ސިޔާސީ ޕާޓީން ވަކިކޮށްގެން ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް އަމަލުކުރެވޭނީ އޭގައި ބަޔާންކުރާ ގާނޫނު ވުޖޫދުވެގެން ކަމަށާއި އެއީ އަދި ވުޖޫދު ނުވާ ގާނޫނެއް ކަމަށް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - މަޖިލީހުން ގެނައި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭ ހާލަތްތަކުގެ ތެރެއަށް އިންތިހާބުވާ ޕާޓީއާ ގުޅޭ ހަތަރު ހާލަތެއް ހިމެނުމެވެ. އޭގެ ތެރެއިން ޕާޓީން ވަކިކުރާ ހާލަތުގައި އޮންނަނީ:
މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން 'ގާނޫނުގައި' ބަޔާންކުރާ ގޮތުގެ މަތިން އެ މެންބަރަކު ޕާޓީން ވަކިކުރުން
ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުން ދަނީ ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު އިސްލާހެއް ކަން ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
ތަފްސީލް - ދައުލަތުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން މަޖިލީހުގެ މިނިވަންކަން ނުގެއްލޭ ކަމަށާއި އިސްލާހު ގެނެސްފައިވަނީ މެންބަރުން ވަކިކުރުމުގެ މުޅި ބާރު ޕާޓީތަަކަށް ލިބިދޭ ގޮތަށް ނޫން ކަމަށެވެ.
އޭނާގެ އެ ނުކުތާއަށް ބާރު ދިނުމުގެ ގޮތުން ފާހަގަކުރެއްވީ ވެސް އެ އިސްލާހޫގައި އޮންނަނީ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ މެންބަރަކު ޕާޓީން ވަކިކުރުމުން ކަމެވެ. ފާތިމަތު ވިދާޅުވި ގޮތުގައި އެ މާއްދާގައި ބުނާ ގާނޫނަކީ އަދި ވުޖޫދުނުވާ ގާނޫނެއް ކަމަށެވެ.
އެހެންކަމުން އެ މާއްދާގައި ޕާޓީން 'ހިތުހުރި ގޮތަކަށް' މެންބަރުން ވަކިކުރުމުގެ ބާރު ނުލިބޭ ކަމަށް ފާތިމަތު ހަލީމް ވިދާޅުވި އެވެ.
"އެ ގާނޫނު ވުޖޫދުވެފައެއް ވެސް ނެތް. ދެން ކިހިނެއް ނިންމާނީ ސިޔާސީ ޕާޓީއަށް މި ބާރު ލިބޭނެކަން. މި ބުނާ ގާނޫނު އައުމުން އެނގޭނީ ވަކިކުރެވޭނެ ގޮތް ވެސް. ގާނޫނުގެ ވާހަކަ ބަޔާންކުރަނީ ވެސް މެންބަރުންގެ މިނިވަންކަމުގެ ރައްކާތެރިކަން ދޭން،" ވަކީލު ވިދާޅުވި އެވެ.
މައްސަލަ ހުށަހެޅުއްވި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިންގެ ވަކީލު ޝީނާ މުހައްމަދު ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ނުވަތަ އިސްލާހު ހިމެނޭ ބިލުގައި އެ އިސްލާހާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ވެސް ހިމަނަން ޖެހޭ ކަމަށެވެ.
އެ ގޮތުން ގާނޫނެއް އެކުލަވާލައި ފާސްކުރަންޖެހޭ ކަމަށް އެ ބިލުގައި ނެތުމުން އެއީ ކުރިއަށް އޮތް ތަނުގައި އަންނަ ގާނޫނެއް ގޮތުގައި ދެކިގެން ނުވާނެ ކަމަށް ޝީނާ ވިދާޅުވި އެވެ. މި ވަގުތު ޕާޓީއަކުން މެންބަރުން ވަކިކުރެވޭނެކަން ބަޔާންކުރަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ކަން ޝީނާ ފާހަގަކުރެއްވި އެވެ.
"އެ ބިލާ ގުޅިގެން އިތުރު ގާނޫނެއް އަންނާނެކަން ލިޔެފައި ނެތް. އަޅުގަނޑުމެން ކީއްވެގެން ނުބަލަންވީ އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ނޫން ކަން. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވެސް އޮވޭ ސިޔާސީ ޕާޓީތަކުން މެންބަރުން ވަކިކުރާނެ ގޮތުގެ އިޖުރާއަތް ވެސް،" އޭނާ ވިދާޅުވި އެވެ.
މި މައްސަލަައަށް ތަދައްހުލްވި އެމްޑީޕީގެ ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ވެސް ވިދާޅުވީ އެ މާއްދާގައި އޮންނަނީ ޕާޓީއަކުން ކުރާ ކަމަކުން މެންބަރުކަން ގެއްލޭ ކަން ކަމަށެވެ. ޕާޓީތަކުން އަމަލުކުރަން ޖެހެނީ ޕާޓީތަކުގެ ގާނޫނަށް ކަމަށާއި ގާނޫނުގައި މި ކަން ދޫކޮށްލާފައި ވަނީ ސީދާ ޕާޓީތަކަށް ކަމަށް އަނަސް ވިދާޅުވި އެވެ.
"އަޅުގަނޑު މި ތަމްސީލްކުރަނީ ސިޔާސީ ޕާޓީއެއް. އަޅުގަނޑުމެން އަމަލުކުރަން ޖެހޭނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް. އެ ގާނޫނުގައި ބަޔާންކުރޭ ޕާޓީގެ އަސާސީ ގަވާއިދުގައި ހިމަނާފައި އޮންނަން ޖެހޭ ކަން ޕާޓީން މެންބަރުން ވަކިކުރަން ޖެހޭ ގޮތް. އެ ކަން ގާނޫނުގައި ވެސް ދީފައި އޮތީ ޕާޓީތަކަށް،" އަނަސް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - މި މައްސަލާގައި ގޮތެއް ނިމެންދެން ގާނޫނުއަސާސީގެ އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފަ އެވެ. މިއަދު މެންދުރުފަހު 1:30ގައި ސުޕްރީމް ކޯޓުން އެ ބައި ކުރިއަށް ގެންދާނެ އެވެ.
ދައުލަތުން ބުނީ ގޮނޑި ގެއްލޭނީ އަދި ވުޖޫދުގައި ވެސް ނެތް ގާނޫނަކުން މެންބަރު ވަކިކޮށްގެން ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ