ވަގުތީ ކޯޗަކަށް ޔުނައިޓެޑުން ގެންނަނީ ކެރިކް: ރިޕޯޓް ވަގުތީ ކޯޗަކަށް ޔުނައިޓެޑުން ގެންނަނީ ކެރިކް: ރިޕޯޓް

މެންޗެސްޓާ (ޖެނުއަރީ 12) - ހުސްވެފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމަށް މި ސީޒަނުގެ ނިޔަލަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، މައިކަލް ކެރިކް ހަމަޖައްސަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެެވެ.
ޔުނައިޓެޑްގެ ކޯޗަކަށް ހުރި ރުބެން އަމޮރިމް، 14 މަސް ދުވަހަށް ފަހު މަގާމުން ވަކިކުރިއިރު، އެއްބަސްވުމުގައި ބާކީ 18 މަސް ދުވަސް އޮތެވެ. އަމޮރިމް އަށް ފަހު ވަގުތީ ކޯޗެއް ގެންނަން ދެން ޔުނައިޓެޑާ ހަވާލުވި ޑަރެން ފްލެޗާގެ ކޯޗުކަމުގައި އެ ޓީމުން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ވެސް މޮޅެއްނުވެ އެވެ. އެއް މެޗުން އެއްވަރުވިއިރު، ބަލިވެފައިވަނީ އެފްއޭ ކަޕްގެ މެޗުންނެވެ.
އެއާ އެކު، ޔުނައިޓެޑުން ސީޒަނުގެ ނިޔަލަށް ގެންނާނެ ވަގުތީ ކޯޗެއްގެ ކަންކަން ނިންމަން އަވަސްވެގަތެވެ. އެ ގޮތުން، އެ ޓީމުން ވާހަކަ ދެއްކީ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ކެރިކް އާއި އޮލެ ގުނަ ސޯލްޝެއާ އެވެ. ސޯލްޝެއާ ވަނީ މީގެ ކުރިން 2018 އިން 2021 އަށް ޔުނައިޓެޑަށް ކޯޗުކޮށްދީފަ އެވެ. އަދި، 2021 ވަނަ އަހަރު ނޮވެމްބަރު މަހު ސޯލްޝެއާ ވަކިކުރުމުން ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް ކެރިކް ވަނީ މަސައްކަތްކޮށްފަ އެވެ.
އޭގެ ފަހުން، 2022 އިން ފެށިގެން، މިދިޔަ އަހަރުގެ ޖޫން މަހާ ހަމައަށް ކެރިކް ހުރީ މިޑްލްސްބަރާ ކޯޗަކަށެވެ. އެ ޓީމުން އޭނާ ވަކިކުރީ ލީގުގެ 10 ވަނައިގައި ނިންމުމުންނެވެ. އޭގެ ފަހުން، ދެ ޓީމެއްގެ ހުށަހެޅުން ލިބުނު ނަމަވެސް ކެރިކް ހުރީ ޓީމަކާ ހަވާލުނުވެ އެވެ.
ޔުނައިޓެޑުން މި ހަފްތާގައި އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާ ކުޅުމުގެ ކުރިން ކެރިކާ އެ ޓީމު ހަވާލުކުރަން ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ