ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ކްލަބް ގްރީން ސްޓްރީޓްސް 4-1 އިން ބަލިކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބުން ލީގުގެ ދެ ވަަނަ ބުރުގައި އެ ޓީމުގެ މޮޅުވުުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.
ވިކްޓަރީން ވަނީ ލީގުގެ ދެ ވަނަ ބުރުގައި ކުޅުނު ތިން މެޗުން ކްލަބް އީގަލްސް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ. މި ތިން މޮޅާ އެކު، ލީގުގެ 12 މެޗުން ލިބުނު 19 ޕޮއިންޓާ އެކު ވިކްޓަރީ އޮތީ ހަ ވަނައިގަ އެވެ. އެއީީ، ހަތަރެއްގައި އޮތް ބުރު ސްޕޯޓްސް ކްލަބާއި ފަސް ވަނައިގައި އޮތް ނިއުރޭޑިއަންޓަށް ވުރެން އެއް ޕޮއިންޓް މަދުން ހޯދައިގެންނެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ލީޑުނަގަން ގާތަށް ޖެހިލީ ގްރީން ސްޓްރީޓްސް އިންނެވެ. އެ ޓީމުގެ މުހައްމަދު ޖައިލަމް (އޮގީ) ހަތް ވަނަ މިނިޓްގައި ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވި އެވެ.
ވިކްޓަރީން ލީޑުނެގީ 16 ވަނަ މިނިޓްގައި އެ ޓީމުގެ ސްލޮވާކިއާ ފޯވާޑް، މިލޯސް ލެޗްނީ ޖެހި ގޯލުންނެވެ. ހާފުގެ މެދު ރޮނގާހަމައިން ހިފައިގެން އައި ބޯޅަ ލެޗްނީ ވަނީ ގޯލުގެ ކަނަށް ފޮނުވާލައިފަ އެެވެ. މެޗުގެ 24 ވަނަ މިނިޓްގައި އަލީ ޝާމިސް (ތޮއްޕޭ) ވަނީ ވިކްޓަރީގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ހުސެއިން ފައިސަލް (ފައިޓޯ) އޭރިއާތެރެއަށް ނެގި ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ތޮއްޕޭ ޖެހި ގޯލެކެވެ.
ފުރަތަމަ ހާފުގެ ފަހު މިނިޓް ތެރޭގައި، ގްރީން ސްޓްރީޓްސް އޭރިއާތެރެއިން ވިކްޓަރީގެ ލެޗްނީ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެއް ގޯަލަށް ފޮނުވާލައި އޭނާ ވަނީ ވިކްޓަރީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މި ފަހަރުގެ ޓްރާންސްފާގައި ވިކްޓަރީއާ ގުޅުމަށް ފަހު ލެޗްނީ ވަނީ ތިން މެޗުން ފަސް ލަނޑު ޖަހައިފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު ވަނަ މިނިޓްގައި ވިކްޓަރީން ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖަހަން ފުރުސަތު ހޯދައިދިނީ ލެޗްނީ އެވެ. މެޗުގެ 49 ވަނަ މިނިޓްގައި ލެޗްނީ ހުސްކޮށްލާފައި ދިން ބޯޅައަށް އަރައި ބިޗަޑް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ގްރީން ސްޓްރީޓްސް އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު 77 ވަނަ މިނިޓްގައި ޖެހީ އެ ޓީމުގެ ކެޕްޓަން، ރިލްވާން ވަހީދު (ރިލޭ) އެވެ. އޭރިއާބޭރުން ލިބުނު ހިލޭޖެހުން ރިލޭ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
މި މެޗުން ބަލިވެ، ގްރީން ސްޓްރީޓްސް ލީގުގެ އަށް ވަނައިގައި އޮތީ 12 މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ.
ގްރީން ސްޓްރީޓްސް ވެސް ބަލިކޮށް ވިކްޓަރީގެ ރަނގަޅު ފޯމު ކުރިއަށް ގްރީން ސްޓްރީޓްސް ވެސް ބަލިކޮށް ވިކްޓަރީގެ ރަނގަޅު ފޯމު ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ