ހިމޭން ވޭނުގެ ނިމުން: ގަނާކުރުމާއި ނަފުސާނީ ދުޅަހެޔޮކަން
ރާއްޖޭގެ ޒުވާނުންގެ މެދުގައި އަމިއްލައަށް މަރުވުމުގެ ހާދިސާތައް އިތުރުވަމުންދާކަމަށް ފާހަގަކުރެވުމަކީ މުޅި މުޖުތަމަޢު ކަންބޮޑުވާ، ނާޒުކު މައްސަލައެކެވެ. މިފަދަ ހާދިސާތަކުގެ ސީދާ ސަބަބުތައް ބަޔާންކުރާ ދިރާސާއެއް ރާއްޖޭގައި ނެތް ނަމަވެސް، ބައިނަލްއަޤުވާމީ ހޯދުންތަކުން ދައްކާގޮތުގައި މިއީ ގިނަ ފަހަރަށް ނަފްސާނީ އަދި އިޖުތިމާޢީ ގޮންޖެހުންތަކެއްގެ ނަތީޖާއެކެވެ. އެގޮތުން، ގަނާކުރުމާއި ޑިޕްރެޝަނާއި ޢާއިލީ ފިއްތުންތަކަކީ މިފަދަ ނުރައްކާތެރި ޚިޔާލުތަކަށް މަގުފަހިކުރާ "ހިމޭން ވޭންތަކެއް" ކަމަށް ބެލެވެއެވެ. މިއީ މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަމަށް އޮތް ބޮޑު ގޮންޖެހުމަކަށްވާއިރު، މިކަމަށް ހުރިހާ ދާއިރާއަކުން ގުޅިގެން (މަލްޓި-ޑިސިޕްލިނަރީ) ސީރިއަސް ސަމާލުކަމެއް ދޭންޖެހެއެވެ. ދުނިޔޭގެ ޙާލަތާއި ޒުވާނުންނަށް އޮތް ނުރައްކާ ދުނިޔޭގެ ހާލަތަށް ބަލާއިރު، އަމިއްލައަށް މަރުވުމަކީ އާންމު ސިއްހަތަށް އޮތް އެންމެ ސީރިއަސް އެއް ނުރައްކަލެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހާމަކުރާ ގޮތުގައި ކޮންމެ އަހަރަކު ހަތްލައްކައަށްވުރެ ގިނަ މީހުން އަމިއްލައަށް މަރުވެއެވެ. އަދި 2021 ވަނަ އަހަރު، އުމުރުން 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުން މަރުވުމަށް މެދުވެރިވި ތިންވަނައަށް އެންމެ ބޮޑު ސަބަބަކީ މިއީއެވެ (ޑަބްލިޔުއެޗްއޯ 2025). ޒުވާނުންނަށް މި ނުރައްކާ ކުރިމަތިވުމުގައި، ޑިޕްރެޝަނާއި ހާސްކަން ފަދަ ނަފްސާނީ ބަލިތަކުގެ އިތުރުން، އަނިޔާވެރިކަމާއި ގަނާކުރުން ފަދަ އިޖުތިމާޢީ މައްސަލަތައް ބޮޑު ދައުރެއް އަދާކުރެއެވެ. ހަމަމިއާއެކު، ދަރިން ބެލެހެއްޓުމުގައި އެކަށީގެންނުވާ ހަރުކަށި އުސޫލުތައް ގެންގުޅުމާއި، ބޭނުންވާ ވަގުތު ޢާއިލާގެ ފަރާތުން އެހީތެރިކަމާއި އަޅާލުން ނުލިބުމަކީ ވެސް މި މައްސަލައާ ގުޅިފައިވާ ކަންކަމެވެ. މީގެ ތެރެއިން ވެސް، ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނުރައްކާވާ މުހިންމު ސަބަބުތަކުގެ ތެރޭގައި ގަނާކުރުން ހިމެނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ (ޑަބްލިޔުއެޗްއޯ 2025). ޔުނިސެފް މޯލްޑިވްސް (2025) ގެ ރިޕޯޓުން ދައްކާގޮތުގައި، ރާއްޖޭގެ 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ކޮންމެ ސަތޭކަ ކުއްޖަކުން ގާތްގަނޑަކަށް ނަވާރަ ކުދިންނަކީ (18.8 އިންސައްތަ) އާދައިގެ މިންވަރަކުން ފެށިގެން ނުރައްކާތެރި މިންވަރަކަށް ޑިޕްރެޝަން ނުވަތަ މާޔޫސްކަން ތަޙަންމަލުކުރާ ކުދިންނެވެ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ސަބަބަކީ، އަމިއްލައަށް މަރުވުމުގެ ހާދިސާތަކަކީ އެކި ސަބަބުތައް މެދުވެރިވެގެން ހިނގާ ކަމެއް ނަމަވެސް، މަރުވާން ހިތަށް އެރުމާއި އެފަދަ ޢަމަލުތައް ހިންގުމަށް މަގުފަހިކުރާ އެއް ސަބަބަކީ ޑިޕްރެޝަންކަން ގިނަ ދިރާސާތަކުން ދައްކައެވެ (ފްރޭންކްލިން އެޓް އަލް. 2017؛ ޑަބްލިޔުއެޗްއޯ 2025). ގަނާކުރުން: ނަފްސާނީ ސިއްހަތަށް އޮތް ހުރަހެއް ގަނާކުރުމަކީ ޒުވާނުންނަށް ކުރިމަތިވާ ނަފްސާނީ ގޮންޖެހުންތަކާ ގުޅިފައިވާ އެއް ސަބަބެވެ. ނަމަވެސް، މިއީ އޭގެ ސީރިއަސްކަން ގިނަ ފަހަރަށް ވަޒަން ނުކުރެވޭ ކަމެކެވެ. ޢާއިޝަތު ނަޝީދާ (2017) ރާއްޖޭގައި ކުރެއްވި ދިރާސާއަކުން ދައްކާގޮތުގައި، ފުރާވަރުގެ ކުދިންނަށް ތަފާތު ގޮތްގޮތަށް ގަނާކުރުން ކުރިމަތިވެއެވެ. މީގެ ތެރޭގައި ބަހުގެ ހަމަލާ އާއި ޖިސްމާނީ އަނިޔާއިން ގަނާ ކުރުމާއި، އަދި އިޖުތިމާޢީ ގޮތުން ދަތިކޮށްގެން ގަނާކުރުން ހިމެނެއެވެ. މީގެ ތެރެއިން އެންމެ އާންމީ ބަހުގެ ހަމަލާދީގެން ގަނާ ކުރުމެވެ. ރާއްޖޭގެ ކުދި ޖަޒީރާ ރަށްތަކުގައި އެންމެންނަކީ އެކަކު އަނެކަކު ދަންނަ ބަޔަކަށް ވުމުން، މީހުން ކުރާ މަލާމާތާއި ފުރައްސާރައިން ސަލާމަތްވުން ވަރަށް އުނދަގޫ ކަމަކަށް ވެއެވެ. ސްކޫލްގެ ގޯތިތެރެއިން ފެށޭ ގަނާކުރުން، މީސްމީޑިއާ މެދުވެރިކޮށް ގެއާ ހަމައަށް ވެސް ފޯރައެވެ. މިގޮތަށް ކުއްޖާގެ ފަހަތުން "ހިޔަންޏެއްހެން" މި ނޭދެވޭ ޢަމަލުތައް ދިއުމުން، އެކުދިންނަށް ނޭވާލާނެ ހަމަޖެހޭ މާހައުލެއް ނުލިބި، އެކަނިވެރިކަމާއި ބިރުވެރިކަން އިހުސާސްކުރަން ޖެހެއެވެ. ގަނާކުރުމާއި ޑިޕްރެޝަން އަދި އަމިއްލައަށް މަރުވުމުގެ ނުރައްކަލާ ދެމެދު އޮތް ވަރުގަދަ ގުޅުން ބައިނަލްއަގުވާމީ ފަހުގެ ދިރާސާތަކުން ވެސް ހާމަކޮށްދެއެވެ. 2024 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުގައި، ފުރާވަރުގެ ކުދިންނަށް ކުރިމަތިވާ ގަނާކުރުމާއި ސައިބަރ-ބުލީކުރުން (އޮންލައިންކޮށް ގަނާކުރުން)، އަމިއްލައަށް މަރުވުމުގެ ޚިޔާލުތަކާ ގުޅުވައިދޭ މުހިންމު މެދުވެރިއަކީ ޑިޕްރެޝަނެވެ (ތަބާރޭޒް އެޓް އަލް. 2024). އިންޓަނެޓްގެ ޒަރީއާއިން ކުރާ ގޯނާތަކުގެ ސަބަބުން ކުދިން އަމިއްލަ ނަފްސަށް އަނިޔާކުރުމާއި މަރުވާން ހިތަށް އެރުމުގެ ފުރުސަތު ބޮޑުވާކަން ސައިބަރ-ބުލީކުރުމާ ބެހޭ ދިރާސާތަކުން ހާމަވެއެވެ (މަހްޒޫނާ އެޓް އަލް. 2024). މިއީ މިއަދު ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެކެވެ. ސަބަބަކީ ސްކޫލު ނިމުމަކުން ގަނާކުރުން މިހާރު ނިމުމަކަށް ނާންނާތީއެވެ. ފޯނާއި ގްރޫޕް ޗެޓްތަކާއި މީސްމީޑިއާގެ މަންސަތަކުގެ ތެރެއިން މިކަން މެދުނުކެނޑި ކުރިއަށްދެއެވެ. ނަފްސާނީ ބަލިތަކާއި އީމާންތެރިކަން އަހަރެމެންގެ މުޖުތަމަޢުގައި އޮތް އެއް ކުށްހީއަކީ، ޑިޕްރެޝަން ނުވަތަ އަމިއްލައަށް މަރުވުމުގެ ޚިޔާލުތަކަކީ އެއީ ހަމައެކަނި "އީމާންތެރިކަން ބަލިކަށިވުމުގެ" ނިޝާނެއް ކަމަށް ގަބޫލުކުރުމެވެ. މިފަދަ ވިސްނުމެއްގެ ސަބަބުން، ޒުވާނުން އެމީހުންގެ އިހުސާސްތައް ހިއްސާކުރުމަށް ނުވަތަ ފަންނީ އެހީތެރިކަން ހޯދުމަށް ފަސްޖެހެއެވެ. ޑިޕްރެޝަނަކީ ހަމައެކަނި އީމާންތެރިކަން ބަލިކަށިވުމުން ދިމާވާ ކަމެއް ކަމަށް ބަލައިގެން ނުވާނެއެވެ. ނަމަވެސް، އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމުގައި ރޫޙާނީ ބަހާއަކީ ވަކިނުކުރެވޭނެ މުހިންމު އަސާސެކެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، ދީނީ ކަންކަމަށް ފަރުވާކުޑަކުރުމާއި ރޫޙާނީ ގުޅުން ބަލިކަށިވުމަކީ، ދުނިޔަވީ އެހެން ސަބަބުތަކެކޭ އެއްފަދައިން، ނަފްސާނީ ބަލިމަޑުކަމަށް މަގުފަހިކޮށްދޭ ނުރައްކާތެރި ބަހާއެކެވެ. އެހެންކަމުން، މި ބައްޔަށް ފަރުވާ ހޯދުމުގައި ސިއްހީ އެހީތެރިކަމުގެ އިތުރުން، ރޫހާނީ ދުޅަހެޔޮކަން އިއާދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އިސްލާމްދީނަކީ އިންސާނާގެ ނަފްސާނީ ވޭންތަކަށް އިންކާރުކުރާ ދީނެއް ނޫނެވެ. އިސްލާމީ ނަޒަރަކުން ނަފްސާނީ ތަކުލީފުތައް ކީރިތި ޤުރުއާނުގައި މިކަމުގެ އަލިގަދަ މިސާލުތައް ބަޔާންކުރައްވާފައިވެއެވެ. އެގޮތުން، ޔޫސުފްގެފާނު ގެއްލުމުގެ ހިތާމައިގައި، ޔަޢުޤޫބުގެފާނުގެ ލޯފުޅު ހުދުވެ، ފެނުމުން މަޙްރޫމްވާ މިންވަރަށް ހިތާމަކުރެއްވިކަން ބަޔާންކުރައްވާފައިވެއެވެ (ޔޫސުފް ސޫރަތް: 84). އަދި އައްޔޫބުގެފާނަށް ކުރިމަތިވި ބޮޑެތި ތަކުލީފުތަކުގެ ސަބަބުން، މާތް ﷲގެ ޙަޟްރަތުގައި ދަންނަވައި ދުޢާކުރެއްވިކަން ވެސް ބަޔާންކުރައްވާފައިވެއެވެ (އަންބިޔާއު ސޫރަތް: 83). މި ހާދިސާތަކުން ހާމަވަނީ، އެންމެ މަތިވެރި ނަބީބޭކަލުންނަށް ވެސް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތަޙަންމަލުކުރަން ދަތި ވޭންތައް ކުރިމަތިވި ކަމެވެ. މި ހުރިހާ ޙަލަތެއްގައި ވެސް އެ ބޭކަލުންނަށް ޝިފާއަކަށްވީ މާތް ﷲ އަށް ކުރެއްވި ވަރުގަދަ އިތުބާރާއި ދުޢާއެވެ. އެހެންކަމުން، ފުރިހަމަ ޝިފާއެއް ލިބޭނީ ޑޮކްޓަރީ ފަރުވާއާއި ނަފްސާނީ އިރުޝާދުގެ އިތުރުން، ނަފްސުގެ ރޫޙާނީ ބާރު ވަރުގަދަ ކޮށްގެންނެވެ. އިސްލާމްދީނަކީ އިންސާނާގެ ފުރާނައަށް ނުހަނު ބޮޑު ޤަދަރެއް ދޭ ދީނެކެވެ. އިންސާނާގެ ފުރާނައަކީ އޭނާގެ އަމިއްލަ މިލްކެއް ނޫންކަމާއި، އެއީ މާތް ﷲ ދެއްވާފައިވާ މުޤައްދަސް އަމާނާތެއްކަން ދީނުގެ އަސާސްތަކުން އެނގެއެވެ. އެހެންކަމުން، އެއްވެސް ޙާލެއްގައި އަމިއްލަ ނަފްސު ހަލާކުކޮށްލުމާއި އަމިއްލައަށް މަރުވުން މާތް ﷲ ވަނީ ކަނޑައެޅިގެން ޙަރާމްކުރައްވާފައެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا)) (އައްނިސާ: 29). "އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ". މީގެ އިތުރުން، އަމިއްލައަށް މަރުވުމަކީ ބޮޑުވެގެންވާ ފާފައެއްކަން އަންގަވައި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. "ތޫނު އެއްޗަކުން މީހަކު އޭނާގެ ނަފްސު ޤަތުލުކޮށްފިނަ، އެ ހަތިޔާރެއް އަމިއްލަ ބަނޑަށް ހަރަހަރައި، ނަރަކައިގެ އަލިފާނުގައި އޭނާ އަބަދަށް ދެމިހުންނާނެތެވެ. އަދި ވިހައެއް ބޮއެގެން އަމިއްލައަށް މަރުވެއްޖެ މީހާ، އެ ވިހަ ބޮއެބޮއެ، ނަރަކައިގެ އަލިފާނުގައި އޭނާ އަބަދަށް ދެމިހުންނާނެތެވެ. އުސްތަނަކުން (ފަރުބަދައަކުން) ފުންމާލައިގެން އަމިއްލައަށް މަރުވެއްޖެ މީހާ، ނަރަކައިގެ އަލިފާނުގައި ވެއްޓިވެއްޓި، އަބަދަށް ދެމިހުންނާނެތެވެ" (ޞަޙީޙުލް ބުޚާރީ: 5778؛ ޞަޙީޙު މުސްލިމް: 109). އަމިއްލައަށް މަރުވުން މިހާ ވަރުގަދައަށް ނަހީކުރައްވާފައި އޮތުމުގެ މާނައަކީ ފުރާނަ ރައްކާތެރިކުރުމަށް ދީން ދޭ ސަމާލުކަން ބޮޑުކަމެވެ. ބަޝާރަތާއި އިންޒާރުގެ މަންހަޖު މި މައްސަލައަށް ޙައްލު ހޯދަންޖެހޭނީ ހަމައެކަނި އިންޒާރުތައްދީ ހަރުކަށިކަމާއެކު މުޢާމަލާތުކޮށްގެނެއް ނޫނެވެ. އޭގެ ބަދަލުގައި، ޙިކުމަތާއި އޯގާތެރިކަން އަދި ޒިންމާދާރުކަން އިސްކުރާންޖެހޭނެއެވެ. މިއީ މީސްތަކުން އިޞްލާޙުކުރެއްވުމުގައި ކީރިތި ރަސޫލާ ﷺ ގެންގުޅުއްވި "ބަޝާރަތާއި އިންޒާރުގެ" މަތިވެރި މަންހަޖެވެ (އަލްބަޤަރާ: 119). އެކަލޭގެފާނު، ނުރަނގަޅު ޢަމަލުތަކުގެ ނުރައްކާތެރިކަމާމެދު އިންޒާރު ދެއްވުމާއެކު، މާޔޫސްވެފައިވާ މީހުންނަށް މާތް ﷲ ގެ ރަޙުމަތުން އުންމީދު އާކޮށްދެއްވައި އުފާވެރި ޚަބަރު ދެއްވިއެވެ. އެހެންކަމުން، އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް ކުރިމަތިވާ ޒުވާނަކަށް އެންމެ ބޮޑަށް ބޭނުންވަނީ އަވަސް އެހީތެރިކަމާއި އޯގާތެރިކަމާއެކު ދެވޭ އިރުޝާދެވެ. ލަދުގަންނަވާލުމެއް ނުވަތަ "އީމާންތެރިކަމެއް ނެތޭ" ބުނެ މުޖުތަމަޢުގެ ކުރިމަތީގައި ކުށްވެރިކުރުމަކީ ރަސޫލާ ﷺ ގެ މަތިވެރި ސީރަތުން ފެންނަން އޮތް ގޮތެއް ނޫނެވެ. ދިރާސާތަކުން ދައްކާގޮތުގައި، ނަފްސާނީ ބަލިމަޑުކަން ތަޙަންމަލުކުރާ މީހުން އެހީތެރިކަން ހޯދުމަށް އޮތް ފާހަގަކުރެވޭ އެއް ހުރަހަކީ، މުޖުތަމަޢުން އެ މީހުންނާ މެދު ދެކޭނެ ނުބައި ގޮތަކާ މެދު ހިތުގައި އޮންނަ ބިރުވެރިކަމެވެ (ޑަބްލިޔުއެޗްއޯ 2024). ވުމާއެކު، އަމިއްލައަށް މަރުވުން ޙަރާމް ކުރައްވާފައިވާކަން ބަޔާންކުރާއިރު، އެކަން ކުރަންޖެހޭނީ އެހީތެރިކަމަށް މަގުފަހިވާނެ ގޮތަކަށެވެ. ހަމައެކަނި ކުށްވެރިކުރުމަށް ނުވަތަ ހަރުކަށި ބަސްތަކަށް އިސްކަންދިނުމަކީ، މިހާރު ވެސް މި ތަދާއި ވޭން ތަޙަންމަލު ކުރަމުންދާ ކުދިން އިތުރަށް ބިރުގަނެ، އެހީއަށް އެދުމަށް ފަސްޖެހި "ހިމޭންވުމަށް" މަގުފަހި ވެދާނެ ކަމެކެވެ. އަޅުގަނޑުމެންގެ އަމާޒަކަށް ވާންޖެހޭނީ އިންސާނީ ކަރާމާތް އިސްކޮށް، ފަސްނުޖެހި އެހީތެރިކަން ހޯދުމަށް ހިތްވަރު ލިބޭނެ ފަދަ އޯގާތެރި މާޙައުލެއް ބިނާކުރުމެވެ. މުޖުތަމަޢުގެ ޒިންމާ އާއި ޙައްލު މިކަމުގެ ޙައްލަކީ އެންމެންގެ ބައިވެރިވުން ހިމެނޭ އިޖުތިމާޢީ ޙައްލަކަށް ވާންޖެހެއެވެ. ޢާއިލާތަކުން ކުދިންގެ ވާހަކަތައް މިހާރަށްވުރެ ފަރުވާތެރިކަމާއެކު އަޑުއަހަންޖެހެއެވެ. ޚާއްޞަކޮށް، ނިދުމާއި ކެއުމާއި މިޒާޖާއި ނުވަތަ އިޖުތިމާޢީ ގުޅުންތަކަށް ކުއްލި ބަދަލެއް އައިސްފައިވާނަމަ އެކަމަށް ސަމާލުވާންޖެހެއެވެ. މީގެ އިތުރުން، ސްކޫލްތަކުގައި ގަނާކުރުން ހުއްޓުވުމުގެ ސާފު ސިޔާސަތުތަކެއް އޮތުމާއެކު، ބިރުގަތުމެއްނެތި މައްސަލަ ރިޕޯޓުކުރެވޭނެ ރައްކާތެރި ނިޒާމެއް ޤާއިމުކުރަންޖެހެއެވެ. ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަކީ ވަކީލުކުރުމާ ފުށުއަރާ ކަމެއް ނޫންކަމާއި، އެއީ މާތް ﷲ މެދުވެރިކުރައްވާފައިވާ "ސަބަބުތަކުގައި" ހިފުންކަން ދީނީ ޢިލްމުވެރިން ބަޔާންކޮށްދިނުން މުހިންމެވެ. ހަމައެއާއެކު، ސިއްހީ އިދާރާތަކުން ޒުވާނުންނާ ގުޅޭ ނަފްސާނީ ޚިދުމަތްތައް ފުޅާކޮށް، އާންމުން ހޭލުންތެރިކުރުވަން ޖެހެއެވެ. ނަފްސާނީ އެހީތެރިކަމަކީ ފަސޭހައިން ލިބޭނެ، ބަލައިގަނެވޭނެ، އަދި ޒުވާނުންގެ ބޭނުންތަކަށް އިޖާބަދޭ ޚިދުމަތްތަކަކަށް ވާންޖެހޭނެ ކަމަށް ޑަބްލިޔުއެޗްއޯ އާއި ޔުނިސެފް (2024) އިން ބާރުއަޅައެވެ. ޒުވާނުން އަމިއްލައަށް މަރުވުމަކީ މުޅި މުޖުތަމަޢަށް އޮތް އިންޒާރެކެވެ. އެފަދަ ހިސާބަކަށްދާ ކޮންމެ ޒުވާނެއްގެ ފަހަތުގައި، ހިމޭން ވޭންތަކެއް ތަޙަންމަލު ކުރަމުންދާ އެތައް ޒުވާނުންނެއް ތިބެދާނެއެވެ. އަޅުގަނޑުމެން އެކުދިން ޙިމާޔަތްކުރަން ބޭނުންނަމަ، ގަނާކުރުމުގެ ޢަމަލުތައް ހުއްޓުވައި، ނަފްސާނީ އެހީތެރިކަން ހޯދުމަށް އޮންނަ ބިރުވެރިކަމާއި ލަދުވެތިކަން ނައްތާލަން ޖެހެއެވެ. ހަމަމިއާއެކު، ޢާއިލީ ގުޅުންތައް ބަދަހިކޮށް، ސުކޫލުގެ އެހީތެރިކަން އިތުރުކޮށް، އަދި ފަންނީ ނަފްސާނީ ފަރުވާ ހޯދުން ފަސޭހަކުރަން ޖެހެއެވެ. އެންމެ މުހިންމު ކަމަކީ، 'އަހަރެން ރަނގަޅެއް ނޫން' ކަމަށް ބުނަން ޒުވާނުންނަށް ކެރޭ ފަދަ، އަދި އެ ވާހަކަ އަޑުއަހާނެ ބަޔަކު ތިބިކަން ޔަގީންވާ ފަދަ އޯގާތެރި މާހައުލެއް މުޖުތަމައުގައި އުފެއްދުމެވެ. ރިފަރެންސް:ކީރިތި ޤުރުއާންޞަޙީޙުލް ބުޚާރީ (ޙަދީޘް ނަންބަރު: 5778).ޞަޙީޙު މުސްލިމް (ޙަދީޘް ނަންބަރު: 109).Franklin, Joseph C., Jessica D. Ribeiro, Kathryn R. Fox, Kate H. Bentley, Evan M. Kleiman, Xieyining Huang, et al. “Risk Factors for Suicidal Thoughts and Behaviors: A Meta-Analysis of 50 Years of Research.” Psychological Bulletin 143, no. 2 (2017): 187–232.Mahzunah, N., et al. “Cyberbullying and Its Association with Self-Harm and Suicidal Behaviour among Adolescents.” 2024.Nasheeda, Aishath. “Bullying among School Students in the Maldives.” 2017.Tabares, A., et al. “Depression as a Mediator between Bullying, Cyberbullying, and Suicidal Ideation among Adolescents.” 2024.UNICEF Maldives. Adolescent Well-Being and Mental Health in the Maldives. Malé: UNICEF Maldives, 2025.World Health Organization. Mental Health and Stigma: Barriers to Care. Geneva: World Health Organization, 2024.World Health Organization. Suicide Worldwide in the 21st Century: Global Health Estimates. Geneva: World Health Organization, 2025.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ