ފުލް ޓައިމް ވަޒީފާ އަދާކުރަމުން ޕީއެޗްޑީއަށް ނުކިޔެވޭ ގޮތަށް ނިންމައިފި
ފުލް ޓައިމްކޮށް ވަޒީފާ އަދާކުރަމުން ޕީއެޗްޑީއަށް ނުކިޔެވޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ނިންމައިފި އެވެ.އެމްކިޔުއޭއިން ނެރުނު އިއުލާނެއްގައި ވަނީ، ރާއްޖޭގައި ހިނގާ ޕީއެޗްޑީ ޕްރޮގްރާމުތަކަށް ވެސް، ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނެ ގޮތުގައި އުސޫލުގައިވާ މުއްދަތުތަކުގެ މިންގަނޑު، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން، ތަތުބީގުކުރަން ނިންމާފައިވާ ކަމަށެވެ.އެ ގޮތުން ފުލްޓައިމް މުއްދަތު ކަމަށް ބަލާނީ، އެމްއެންކިއުއެފް ގައިވާ ގޮތަށް މަދު ވެގެން ތިން އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ޕާޓްޓައިމް މުއްދަތު ކަމަށް ބަލާނީ، މަދު ވެގެން ފުލް ޓައިމް މުއްދަތުގެ ދެ ގުނަ ނުވަތަ އެއަށް ވުރެ މަދު މަދު ނޫން މުއްދަތެކެވެ.ޕީއެޗްޑީ ޕްރޮގްރާމަކީ، އެމްކިޔުއޭއިން ބުނި ގޮތުގައި، 360 ކްރެޑިޓު ހަމަ ވާން ޖެހޭ، ގިނަ އަދަދެއްގެ ދިރާސާތަކެއް އެކުލެވޭ ޕްރޮގްރާމެކެވެ. އަދި، މި ޕްރޮގްރާމް ތިން އަހަރުގެ ތެރޭގައި ފުރިހަމަ ކުރާ ނަމަ އެ މުއްދަތުގެ ތެރޭގައި 3،600 ގަޑިއިރު ފުރިހަމަ ކުރަން ޖެހެ އެވެ. މިހެންވެ، ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް ޕީއެޗްޑީއަށް ކިޔެވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް އެމްކިޔުއޭއިން ބުންޏެވެ.އެކަމަކު ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ދަތިވާނެކަން ފާހަގަކޮށް، އެމްކިއުއޭއިން ވަނީ އެފަދަ ފަރާތްތަކުން ޕީއެޗްޑީ ހާސިލްކުރާނަމަ ޕާޓްޓައިމްކޮށް އެކަން ކުރުމަށް އަންގައިފަ އެވެ.އެމްކިޔުއޭއިން ވަނީ، ރާއްޖޭގެ ޕީއެޗްޑީ ޕްރޮގްރާމުތަކުގެ ފެންވަރު ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ހިފެހެއްޓުމަށް ޓަކައި، މި މިންގަނޑާ އެއްގޮތަށް އަމަލުކުރަން އަންގާފަ އެވެ.ރާއްޖޭގައި ޕީއެޗްޑީ ހެދެނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިންނާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިންނެވެ. އެމްއެންޔޫގައި 16 ޕްރޮގްރާމެއް އޮންނަ އިރު، އައިޔޫއެމްގައި އޮންނަނީ ތިން ޕްރޮގްރާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ