މި ސަރުކާރަށް މަޖިލިސް ލިބުނު ނަމަވެސް، ބާރުގެ ބޭނުން ނަހަމަގޮތުގައި ކޮށްފަ ނޯންނާނެ: ސަޢީދު

މި ސަރުކާރަށް މި ހިނގާ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ލިބުނުއިރު، އެ ބާރުގެ ބޭނުން ނަހަމަގޮތުގައި އެއްވެސް ވަރަކަށް ކޮށްފައި ނޯންނާނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ރޭ ވިދާޅުވެއްޖެއެވެ. އަންނަ ލޯކަލް ކައުންސިލު އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީން ވާދަކުރާ ދާއިރާތަކުގެ ތެރެއިން މާފަންނު ހުޅަނގު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ، މި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ދިނުމަކީ ރައްޔިތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުތަކަށް ރައްޔިތުން ކުރާ އިތުބާރު ފެނިގެން ދިޔަ ކަމެއް ކަމަށެވެ. މަޖިލިސް އެމަނިކުފާނަށް ލިބިވަޑައިގަތީމަ އަމަލުކުރެއްވި ގޮތް، މިއަދު އަޅުގަނޑުމެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ބަލާލާއިރުގަ އެއްވެސް ކަހަލަ ޕަވާ މިސްޔޫޒްކުރުމެއް ނެތްކަން އެނގޭނެ އިންސާފަށް ވިސްނާ ކޮންމެ ބޭފުޅަކަށް، ކޮންމެ ގާނޫނެއް ކޮންމެ މަސައްކަތެއް ކުރައްވައިފަ ހުރީ ރާއްޖޭގެ ސުލްހަ މަސްލަހަތު ގާއިމްކުރަންކަން، ތިބޭފުޅުންނަށް ހަމަ ރަނގަޅަށް ހަމަ އިންސާފުގެ ތެރެއިން ވަޒަންކުރެއްވީމަ ކަށަވަރުވެ ޔަގީންވެގެން ދާނެމުޙައްމަދު ސަޢީދު - އިކޮނޮމިކް މިނިސްޓަރު ސަޢީދު ވިދާޅުވީ، ވަކި ޕާޓީއެއްގެ ފިކުރަކަށް ނުވިސްނައި އާންމު ރައްޔިތުން އަމިއްލައަށް ވިސްނައިފިނަމަ، މި ސަރުކާރު އައީ ރާއްޖޭގެ އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރަންކަން އެނގޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ތަރުތީބުވެފައިވަނީ އެ އުސޫލުން ކަމަށް ވިދާޅުވެ، މިދިޔަ ނަވާރަވަނަ މަޖިލީހުގައި މާވަށު ދާއިރާގެ މެންބަރުކަންވެސް ކުރެއްވި ސަޢީދު ވަނީ، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފައެވެ. ހަމަ ގައިމުވެސް އަޅުގަނޑުމެންގެ ޕީޖީ ލީޑަރަށް ގުޅާލިޔަސް ބައްދަލުވިޔަސް، އަދި މަގެއް މަތިން މިހެން ދަނިކޮށް ސިއްރުން މިހެން ފެނިލާ ވަގުތެއްގަވެސް އަބަދުވެސް ހިނިތުންވުމުގަ ހުންނަވާނީ، ހާސްކަމެއް ނެތް، މާޔޫސްކަމެއް ޕީޖީ ލީޑަރުގެ މޫނަކުން ހަމަ އަސްލަށްވެސް ނުފެނޭ،މުޙައްމަދު ސަޢީދު - އިކޮނޮމިކް މިނިސްޓަރު ހަމަ އެއާއެކު، ސަޢީދު، މާލޭގެ މޭޔަރުކަމަށް ޕީއެންސީން ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ ޢަލީ ޖަލީލަށް ތައުރީފްކުރައްވައި ވިދާޅުވީ، ޖަލީލު ހާހެއްނުވާނެ ކަމަށާއި، ކޮންމެ ކަމެއް ކުރެއްވުމަށް އަބަދުވެސް ހުންނަވާނީ ތައްޔާރަށް ކަމަށެވެ. "ދުވަހަކުވެސް އަޑެއްނާހަން، މިހާ ޝައުގުވެރިކަމާއެކު، މިހާ ފަރުވާތެރިކަމާއެކު، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަކު މަސައްކަތްތަކެއް ކުރެއްވި ކަމެއް، ހަމަ ދުވަހަކުވެސް ދިވެހިރާއްޖޭން ހިޔެއްނުވޭ އަޅުގަނޑަކަށް ފެންނާނެހެން،" ސަޢީދު ވިދާޅުވިއެވެ. މި ސަރުކާރުން މަޖިލީހުގެ މެޖޯރިޓީ ނަހަމަ ގޮތުގައި ބޭނުން ނުކުރާ ކަމަށް, ސައީދު ވިދާޅުވިއިރު މަޖިލީހުގެ ތެރެއިން ބައެއް ކަންކަން ކުރައްވާ ގޮތަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އޭގެން އެއް ކަމަކީ ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި, ކުއްލި އަދި އަވަސް ބަދަލެވެ. އެ ބަދަލު ގާނޫނު އަސާސީއާ ފުށުއަރާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ވިދާޅުވީ އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލަ ބެލޭނެ ކަމަށެވެ. ދެން ކުއްލިއަކަށް ފެނުނީ އޭސީސީ މެދުވެރިކޮށް ޖޭއެސްސީއަށް މައްސަލައެއް ހުށަހަޅައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑް ކުރި މަންޒަރެވެ. އޭގެ މާ ގިނަ ދުވަހެއް ނުވެ އެ ފަނޑިޔާރުން ވަކިކުރިއެވެ. މީގެ އިތުރުން ވެސް ސަރުކާރުން ހުށަހަޅާ ހުރިހާ ބިލެއް, ރަނގަޅަށް ބަހުސް ކުރުމެއް ނެތި ފާސްކޮށް ނިންމާ ކަމަށް ވެސް މިހާރު މި ހިނގާ މަޖިލީހަށް ތުހުމަތު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ