ހުޅުމާލޭގެ ގިނަ ބަޔަކަށް ބިރުވެރި ރެއެއް؛ ކުރިއަށް އޮތީ ވެސް ގަދަ ވިއްސާރަ

އެއް ބަޔަކު ބުނި ގޮތުގައި، މިފަދަ ތަޖުރިބާއެއް އަދި ދުވަަހަކު ވެސް ނުކުރެވެ އެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ސަރަހައްދަށް އާދަޔާހިލާފަށް ގުގުރި އިރު، ގިނަ ބަޔަކަށް މިކަންވީ ބިރުވެރި ތަޖުރިބާއަކަށެވެ.
"ގުގުރާލާ ފަހަރަކު ގޭގެ ދޮރުތަކުގެ ބިއްލޫރިތައް ވެސް ތެޅިގަނޭ،" ހިޔާ ޓަވަރެއްގެ މަތީ ބުރީގައި އުޅޭ އަންހެނަކު ބުންޏެވެ.
"އެހާ ގަދަޔަށް ވިދާލާ. ވަރަށް ވަރަށް ބިރުގަތް."
ރޭ 11 ޖަހާކަން ހާއިރު ވިދާ ގުގުރަން ފެށިއިރު، ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުނެވެ. ވިދުވަރާ އެކު ހޮނު އަޅައި އިމާރާތަކަށް ގެއްލުން ލިބުނެވެ. އެ އިމާރާތުގެ ބޭރު ކޮންކުރިޓުގަނޑުން ބައެއް ނެއްޓުނު ނަމަވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ގިނަ ބަޔަކު ދިޔައީ އެ މީހުންގެ ތަޖުރިބާ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. ގުގުރާ ވިދާތަން ވީޑިއޯކޮށް، އޭގެ ބިރުވެރިކަމުގެ ވާހަކަ ދައްކަމުންނެވެ.
"ވިދާލާއިރު ހީވަނީ ހަމަ ދުވާލުހެން. މިހެން އިމާރާތްތަކުގެ މަތިން ބަލާލާއިރު ވަރަށް ބިރުވެރި އިހުސާސެއް ކުރެވެނީ،" އެހެން މީހަކު ލިޔެފައި ވެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ރޭ ފަހުން ވަނީ، ގަދައަށް ގުގުރާނެ ކަމަށް ލަފާކޮށް، ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.
ހޫނު ގަދަ މަސްތަކަކަށް ފަހު، ދެން އޮތީ ވިއްސާރަ ދުވަސްތަކެކެވެ. އަދި ހުޅަނގު މޫސުން ނުފެށޭތީ، މެޓު އޮފީހުން މި ގަދަ ބަލަނީ، 'ދެ މޫސުން ބެދޭ ވިއްސާރަ'އިގެ ގޮތުގަ އެވެ.
އެ ތަނުން ބުނި ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ އެވެ. ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ ތަނުން ބުންޏެވެ.
މިހާރު ވެސް ޅ. އަތޮޅުން ފެށިގެން އެންމެ ދެކުނާ ހަމައަށް އޮތީ ވައިޓު އެލާޓް ނެރެފަ އެވެ.
މެޓު އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރާ އަދި ވިލާގަނޑުގައި 40 މޭލަށް ވައިޖެހޭނެ ކަމަށެވެ. އެހެންވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ އެވެ.
ހުޅަނގު މޫސުން އާއްމުކޮށް ފެށެނީ ޖޫން މަހުގެ ކުރީކޮޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ