'އާޓް އިން އެމްބަސީސް'ގެ ނަމުން އެމެރިކާގެ މަޝްހޫރު އަދި ހުނަރުވެރި އާޓިސްޓުންގެ ކުރެހުންތަކުގެ މައުރަޒެއް މި މަހު ކުރީކޮޅު އެމެރިކާގެ ސަފީރު ހިއުގޯ ޔޮންގެ ރަސްމީ ރެސިޑެންސް 'އައިރާ'ގައި ވަނީ ދައްކާލައިފަ އެވެ. މި ހަފްލާގައި ވަނީ އެމެރިކާގެ އެމްބަސީގެ އިސް ފަރާތްތަކުގެ އިތުރުން، ދިވެހި އާޓިސްޓުންނާއި ލިއުންތެރިން، ތާރީހު ދިރާސާކުރާ މީހުންގެ އިތުރުން ދިވެހި ފަންނުވެރިން ވެސް ބައިވެރިވަފަ އެވެ.
އެމްބެސެޑަރު ހިއުގޯ ޔޮން މަގާމާ ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު 2023ގަ އެވެ. އެކަމަކު މިހާރު އޭނާ ވަނީ އެނބުރި އެމެރިކާއަށް ވަޑައިގެންފަ އެވެ.
ޔޮން ވިދާޅުވި ގޮތުގައި މި މައުރަޒުގައި ހިމެނޭ ގިނަ ކުރެހުންތަކުން ދައްކައިދެނީ އޭނާ އާއި މޫދާ އޮތް ގާތް ގުޅުމެވެ. އެއީ ޔޮން އުޅެ ބޮޑުވީ ޕެސިފިކް ކަނޑުގެ ބައި މޭލު ދުރުގައި އޮންނަ ސެން ފްރެންސިސްކޯގައި ކަމަށް ވެފައި، އެ ކަނޑުގެ ބާރާއި ރީތިކަމަށް ބޮޑު ލޯތްބެއް އޮންނާތީ އެވެ. މިއީ ރާއްޖެއާ މެދު އޭނާ ދެކެވަޑައިގަންނަވާ ގާތް ގުޅުން ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން 1963ގައި އުފެއްދި 'އާޓް އިން އެމްބަސީސް'އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ، އެމެރިކާގެ ޗާންސަރީސް، ކޮންސިއުލޭޓްތައް އަދި އެމްބަސީ ރެސިޑެންސްތަކުގައި ދާއިމީ އަދި ވަގުތީ މައުރަޒުތަކާއި، އާޓިސްޓު ޕްރޮގްރާމްތައް ރާވާ ހިންގަ އެވެ. އެމެރިކާއަށް ދަތުރު ނުކުރާ މީހުންނަށް އެމެރިކާގެ އާޓިސްޓުންގެ ތާރީހާއި މަސައްކަތް 'އާޓް އިން އެމްބަސީސް'ގެ ސަބަބުން ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބެ އެވެ.
ޔޮން ވިދާޅުވި ފަދައިން މި ހަފްލާގައި ދައްކާލި ގިނަ ކުރެހުންތަކުން ފެންނަނީ ބަނދަރުމަތީގެ ހަލަބޮލި މަންޒަރުތަކާއި ދޯނިފަހަރާއި ކަނޑުގެ އެކި ހިތްގައިމު މަންޒަރެވެ. ތެޔޮ ކުލަ އާއި ފެން ކުލަ، އެކްރެލިކް ރެސިން މަސައްކަތުން ފެށިގެން ސިލްކްސްކްރީން ޕްރިންޓުގެ މަސައްކަތް ވެސް ފެނެ އެވެ.
'ޕޮޕް އާޓް މޫވްމަންޓް'ގެ ތެރެއިން މަޝްހޫރުވި އާޓިސްޓް އޭންޑީ ވާހޯލްގެ 'ފްލަވާޒް' ސްކްރީންޕްރިންޓެއް ވެސް މި ކުރެހުންތަކުގައި ހިމެނެ އެވެ. މީގެ އިތުރުން 19 ވަނަ ގަރުނުގެ އާޓިސްޓުންގެ އިހުގެ ތެޔޮ ކުލައިގެ ކުރެހުންތަކެއް ވެސް ވެ އެވެ. އެގޮތުން އާޓިސްޓު ވިލިއަމް ޓްރޮސްޓް ރިޗާޑްސް (1833-1905) އަކީ ހިތްގައިމު 'ލޭންޑްސްކޭޕް' ކުރެހުންތަކަށާއި ފެންކުލައިގެ ކުރެހުންތަކަށް މަޝްހޫރު އާޓިސްޓެކެވެ. އާޓިސްޓު އެލިސް ބޭބާގެ ހިތްގައިމު އަދި ހުވަފެނީ ކުލަތަކުން ފުރިހަމަކޮށްފައިވާ އެބްސްޓްރެކްޓް ކުރެހުންތަކެއް ވެސް ހިމެނެ އެވެ.
ޔޮން ވިދާޅުވި ގޮތުގައި މި މައުރަޒުގައި ހިމެނޭ ތަފާތު ސްޓައިލްތަކާއި މީޑިއާތަކުން އެމެރިކާގެ އާޓްގެ މުއްސަނދިކަން ދައްކުވައިދެ އެވެ. ރާއްޖޭގައި މި މަސައްކަތް ދައްކާލުން އެކަށީގެންވަނީ ރާއްޖޭގައި ވެސް މުއްސަނދި ސާގަފަތާއި ފަންނުވެރި ތާރީހެއް އޮތުމުންނެވެ.
ޔޮންގެ ބަދަލުގައި ދެން އެމެރިކާގެ އެމްބަސަޑަރަކަށް ރާއްޖެއަށް ފޮނުވާނެ ބޭފުޅެއް އަދި ނޭނގެ އެވެ.
'އާޓް އިން އެމްބަސީސް'ގައި އެމެރިކާގެ ކުރެހުމުގެ ފަންނުވެރިކަން ދައްކާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ