މީހަކު މަރުވުމުން ފެންނަ ޢަލާމާތްތަކުން ދެނެގަނެވިދާނެ ބައެއް ކަންކަން-

މަރުވާ ކޮންމެ މީހެއްގެ ކިބައިން ޢަލާމާތްތަކެއް ނުފެނިދާނެއެވެ. އެކަމަކު ބައެއް މީހުންގެ ކިބައިން ޢަލާމާތްތައް ފެނެއެވެ. އެކަން މެދުވެރިކުރައްވަވަނީ ދިރިތިބި މީހުންނަށް ޢިބްރަތަކަށެވެ. ވިސްނައި ހޭލުންތެރިވުމަށެވެ.  
ފަހެ މަރުވާމީހެއްގެ އަނގައިން ލޮންޖާއި ކުޅު ފައިބައި ތުންފަތް ކުރުގެޅި، މޫނު ކަޅުވެ، ލޯރީނދޫވެ، މިކަހަލަ عَلاَمَة ތައް ފެންނަނީނަމަ އެއީ އެމީހާގެ އަބާއްޖަވެރިކަމުގެ عَلاَمَة ތަކެވެ. އެމީހާއަށް އެމީހާގެ އަބާއްޖަވެރިކަމުގެ ގޮތްތައް كَشْفُ ވެގެންވަނީ އެވެ. މަރުވާމީހާގެ އަނގަ ސާފުވެ ތެތްކަން ކުޑަވެ، ހިނިތުންވެ، މޫނު އަލިވެ ލޯމަރައި، މިގޮތްތައް ފެންނަނަމަ އެއީ ބާއްޖަވެރިކަމުގެ عَلاَمَة ތަކެވެ. އެމީހާގެ كَرَامَة ތެރިކަމުގެ حَقِيْقَة  އެމީހާއަށް كَشْفُ ވެ އެކަމުން އުފާވެރިވެގެން ވަނީއެވެ.  
ބާއްޖަވެރިވެގެންވާ نفس މަލާއިކަތާ ހިއްޕަވައިފިއްޔާއި، މަލާއިކަތާގެ އަތްޕުޅުން އެލިބިގަންނަނީ މޫނުފުޅު ރިވެތި ވެގެންވާ މާތް ދެމަލާއިކަތުންނެވެ. އެބެއިކަލުންގެ ވަސް ނުހަނު މީރުވެގެންވެއެވެ. ދެން އެނަފްސު ސުވަރުގޭގެ  ފަށު ފޭރާންކޮޅެއްގައި އޮޅައިލައްވަތެވެ. އެއިރު އެނަފްސު އޮންނަހުށީ މާމުއިކުޅަނދުރެއްގެ ބޮޑުމިނުގައި އެއިގެ ވެރިޔާގެ ސިފައިގައެވެ. އެމީހާގެ ބުއްދިއާއި ދުނިޔޭގައި ހުރިއިރު ހޯދައި ލިބިގެންފައިވާ علم އަކާއި މިއިން ހަމަ އެކައްޗެއް އުނިވެ ނެތި ނުދެއެވެ. ދެން އެނަފްސައިގެން އެބެއިކަލުން އަވަސް އަވަހަށް މަތިވެރިވެގެންފާނެތެވެ. ހަވާގެ ތެރެއަށް އެބޭކަލުން އަރުއްވައިގެން ދާހިނދު އެމީހާ ދަންނަ މީސްތަކާއި ނުދަންނަ މީސްތަކާއި ބައްދަލުވަމުން ދާހުއްޓެވެ. ވެއަތުވެދިޔަ قَرْنُ ތަކާއި، އިސްވެދިޔަ أمّة ތަކުގެ މީސްތަކުންނާއި ބައްދަލުވަމުންދާ ހުއްޓެވެ. ފެތުރިގެންވާ ގޮއްފުޅަނގި ތަކެއްފަދައިން މީސްތަކުންގެ ނަފްސުތައް ފެތުރިގެންވާ ހުއްޓެވެ.  
މިގޮތްމަތީންގޮސް އެންމެ ގާތަށް އޮތް އުޑާއި ބައްދަލުވެދާ ހުއްޓެވެ. ފަހެ އެފުރާނައިގެ މައްޗަށް އަމާނަތްތެރި ވެގެންވާ މަލާއިކަތާ އެފުރާނަ އާއިގެން ވަޑައިގަތުމަށް އިޒުނަ އެދިވަޑައިގެންފާ ހުއްޓެވެ. އެމަލާއިކަތާއަށް ބުނެވޭނެއެވެ. ތިބާއީ ކޮންބޭކަލެއްތޯއެވެ. ތިޔަބޭކަލަކާއި އެކުގައި އައީ ކާކުތޯއެވެ. އެމަލާއިކަތާ ވިދާޅުވެދާނެޔޭ އަހުރެންނީ صَلْصَا ئِيْل އެވެ. އަހުރެންނާއި އެކުގައި ގެނައީ އެވެނިމީހާގެ ދަރި މިވެނިމީހާއެވެ. އެމީހާޔަށް ކިޔޭ އެންމެ ރިވެތި ނަމަކުން ވިދާޅުވާ ހުއްޓެވެ. އެއުޑުގެ މަލާއިކަތާ ވިދާޅުވާނެޔޭ އަވަހަށް ވަންނަވާށެވެ. ތިބާއީ ރަނގަޅު މީހެކެވެ. ހިތުގެ عقيدة ތައް ރަނގަޅެވެ. ދީނާއި ދޭތެރޭގައި ޝައްކު ކުރާމީހެއް ނޫނެވެ. ދެން ދެވަނަ އުޑާއި ހަމަވެދާ ހުއްޓެވެ.  
މިތަނުންވެސް އިހުފަދައިން އިޒުނައެދި އިހުފަދައިން ވާހަކަ ދެކެވި މިތަނުން އިޒުނަ ދެއްވޭއިރު އަންގަވާނެތޭ، އަވަހަށް ވަންނަވާށެވެ. ތިޔަމީހާއީ فَرْضُ ނަމާދުތަކުގެ މައްޗަށް ރައްކައުތެރިވާ މީހެކެވެ. ތިންވަނަ އުޑުގެ ކައިރީން އިޒުނަ ދެއްވޭއިރު، ތިޔަމީހާއީ زَكَاة حقّ އަށް އަދާކުރާމީހެކޭ އެންގެވޭހުއްޓެވެ. ހަތަރުވަނަ އުޑުގެ ކައިރީން ރޯދަ ރަނގަޅަށް ހިފާމީހަކުކަން އެންގެވޭ ހުއްޓެވެ. ފަސްވަނަ އުޑުގެ ކައިރީން حَجّ وَاجِبُ ވީމާ އެކަން ރަނގަޅަށް އަދާކުޅަ ވާހަކަ އެންގެވޭނެއެވެ.
ހަވަނަ އުޑުގެކައިރީން އެމީހާއީ ހައުރު ދަމުގެ ވަގުތުގައި اَستَغْفَار ކޮށް صَدَقَاتދީ يَتِيْمُ ންނަށް ކަމޭހިތައި އުޅުނު މީހަކު ކަން އެންގެވޭ ހުއްޓެވެ. ހަތްވަނަ އުޑުގެ ކައިރީން އެމީހާއީ اَمْرُ مَعْرُوفކޮށް مُنْكَرَات ތައް نَهِي ކޮށް مِسْكِينُ ންނަށް ކަމޭހިތައި އުޅުނު މީހެއްކަން އެންގެވޭހުއްޓެވެ. މިދޭދޭ ދެމެދުން مَلاَئِكة ންގެ قوم قوم އާ ބައްދަލުވާ ހުއްޓެވެ. އެއެންމެ ބެއިކަލުން އެމީހާއަށް ސުވަރުގޭގެ ވާހަކައިން އުފާވެރިކުރައްވާ ހުއްޓެވެ. އަދި ސަލާމް ކުރައްވައި مُصَافَحَة ކުރައްވާހުއްޓެވެ.  
މިގޮތްމަތީން ގޮސް سِدْرَةُ الْمُنتَهَى އާއި ހަމަވުމުން އެމީހާ އާއިގެން ވަދެގެން ދިއުމަށް އިޒުނަ އެދިދާ ހުއްޓެވެ. އެތަނުން ނިދާ އިއްވޭ ހުއްޓެވެ. އަވަހަށް ވަންނަވާށެވެ. މިވެނިމީހާއަށް އުފާފާގަތިކަން ހުއްޓެވެ. ތިޔަމީހާއީ އެމީހާގެ عَمل ތައް މާތްރަސްކަލާގެ  وجه ފުޅަށް خلاص ވެގެންވާ މީހެކެވެ. ދެން އަލިފާނުން އޮތް ކަނޑެއްގައްޔާއި، نور ންއޮތް ކަނޑެއްގައްޔާއި، އަދިރިކަމުން އޮތް ކަނޑެއްގައްޔާއި، ފެނުންއޮތް ކަނޑެއްގައްޔާއި، ގަނޑުފެނުން އޮތް ކަނޑެއްގައްޔާއި، ފިނީން އޮތް ކަނޑެއްގައި ކަޑައްތުކޮށް ދާހުއްޓެވެ. މިއިން ކޮންމެ ކަނޑެއްގައި ހާސް އަހަރުގެ ރާސްތާ ވެއެވެ. ދެން عَرْشِى ގެ حجاب ތަކުގެ ތެރެއަށް ވަދެވިގެން ދެވޭނެއެވެ.  
އެއީ އަށްޑިހަހާސް حجاب އެވެ. ކޮންމެ حجاب އަކަށް އަށްޑިހަހާސް شُرَافَة ވެއެވެ. ކޮންމެ شُرَافَة އެއްގައި ހަނދެއްހުންނަ ހުއްޓެވެ. އެތަކެތި އަބަދާއި އަބަދު މާތްރަސްކަލާނގެ ކިބައަށް تَسْبِيح تَقْدِيس ކިޔަކިޔައި ތިބޭހުއްޓެވެ. އެއިން އެންމެ ހަނދެއް ދުނިޔޭގެ عَالم އަށް ފައުޅުވާނޭނަމަ ކަލާނގެ ރަސްކަންފުޅު ފިޔަވައި އަޅުކަންކުރެވި އެންމެން އެހެން ހުރިހާ ކަމެއްދޫކޮށް سَجِدَة ގައި ތިބެދާހުއްޓެވެ.  
އަދި އެއިގެ نُور ގެ ގަދަކަމުން އުޑުތަކާއި ބިން ނެތިވެ ހިނގައިދާ ހުއްޓެވެ. މިހިސާބުން ނިދާޔެއް އިވޭހުއްޓެވެ. ތިޔަބެއިކަލުން ގޮވައިގެން އައީ ކާކުހެއްޔެވެ. އެބޭކަލުން އިޖާބަ ދެއްވާނެތޭ މިއީ އެވެނި މިވެނި މީހާއެވެ. ދެން ނިދާ އިއްވޭހުއްޓެވެ. ތިމަންސުވާމީންގެ އަޅާ އާއިގެން ވަންނާށެވެ. ދެންފަހެ އެއަޅާއާއި މާތްރަސްކަލާނގެ ބަސް وحى  ކުރައްވައި އެއަޅާގެ ބައެއްބައެއް ކުށް އަންގަވައި، ދެނެއްވާ ސަލާމަތެއްނެތޭ ހަލާކުވަނީއޭ ހީވެ ރަކިވެ، ދާހިލި ކެކޭފަހުން وحى ކުރައްވާ ހުއްޓެވެ. އަހުރެން عَفُو ކޮށް رَحْمَة ލައްވައިފީމެވެ. ހިގައިދާށެވެ. ދެން އުފާފާގަތިކަމުގައި ހިގައިދާ ހުއްޓެވެ.
 
- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ