މިދިޔަ އަހަރު ޕެރޯލަށް 241 ގައިދީން އެދުނު، މިނިވަންވީ ދެބައިކުޅަ އެއްބަޔަށްވުރެ މަދުން

މިދިޔަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި 241 ގައިދީން ހުށަހެޅި ނަމަވެސް، އޭގެ ތެރެއިން މިނިވަންވީ ދެބައިކުޅަ އެއްބަޔަށް ވުރެ މަދު އަދަދެއްގެ ގައިދީން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހާމަކޮށްފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ އަހަރު ޕެރޯލަށް އެދި ޖުމްލަ 241 ފޯމު ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވަނީ 189 ފޯމެވެ. ޖުމްލަ 43 ފޯމެއްގެ ޝަރުތު ހަމަނުވާއިރު، އަށް ފޯމެއް ހުށަހަޅާފައިވަނީ ފުރިހަމަ ނުކޮށެވެ. މީގެ އިތުރުން، އެއް މައްސަލައެއްގައި ގާނޫނީ ލަފާ ހޯދުމަށް ވަނީ ފޮނުވައިފައެވެ. ޝަރުތު ހަމަވި 189 ހުށަހެޅުމުގެ ތެރެއިން 42 ފޯމެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ކަރެކްޝަންސްއިން ބުނެއެވެ. 32 މައްސަލައެއްގެ މަސައްކަތް މުޅިން ނިމިފައިވާއިރު، 86 މައްސަލައެއް ގޮތް ނިންމުމަށްޓަކައި ހުށަހެޅިއެވެ. އެ 86 މައްސަލައިގެ ތެރެއިން ޕެރޯލް ބޯޑުން 42 މީހަކަށް ޕެރޯލް ދިނުމަށް ނިންމާފައިވާއިރު، 44 މީހެއްގެ ހުށަހެޅުން ވަނީ ބާތިލުކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި 22 މީހަކު އެއްވެސް އުސޫލަކާ ހިލާފުނުވެ ޕެރޯލްގެ މުއްދަތު ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވެއެވެ. އަދި ޕެރޯލްގެ ފުރުސަތު ލިބުނު 25 މީހަކު ވަނީ އެ ފުރުސަތުގެ ބޭނުން ހިފަން އިއުތިރާޒުކޮށްފައެވެ.ގައިދީން އަނބުރާ މުޖުތަމައަށް ނެރުމުގައި އިޖުތިމާއީ ގޮތުންނާއި އާއިލީ ގޮތުން ދިމާވާ ގޮންޖެހުންތައް ވެސް ކަރެކްޝަންސްއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، މިނިވަންވުމަށްފަހު ޒިންމާ ނަގާނެ ފަރާތެއް ނެތުމުގެ ސަބަބުން ދެ މައްސަލައެއް ކުރިއަށް ނުގެންދެވި މަޑުޖެހިފައިވެއެވެ. ޖުމްލަ ގޮތެއްގައި މިދިޔަ އަހަރު ޕެރޯލްގެ އުސޫލުގެ ތެރެއިން 27 މީހަކު ވަނީ އަނބުރާ މުޖުތަމައަށް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ