ގުރައިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓަށް ކުރިމަތިލާން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އިދިކޮޅު ޕީޕީއެމުން މިއަދު ހުޅުވާލައިފިއެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކުރިޔަށް އޮތް އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "ސަން"އަށް ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުހަވުގެ 14:30ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ހީނާ ވިދާޅުވީ ކުރިމަތިލާ ކެންޑިޑޭޓުންގެ އަދަދަށް ބެލުމަށްފަހު ޕްރައިމަރީ ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހު ކަމަށެވެ. ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީން ވެސް ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ މި ހިނގާ މާޗު މަހުގެ 11ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ