ކުރިއަށް އޮތް އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ދިވެހި ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، އަދި ބިދޭސީންނަށް ބިން މިލުކުރެވޭ ގޮތް ހަދައި ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ހިސާބަށް ގޮސްދާނެ ކަމުގެ އިންޒާރު ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ދެއްވައިފި އެވެ.
ފައްޔާޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުކޫކު ދެއްކުމަށް މާކުރިން ތައްޔާރުވާންޖެހޭ ކަމަށާއި ނަމަވެސް، މި ސަރުކާރުން އެކަމާ މެދު އަމަލުކުރާނެ އިތުބާރު ހުރި ފިސްކަލް ރޭވުމެއް މިހާތަނަށް ދައްކާފައި ނުވާ ކަމަށެވެ.
ސުކޫކު ދެއްކުމަށް އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ވަރަށް ބޮޑު އިންޓްރެސްޓެއްގައި 300 މިލިއަން ޑޮލަރު ނަގަން އުޅޭކަމުގެ އަޑުތައް ފެތުރިފައި ވާއިރު، އެކަމަށް އިޝާރަތް ކުރައްވައި ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ދަރަނި އަދާކުރުން އިތުރަށް ދަތިވާނެ ފަދަ 'ޑަބަލް ޑިޖިޓް' ގެ އިންޓްރެސްޓް ރޭޓްތަކުގައި ލޯނު ނަގަމުންދާ ކަމަށް ދެކެވޭ ވާހަކަތަކުގެ ސާފު ޖަވާބެއް ރައްޔިތުންނާއި ވިޔަފާރިތަކަށް އެނގެންޖެހޭ ކަމަށެވެ.
ކާގިލްއިން ލޯނު ނަގަން އުޅޭ ވާހަކަ މިހާތަނަށް ސަރުކާރުން ދޮގެއް ނުކުރެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން އެއްވެސް ބަހެއް ނުބުނެ އެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކޮވިޑް ދުވަސްވަރުގެ ދަރަންޏަށް ވަރަށް ބޮޑަށް ފާޑުކިޔުއްވަމުންކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، މި ވެރިކަމަށް ދެ އަހަރު ވެގެންދާއިރުވެސް އިގުތިސޯދީ އިސްލާހީ ރޭވުމެއް ފެންނަން ނެތް ކަމަށެވެ.
އޭގެ ސަބަބުން ދަރަނީގެ ބައެއް ދައްކުމަށް ފަހު ގޮތް ނޭނގޭ އުސޫލުތަކަކުން އަމިއްލަ ފަރާތްތަކުން އަވަސްއަވަހަށް ލޯނު ނަގައި، ރާއްޖޭގެ ރިޒާވްއާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އެއްކޮށް ހުސްކޮށްލަފާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. މީގެ ނަތީޖާއަކަށް ވާނީ ދުވަހަކުވެސް ގައުމު ވެއްޓިގެން ނުވާނެ ފަދަ ދަށު ދަރަޖައަކަށް ދިޔުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"އެންމެ ބޮޑު ކަންބޮޑުވުމަކީ، ބޭރު ގައުމުތަކަށް ބިން ވިއްކާ ކަމަށް ދެކެވޭ ވާހަކަތަކުން، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތުން،" ފައްޔާޒު ވިދާޅުވި އެވެ.
މިފަދަ ކަންކަމުން ފައިސާ ހޯދުމަކީ އެއްގޮތަކަށްވެސް ދަރަނި މެނޭޖުކުރުމެއް ނޫން ކަމަށާއި "މިއީ ރޭވުންތެރިކަމެއް އެއްގޮތަކަށްވެސް ނެތްކަމުގެ ސާފު ހެއްކެއް" އޭނާ ކަމަށެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުން ދަރަނި ނެގީ ކޮވިޑްގެ ސަބަބުން އާމްދަނީން ގެއްލުނު 25 ބިލިއަން ރުފިޔާގެ އުނިކަން ފޫބެއްދުމަށާއި، ވަޒީފާތަކާއި ވިޔަފާރިތައް ހިފެހެއްޓުމަށެވެ.
"[ނަމަވެސް] މިއަދު ދަރަނި ނަގަނީ އަސްކަރީ ޑްރޯންތަކުން ފެށިގެން ސިޔާސީ މަގާމުތަކުގެ ދިގު ލިސްޓާ ހަމައަށް، ސިޔާސީ އަމިއްލަ އެދުންތައް ފުއްދުމަށް،" ފައްޔާޒު ވިދާޅުވި އެވެ.
ސަރުކާރުން ކުރާ ހަރަދުތައް މިހާ ބޮޑުއިރުވެސް، ގިނަ ރަށްރަށަށް އިގުތިސޯދީ ގޮތުން ލިބުނު ހަގީގީ ފައިދާއެއް، ހިދުމަތަކަށް އައި ކުރިއެރުމެއް، ނުވަތަ ރައްޔިތުންގެ ދިރިއުޅުމަށް ސީދާ އެހީތެރިވާނެ މަޝްރޫއެއް ފެންނާކަށް ނެތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އެސްއެމްއީތައް ބަނގުރޫޓު ވަމުން ދާއިރު، އެ ވިޔަފާރިތައް އަލުން އާރޯކޮށް ކޮޅަށް ޖެހުމަށް އެތައް އަހަރެއް ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިފަދަ ސަބަބުތައް ފެންނަން ހުރުމުން، ރާއްޖެ މިދަނީ އިގުތިސޯދީ ބަނގުރޫޓުވުމަކާ ދިމާއަށްތޯ ނުވަތަ ނޫންތޯ އެނގުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ބޮޑެތި އިންޓްރެސްޓް ރޭޓްގައި ލޯނު ނަގާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަކުރުމަށްވެސް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
ސުކޫކު ދައްކަން ރިޒާވް އާއި ގައުމުގެ މިނިވަންކަން ނުރައްކަލަކަށް ހުށަހެޅިގެން ގޮސްދާނެ: ފައްޔާޒު ސުކޫކު ދައްކަން ރިޒާވް އާއި ގައުމުގެ މިނިވަންކަން ނުރައްކަލަކަށް ހުށަހެޅިގެން ގޮސްދާނެ: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ