ކުޅުދުއްފުށީ މަގު ހެދުމުގެ 3 ވަނަ ފިޔަވަހީގެ ސަރވޭ މަސައްކަތް ކުރިއަށް

ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ 3 ވަނަ ފިޔަވަހީގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ މަގުތަކުގެ ސާރވޭގެ މަސައްކަތްތައް ފަށައިފިއެވެ.
މަގު ހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތްތައް ސަރުކާރުން ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރްޑީސީއާއެވެ. އެކުންފުންޏާ މި މަސައްކަތް ޙަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 31 ޖުލައި 2025 ގައެވެ. އަދި މިދިޔަ އޮގަސްޓްމަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި މަޝްރޫޢު ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.
އާރްޑީސީން ވިދާޅުވީ، ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގައި ހިމެނޭ މަގުތަކުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކާ ކުރަންޖެހޭ ސާރވޭގެ މަސައްކަތް އެކުންފުނީގެ މުވައްޒަފުން މިހާރު ކުރަމުންދާކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށި ސީޓިގައި 3.4 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި ދުވާރު ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރުން ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުމާއި ކުޅުދުއްފުށި ސިޓީގެ ނުހަދާ ހުރި ހުރިހާ މަގެއް ޑިޒައިން ކުރުން ހިމެނެއެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، މި މަޝްރޫޢު އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 730 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަސައްކަތަށް 100.4 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މީގެ ކުރިން 2 ފިޔަވައްސަކަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށްގެންގޮސްފައިވެއެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ތާރު އަޅައިގެން 18 މަގެއް ތަރައްޤީކުރިއެވެ. އަދި 2022 ވަނަ އަހަރު ވަނީ އިތުރު 24 މަގު ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ފަށާފައެވެ. މި މަސައްކަތްތައްވެސް ކޮށްފައިވަނީ އާރްޑީސީންނެވެ.
ކުޅުދުއްފުއްޓަކީ އުތުރުގެ ރަށްތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު އަދި، އެކި ޚިދުމަތްތަކަށް އެންމެ ގިނަ ބަޔަކު އަރާ ފައިބާ ރަށެވެ. ރީޖަނަލް ހޮސްޕިޓަލާއި އެއާޕޯޓާއި އަދި ސަރުކާރުގެ އޮފީސްތަކުގެ އެކި ޚިދުމަތްތަކަށް ގިނަ ބަޔަކު ދަތުރުކުރާ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ