އިދިކޮޅު އެމްޑީޕީގެ "ބާވެ، މުސްކުޅިވެފައިވާ' ސިޔާސަތުތައް ރައްޔިތުން ބަލައިނުގަންނަ ކަމަށާއި ވެރިކަންކުރާ ޕީއެންސީ ކައުންސިލް އިންތިހާބު ކާމިޔާބުކުރާނީ %80އަށްވުރެ މަތިން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ފަލާހް މިހެން ވިދާޅުވީ ރޭ ހދ. ކުޅުދުއްފުށީގައި ޕީއެންސީގެ ފަރާތުން އެ ސިޓީގެ މޭޔަރު ވާދަކުރައްވާ އިބްރާހީމް ހަސަން އާއި ކައުންސިލް ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގަ އެވެ.
ތަފްސީލް - މިދިޔަ 17 އަހަރު އެމްޑީޕީއަށް ކައުންސިލް މެޖޯރިޓީ އޮތް ކުޅުދުއްފުށީގައި ރޭ ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ އެ ޕާޓީގެ ކައުންސިިލްތަކާއެކު ކުޅުދުއްފުށީގެ ތަރައްގީ ވެސް ގޮސްފައިވާ ހިސާބު ފެންނަން އެބަ އޮތް ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ އެ ގޮތަށް ކުރިއަށް ނުގޮސް ޕީއެންސީއަށް ފުރުސަތު ދިނުން ކަމަށް ވިދާޅުވި އެވެ.
"އަންނަ ކައުންސިލް އިންތިހާބު ވަރަށް ބޮޑަށް މުހިންމުވޭ އެބަ. މި ގައުމަށްޓަކައި ރަށްރަށުގެ ތަރައްގީއަށްޓަކައި މުހިންމު އިންތިހާބެއް. މި އިންތިހާބުގައި ނިންމަން މި އޮތީ މި ރަށްރަށާއި ސިޓީތަކުގެ ތަރައްގީއާއެކު ކުރިއަށްދާނީތޯ ނުވަތަ މިހާރު މި އޮތް ގޮތަށް ބާއްވާނީތޯ،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ފަލާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޒުވާން ވިސްނުންތަކާއެކު ކުރިއަށްދަނީ ޕީއެންސީން ކަމަށެވެ. ޕީއެންސީން އަބަދުވެސް ޒުވާން ލީޑާޝިޕްތަކަށް ފުރުސަތު ލިބެމުން، ޒުވާން އާ ހިޔާލުތަކާއެކު ތަރައްގީ ހޯދުމަށް މަސައްކަތްކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ. ކުޅުދުއްފުށިންނާއި ރަށްރަށުގެ ކައުންސިލްތަކަށް ވެސް ނުކުންނަނީ ޒުވާން ލީޑަރުން ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީގެ ލީޑަރުންނަށް ބަދަލެއް ނައިސް، އަބަދުވެސް ވިއްކާ ސިޔާސަތުތަކާއެކު އެ ޕާޓީގެ މަގުބޫލުކަން ގެއްލެމުންދާ ކަމަށް ފަލާހް ވިދާޅުވި އެވެ.
"އެމްޑީޕީއަކީ މުސްކުޅި ޕާޓީއެއް. ޒުވާން ލީޑަރެއް ނެތް. ޒުވާން ވިސްނުމެއް ނެތް. 2008އިން ފެށިގެން ގެންގުޅުނު ސިޔާސަތުތައް އެ ގެންގުޅެނީ. އެއެއް ނުވިކޭ މިހާރު. ބައެއް ރަށްރަށުން ނުކުންނާނެ ކެންޑިޑޭޓުން ވެސް ނުވެގެން ބައެއް ގޮނޑިތައް އަޅުގަނޑުމެންނަށް ފްރީކޮށް ވެސް އެބަ ލިބޭ،" ފަލާހް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު މާތްﷲގެ ވާގިފުޅާއި ރަހުމަތާއެކު ކާމިޔާބުކުރާނީ ވަރަށް ފަސޭހަކޮށް %80އަށް ވުރެ މަތިން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ބާވެއްޖެ؛ ޕީއެންސީ ކައުންސިލްތައް ކާމިޔާބުކުރާނީ %80އަށްވުރެ މަތިން: ފަލާހް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ