ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެނުދިން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ ދަށުން މެމްބަރުންގެ ގޮނޑި ގެއްލުން ނުހުއްޓުވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވާއިރު، އެ މައްސަލާގެ ހުކުމް ކުރަންދެން، ޕާޓީން ވަކިވުމުން ނުވަތަ ވަކިކޮށްގެން މެމްބަރެއްގެ ގޮނޑި ގެއްލޭ ފަދަ ކަމެއް ނުކުރަން ވަގުތީ އަމުރަކަށް އަލީ ހުސައިންގެ ފަރާތުން އެދުނެވެ.މީގެ އިތުރުން އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ އަމުރަކަށް ވެސް އެ މައްސަލާގައި އެދުނެވެ. އެ އަމުރަށް އެދުނުތާ ދޮޅު އަހަރު ފަހުން ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ ގޮނޑި ގެއްލޭ ފަދަ ފިޔަވަޅެއް ނާޅަން އަމުރެއް ނެރެމަކީ މައްސަލާގެ މައުޟޫއުއަށް އަސަރު ކުރާނެ ކަމެއް ކަމަށް ވާތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ އަމުރަކަށް ވެސް އެ މައްސަލާގައި އެދުނެވެ. ނަމަވެސް އެކަމާ ގުޅިގެން ނިންމި ނިންމުމުގައިވަނީ އެފަދަ އަމުރެއް ނެރުމަކީ ފަނޑިޔާރުންގެ މަސްލަހަތު ހިމެނޭ ކަމެއްގައި ފަނޑިޔާރުން އަމިއްލައަށް ގޮތެއް ނިންމުން މަނާކުރާ އުސޫލާ ހިލާފު ކަމެއް ކަމަށް ވާތީ އެފަދަ އަމުރެއް ވެސް ނެރެދެވެން ނެތް ކަމަށެވެ.އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ