ކުރެއްވި ހުވަޔާ ރައީސް ޞާލިޙް ޚިލާފުވެއްޖެ: މެމްބަރު ވައްޑޭ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙް ކުރެއްވި ހުވަޔާ އެމަނިކުފާނު ޚިލާފުވެވަޑައިގެންފިކަމަށް، ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
މެމްބަރު ވައްޑޭ މިފަދައިން ވިދާޅުވީ، ޗާގޯސް މައްސަލައިގައި ރާއްޖެއާއި މޮރީޝަސްގެ އިން ކަނޑައެޅުމުގައި ދިވެހި ދައުލަތުގެ ފަރާތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ސީ (އިޓްލޮސް) ގައި ވަކާލާތުކުރިއިރުގައި، ރާއްޖޭގެ މަސްލަހަތު އިސްކޮށްފައި ނުވާކަމަށް އަދި މި މައްސަލަ ފެންމަތިވެފައި ވަނިކޮށް، ރާއްޖޭގެ މަސްލަހަތަށް ފުށުއަރާގޮތަށް ރައީސް ޞާލިޙް، މޮރީޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި "ސިއްރު" ސިޓީފުޅާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކަށް ބާރުދޭ މޭރުމުން ކުރެއްވި ޓުވީޓެއްގައެވެ.
މި ޓުވީޓުގައި މެމްބަރު ވަނީ ރައީސް ހުވާކުރެއްވި މަންޒަރުގެ ބައެއް ފެންނަ ވީޑިއޯއެއް ހިއްސާކުރައްވާފައެވެ. އެއީ، "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، ދިވެހި ގައުމަށް އިހުލާސްތެރިވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތްވާގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތައް، ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު އަދާކުރުންމަތީ ދެމިހުރުމަށް މާތް ﷲ ގަންދީ ހުވާކުރަން"، ކަމަށް ރައީސް ޞާލިޙް ވިދާޅުވާ ވީޑިއޯއެކެވެ.
މި ވީޑިއޯ ހިއްސާކުރައްވާ މެމްބަރު ވައްޑޭ ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައިރު ދިވެހިރާއްޖޭގެ މަސްލަހަތާއި، ޤާނޫނުއަސާސީއާއި ޤާނޫނުގައި ކަނޑައަޅާފައިވާ ސަރަހައްދުގެ ދިފާޢުގައި ރައީސް ޞާލިޙް އެއްވެސް ކަމެއް ނުކުރެއްވި ކަމަށާއި، އެހެންކަމުން ރައީސް އެހުންނެވީ ކުރެއްވި ހުވަޔާ ޚިލާފުވެގެންކަމަށެވެ.
އިން ކަނޑައެޅުމުގެ މައްސަލައިގައި ރާއްޖެއިން ޒަމާނުއްސުރެ ބޭނުންކުރަމުން އައި 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދުން، 45،000 އެއްހައި އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ގެއްލޭގޮތަށް ދިވެހި ސަރުކާރުން ވަކާލާތުކޮށް، އިން ކަނޑައެޅުމަކީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ސިފަކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.
ހާއްސަކޮށް އިޓްލޮސް އިން ކުރި ހުކުމުގައި، ރާއްޖޭގެ ރައީސް، މޮރީޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކަށް ރިއާޔަތްކޮށްފައިވާކަމަށް ބުނެ، އެ ސިޓީފުޅަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ގެއްލުމުގައި ބޮޑު ހިއްސާއެއް އަދާކުރި އެއްޗެއްކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ. އެހެންކަމުން، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކޮށްފައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަންނަނީ އެ ސިޓީ ފުޅު ހާމަކުރުމަށް ގޮވާލައްވަމުންނެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައިއިރު އެ ސިޓީފުޅު ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ރާއްޖޭގެ ސަރުކާރުން އަމަލުކޮށްފައިވާގޮތާމެދު ހިތްހަމަނުޖެހި، ރާއްޖޭގައި ނަގާކިޔޭ ބޮޑެތި ސިޔާސީ ޕާޓިތަކާއި، ސިޔާސީ ލީޑަރުން ވަނީ އިއްތިހާދެއް އެކުލަވާލާފައެވެ. އެ އިއްތިހާދުން އަންނަނީ މިކަމާ ދިވެހި ރައްޔިތުން ދެކޮޅުކަން ހާމަކުރުމަށް، ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި މިކަމާ ދެކޮޅަށް، އަންނަ ޖޫން މަހުގެ ދެވަނަ ދުވަހު މުޅި ރާއްޖެއަށް ހުޅުވާލައިގެން އެއްވުމެއް ބޭއްވުމަށް ވެސް އެ އިއްތިހާދުން އަންނަނީ މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ