އަބްދުﷲ ޖަމީލްގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ޖަމީލް އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުކޫތެއް ގެނެސްފިއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެކި ވުޒާރާތަކުގެ ވަޒީރުކަން ކުރައްވާފައިވާ އަބްދުﷲ ޖަމީލު އަވަހާރަވީ އިއްޔެ ހެނދުނު މާލޭގައެވެ. އޭނާ އަވަހާރަވީ އަލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ފަހުންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރީން ހާޒިރުވެ ތިއްބެވި ހުރިހާ މެންބަރުން ވަނީ އަބްދުﷲ ޖަމީލްގެ ހަނދާނުގައި ގެނައި ސުކޫތުގައި ބައިވެރިވެފައެވެ. އަދި، އޭނާގެ ހަނދާނުގައި މިއަދު މެންދުރުފަހު 2:00 އިން ފެށިގެން މަޖިލިސް އިދާރާގައި ދަފުތަރު ހުޅުވަން ވަނީ ނިންމައިފައެވެ. އަބްދުﷲ ޖަމީލް ވަނީ 1964 ވަނަ އަހަރުން ފެށިގެން 1970 ވަނަ އަހަރުގެ ނިޔަލަށް އަދި 1972 ވަނަ އަހަރުން 1995 ވަނަ އަހަރުން މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ. އަދި، 1980 އިން ފެށިގެން 1995 ގެ ނިޔަލަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް އޭނާ ކުރައްވާފައިވެއެވެ. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލް މަރުޙޫމް އަބްދުﷲ ޖަމީލް މީގެ އިތުރުން ހެލްތު މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރު ކަމާއި ޓޫރިޒަމް މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރު ކަމާއި ހައުސިން މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމު ވެސް އަދާ ކުރެއްވިއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްކަން ވެސް ކުރެއްވީ އަބްދުﷲ ޖަމީލެވެ. އޭނާ އަދާކުރެއްވި އިތުރު މަގާމްތަކުގެ ތެރޭގައި ޒުވާނުންގެ މަރުކަޒުގެ ރައީސް ކަމާއި މާފަންނު އަވަށު އޮފީހުގެ ވެރިޔާކަން ކުރެއްވިއެވެ. އަބްދުﷲ ޖަމީލަށް ވަނީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވައިފައެވެ. އަބްދުﷲ ޖަމީލަކީ އައްޝައިޚް މުހައްމަދު ޖަމީލް ދީދީގެ ދޮށީ ފިރިހެން ބޭފުޅެވެ. އޭނާ އަވަހާރަވިއިރު ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ