ކަރަންޓު ނެތި 9 ގަޑިއިރު؛ ހިޔާ އަދި ވިނަރެސް މީހުންނަށް ތަކުލީފެއް

ހިޔާގެ އަށް ޓަވަރަކާއި ވިނަރެސް ބައެއް ޓަވަރުތަކުން އިއްޔެ މެންދުރު 3 ހާއިރު ކަރަންޓު ކެނޑުނު ގޮތަށް އެ ޓަވަރުތަކަށް ކަރަންޓު ލިބުނީ ރޭ 12 ޖަހަން އުޅެނިކޮށެވެ. ސްޓެލްކޯއިން ބުނި ގޮތުގައި، ކަރަންޓު ކެނޑުނީ ކޮނުމުގެ ތެރޭގައި މައި ކޭބަލްއަކަށް ގެއްލުން ވެގެން ކަމަށެވެ. އެ މައްސަލަ ހައްލު ކުރަމުންދަނިކޮށް، އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަަގަކުރެވި، މައްސަލަ ހައްލުކުރުން 9 ގަޑިއިރަށް ދިގުލައިގެންދިޔަ އެވެ.
މިފަހަރުގެ ކައުންސިލް އިންތިހާބުގައި، މާލޭ ކައުންސިލުގެ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރުގެ ގޮނޑި ކާމިޔާބު ކުރެއްވި ފާތިމަތު ޒަހިއްޔާ މިއަދު ހިއްސާކުރި ޕޯސްޓެއްގައި ވަނީ، ކަރަންޓު ލިބުމުގައި އެހާ ގިނައިރުވީއިރު، އިއްޔެ މެންދުރު 3 ޖެހީއްސުރެއް އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުން އުފުލި ތަކުލީފުތައް ހިއްސާކޮށްފަ އެވެ.
ހުޅުމާލެ ދެވަަނަ ފިޔަވަައްސަކީ އެއްތަނެއްގައި، އެތައް ބަޔަކު ދިރިއުޅޭ ތަނަކަށްވާއިރު، ހަރުދަނާ އުސޫލެއްގެ ދަށުން، އެތާ ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުވެފައި ނެތުމުގެ ކަންބޮޑުވުން އޭނާ ފާޅުކުރި އެވެ.
އެ ޓަވަރުތަކުން ކަރަންޓު ކެނޑުމާ އެކު ޒަހިއްޔާ ވަނީ އެ ސަރަހައްދަށް ގޮސް ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ ހާލަތު ބަލައި، އެހީތެރިކަން ވެސް ފޯރުކޮށްދީފަ އެވެ. ޒަހިއްޔާގެ ޕޯސްޓުގައިވާ ގޮތުން މެންދުރު 3 ޖެހީއްސުރެ:
އިވިގެން ދިޔައީ ކުޑަކުދިންގެ ރުއިމާއި ގިސްލުމުގެ އަޑު 
ފެނުނީ ލިފްޓްތަކުގައި ކުޑަކުދިންނާއި އެތައް ބައެއް ތާށިވެފައި ތިބި މަންޒަރު 
ސްކޫލުތަކުން އައި ދަރިވަރުން ޔުނީފޯމުގައި ތިބެ ޖޯލިފަތި ތަކުގައި ނިދާފައި ތިބި 
އުމުރުން ދުވަސްވީ ފަރާތްތައް އަދި އެތައް ރައްޔިތުންނެއް ފާހާނާ ނުކުރެވިފަތިބި 
އޮކްސިޖަން ގުޅާފައިތި އެތައް މީހަކު، އޮކްސިޖަން ނުލިބުމުގެ ސަބަބުން 24 ބުރީގެ އުސްޓަވަރުތަކުގެ ސިޑިން ބާލައިގެން ހޮސްޕިޓަލަށް ވަނީ ގެންދެވިފައި 
"ރާއްޖޭގެ އެއްތަނެއްގައި އެންމެ ގިނަ އަދަދަކަށް ރައްޔިތުންތަކެއް ދިރިއުޅެމުން ގެންދާ ހުޅުމާލެ ފޭސް 2 ސަރަހައްދަށް މިއަށް ވުރެ ހަރުދަނާ އުސޫލެއްގެ ދަށުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަށް ގާއިމްވެފައި ހުންނަންޖެހޭ،" ރައީސް މުހައްމަދު މުއިއްޒަށް ޓެގު ކުރައްވާ ޒަހިއްޔާ ކުރެއްވި ޕޯސްޓުގައިވެ އެވެ.
ސޯޝަލް ބައެއް މީހުން ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން، ޓަވަރުތަކުގައި ކަރަންޓު ނެތުމުގެ ސަބަބުން ގިނަ ބަޔަކު ތިބީ ބޭރަށް ނިކުމެ އެ ސަރަހައްދުގައި ބަހައްޓާފައި ހުންނަ ޖޯލިފަތި ތަކުގަޔާއި ޕާކުތަކުގަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެ އެވެ.
ގުޅުންހުރި ކަމެއް - ކޮނުމުގެ ތެރޭ ކޭބަލްތަކަށް ގެއްލުންވެގެން މީގެ ކުރިން ވެސް އެ ސަރަހައްދުން އެކި ފަހަރުމަތިން ކަރަންޓު ކެނޑިފައިވެ އެވެ. ކޮންމެ ޓަވަރެއްގައި 20އަށް ވުރެ ގިނަ ފަންގިފިލާ ހުންނައިރު، ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކު އެތަންތާ ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކެއް ދިމާވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ