ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރާ ރަސްމިއްޔާތަށް ރައީސް ފުރާވަޑައިގެންފި

ބަނގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް މިރޭ ފުރާވަޑައިގެންފި އެވެ. 
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މި ރަސްމިޔާތަށް ވަޑައިގަންނަވަނީ، ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު އެ ގައުމުގައި އެކުލަވާލި ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑރ. މުހައްމަދު ޔޫނުސްގެ ދައުވަތަކަށެވެ. މި ރަސްމިޔާތަށް 13 ގައުމެއްގެ ވެރިންނަށް ދައުވަތު ދީފައިވެ އެވެ.
ތަފްސީލް - ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގަ އެވެ.
ރައީސް އޮފީހުން ބުނީ އަންނަ ބުދަދުވަހުގެ ނިޔަލަށް ރައީސް އެކޮޅުގައި މަޑުކުރައްވާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ތާރިގް ރަހުމާނާ ބައްދަލުކުރައްވަން ވެސް ހަމަޖެހިފައިވެ އެވެ. 
އެނގުން މުހިންމު - މިދިޔަ ބުރާސްފަތިދުވަހު ބޭއްވި އާންމު އިންތިހާބު ކާމިޔާބުކުރީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އެވެ. މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން، ބީއެންޕީ ހިމެނޭ ކޯލިޝަނަށް 209 ގޮނޑި ކާމިޔާބުވެފައިވާކަން ނަތީޖާތަކުން ދައްކަ އެވެ.
މިއީ 2024ގައި އޭރުގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ވައްޓާލި ފަހުން އެ ގައުމުގައި ބޭއްވި ފުރަތަމަ އިންތިހާބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ