަށަށް ނިސްބަތްވާ 100 އެއްހާމީހުން ފޯމް ލިއެވެ. މި ރޯހައުސްތައް ނިންމިތާ ދެ އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު، އެތަންތަން އިމާރާތްކުރަން ފަށާފައިވަނީ، 2019 ވަނަ އަހަރެވެ. މި ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޕްރިސިޝަން އިންޖީނިއަރިން ސާވިސަސްއާއި ފްލްކްސްއިންކް ޕްރައިވެޓް ލިމިޑެޓް ގުޅިގެން އުފެއްދި ކުންފުންޏަކުންނެވެ. މަޝްރޫޢުގެ އަގަކީ 79.6 މިލިއަން ރުފިޔާއެވެ.
ތުޅާދޫ ކައުންސިލުން ހައުސިން މިނިސްޓްރީ ގޮވައިގެން ކޯޓަށްދާން ތައްޔާރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ