ރާއްޖެއަށް އިނގިރޭސިވިލާތުގެ ރައްދު: ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި ހިމެނެނީ ޔޫކޭއާއި މޮރިޝަސް އެކަނި

ރާއްޖޭން ޗާގޯސް ހޯދުމަށް ވަކާލާތު ކުރަމުން އަންނަ ދަނޑިވަޅެއްގައި، އެ ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއްގެ ގޮތުގައި އިނގިރޭސިވިލާތުން ސިފަކޮށްފިއެވެ. ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ދެބަސްވުންތައް އޮންނަތާ އަހަރުތަކެއް ފަހުން، މިދިޔަ އަހަރު އިނގިރޭސިވިލާތުން ވަނީ ޗާގޯސް، މޮރިޝަސްއަށް ދިނުމަށް ނިންމައިފައެވެ. އެ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވި ނަމަވެސް، ފަހުން ވަނީ އެއްބަސްވުން ތަންފީޒު ކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. އެހެންނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތާއި އެމެރިކާގެ ނޫސްތަކަށް ދެއްވި އިންޓަވިއުތަކެއްގައި ވަނީ، ރާއްޖެއަށް ޗާގޯސް ހޯދުމާ ގުޅޭ ގޮތުން ވާހަަކަފުޅު ދައްކަވައިފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި އެ މަނިކުފާނު ވިދާޅުވީ ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށެވެ. އޭގެ ފަހުން އެމެރިކާގެ 'ނިއުސްވީކް'އާ ވާހަކަދައްކަވަމުން ރައީސް ވަނީ، ރާއްޖެއަށް ޗާގޯސް ލިބިއްޖެ ނަމަ، ޑިއޭގޯ ގާސިއާގައި ގާއިމުކޮށްފައިވާ އެމެރިކާގެ މަރުކަޒު ހިންގަމުން ދިޔުމާ ގުޅޭ އެއްބަސްވުމެއް ހެދޭނެ ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު، މިދިޔަ ބުރާސްފަތި ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ރާއްޖޭން އިޢުތިރާޒުކޮށް، އެކަމާ ދިވެހި ދައުލަތުން ދެކޮޅުހަދާކަން ބަޔާންކޮށް، ދިވެހި ސަރުކާރުގެ ފަރާތުން 2024 ވަނަ އަހަރާއި މިދިޔަ މަހުގެ 18ގައި ވެސް، ލިޔުމުން އިނގިރޭސި ސަރުކާރަށް އަންގައިފައި ކަމަށް ވިދާޅުވެފައެވެ. https://www.sun.mv/217443 މިދިޔަ ޑިސެންބަރު މަހުގެ 15ގައި އިނގިރޭސިވިލާތުގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރު، ޑޭވިޑް ލެމީއާއެކު އޮތް އޮންލައިން ފޯން ކޯލެއްގައި ވެސް އެކަން ފާހަގަކުރައްވައި، އިނގިރޭސިވިލާތުގެ ސަރުކާރާއެކީގައި މަޝްވަރާކުރަން ބޭނުންވާކަމަށް ދަންނަވާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޗާގޯސްއިން ރާއްޖޭން ވަކާލާތު ކުރުމާ ގުޅޭ ގޮތުން، ތުރުކީގެ އަނަދޮލޫ ނޫސް އޭޖެންސީން އިނގިރޭސިވިލާތުގެ ފޮރިން އޮފީހާ ސުވާލުކުރުމުން، އެ ގައުމުން ބުނެފައިވަނީ، ޗާގޯސްގެ ސިޔާދަތާ ގުޅޭ ގޮތުން ސުވާލު އުފެދިފައިވަނީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުކަން، ތަފާތު ކޯޓުތަކާއި އިދާރާތަކުގެ ނިންމުންތަކުން ސާފުވާ ކަމަށެވެ. ރައީސް މުޢިއްޒު, ރިޔާސީ ބަޔާން ދެއްވަން ވަޑައިގަތުން: ރައީސް ވިދާޅުވީ، މޮރިޝަސްއަށް ފޯޅަވަހި ދިނުމާ ދެކޮޅަށް އިއުތިރާޒުކޮށްފައިވާނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް އެ އޮފީހުން ބުނީ، މޮރިޝަސްއާއެކު އިނގިރޭސިވިލާތުން ހަދައިފައިވާ އެއްބަސްވުމުގެ ދަށުން، ޑިއޭގޯ ގާސިއާގައި ހަދައިފައިވާ އެމެރިކާގެ މަރުކަޒު އެތައް ޖީލަކަށް ރައްކާތެރިކޮށް ބެލެހެއްޓޭނެ ކަމަށާއި، އޭގެ ސަބަބުން އިނގިރޭސިވިލާތަށް ވެސް ދިފާއީ ގޮތުން ފައިދާތައް ވާނެ ކަމަށެވެ. މިދިޔަ އަހަރުގެ މެއި މަހު އިނގިރޭސިވިލާތާއި މޮރިޝަސްއިން ހެދި އެއްބަސްވުމުގެ ދަށުން، ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައި އެމެރިކާއިން ހިންގާ މަރުކަޒު، އެ ގައުމަށް އޮންނާނީ 99 އަހަރަށް ކުއްޔަށް ދީފައެވެ. https://sun.mv/217593 ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބުނީ، 2018 ވަނަ އަހަރު އިނގިރޭސިވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ ފަހުންނެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން ނެރުނު ލަފާގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށެވެ. އެއަށްފަހު، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް މޮރިޝަސްއިން ދިޔުމުން، އިޓްލޮސްއިން ވަނީ ކަނޑުގެ އިން ކަނޑައަޅައިފައެވެ. މި ސަރުކާރުން ވެރިކަމަށް އައީ، އެ ނިންމުމާއެކު ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދާނެ ކަމުގެ ވައުދާއެކުގައެވެ. އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަނީ، ގާނޫނުއަސާސީއާއި ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާކަމަށް ދިވެހި ސަރުކާރުން ބަލައިނުގަންނަ ކަމަށް ވިދާޅުވެފައެވެ. އަދި 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއްކަމަށް ގާނޫނުގައި ހިމެނުމަށް ހުށަހަޅުއްވާނެކަން ހާމަކުރައްވައިފައެވެ. އެ މަނިކުފާނު ވަނީ، ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ދޫކޮށްލި ބަޔެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި ޞާލިޙް މޮރިޝަސްގެ ރައީސަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަވާނެ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ އެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ